ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)އިން 93ވަޒީފާއެއްގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެކޯޕަރެޝަނުން ވަޒީފާގެ ފުރުޞަތުތު ހުޅުވާލާފައިވަނީ މާލެއާއި ގދ.ތިނަދުއަށް ހާއްޞަކޮށްގެންނެވެ. އެއީ މާލޭގައި ހިންގާ ބައެއް މަޝްރޫޢުތަކާ ގުޅިގެން ހުޅުވާލި 51 ވަޒީފާއާއި ގދ.ތިނަދޫގައި ހިންގާ މަޝްރޫޢުތަކާ ގުޅިގެން ހުޅުވާލި 42 ވަޒީފާއެވެ.
ބައެއް މަޝްރޫޢުތަކާ ގުޅިގެން ވަޒީފާގެ ފުރުސަތުތައް ހުޅުވާލީ އާރުޑީސީން މިވަގުތު ކުރިއަށް ގެންދާ މަޝްރުޢުތަކަށް މުވައްޒަފުން މަދުވާތީއާއި މަސައްކަތުގެ ރޭޓް އަވަސްކުރުމުގެ މަޤުސަދުގައިކަމަށް އެކޯޕަރެޝަނުން ވިދާޅުވެއެވެ. އަދި ހުނަރުވެރި މަސައްކަތަށް ފަރުވާތެރި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަކީވެސް އާރު.ޑީ.ސީގެ އަމާޒެއްކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.
އާރުޑީސީން މާލެ ސަރަހައްދުގައި ހިންގާ މަޝްރޫޢުތަކާ ގުޅިގެން ވަނީ ސަޕޯޓް ސްޓާފުންނާއި ސްޕަވައިޒަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ލޮރީ ޑްރައިވަރުންނާއި އެކްސްކަވޭޓަރ އޮޕަރޭޓަރުންނާއި މޭސަނުންނާއި ލޮރީ ޑްރައިވަރުންނާއި އިލެކްޓްރީޝަނުންނަށް ވަޒީފާއަށް ހުޅުވާލާފައެވެ. މިއީ ދެޖިންސުގެ މީހުންނަށްވެސް ހުޅުވާލާފައިވާ ފުރުސަތެކެވެ.
ތިނަދޫގައި ހިންގާ މަޝްރޫޢުތަކަށް ހޯދަނީ ސުޕަވައިޒަރަކާއި، ޕްރޮޖެކްޓް އެސިސްޓެންޓަކާއި، މެކޭނިކަކާއި ސަޕޯޓް ސްޓާފުންނެވެ. އަދި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ލޮރީ ޑްރައިވަރުންނަށްވެސްވަނީ ވަޒީފާގެ ފުރުސަތު ހުޅުވާލާފައެވެ.
މިމަހުގެ 26އިން 28ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ފުރުޞަތުތަކަށް އާންމުގެ ތަރުހީބު ލިބެމުންދާކަމަށް އާރު.ޑީ.ސީ ވިދާޅުވެއެވެ.
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އަކީ ރާއްޖޭގެ މަގުހެދުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ކޯޕަރެޝަނެކެވެ.