ޚަބަރު

"ފޮތްހަރު"ތައް މައިޒާންތަކަށް


ޤައުމީ ކުތުބުޚާނާގެ ފަރާތުން މާލޭގެ މައިޒާންތަކުގައި "މަގުމަތީ ފޮތްހަރު" ބަހައްޓަން ފަށައިފިއެވެ. މި މަސައްކަތަކީ "ދުނިޔޭގެ ފޮތާއި ކޮޕީރައިޓްސް ދުވަސް" އަދި ޤައުމީ ކުރުބުޚާނާ އަށް 75އަހަރު ފުރުނު ރަން ޔޫބިލް ފާހަގަކުރުމުގެ ގޮތުން ފަށާފައިވާ މަސައްކަތެކެވެ.

"މަގުމަތީ ފޮތްހަރު"ތަކަކީ މުޖުތަމަޢުގެ މީހުންނަކީ ފޮތްކިޔާ، މަޢުލޫމާތު މުއްސަނދި ބަޔަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ޤައުމީ ކުތުބުޚާނާއިން ފެށި ހަރަކާތެކެވެ. ފޮތް ހަރު އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނުއާއި، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޞިފާ މުޙައްމަދުއެވެ.

މި މަސައްކަތް ފެށިއިރު ދެ ތަނެއްގައިވަނީ ފޮތް ހަރު ބަހައްޓާފައެވެ. މަސައްކަތް އިފްތިތާޙުކުރުމުގެ ގޮތުން ފޮތް ހަރު ބަހައްޓާފައިވަނީ ކަޅުވަކަރު މިސްކިތް މައިޒާނާއި، ހިއްތަން މައިޒާނުގައެވެ.

ޤައުމީ ކުތުބުޚާނާއިން ވިދާޅުވީ މި މަސައްކަތާއެކު އެ ސަރަޙައްދެއްގެ އަވައްޓެރި ކުޑަކުދިންނާއި ބޮޑެތި މީހުން މެދުގައި ފޮތް ކިއުމުގެ ޝަޢުގުވެރިކަން އިތުރުކުރެވޭނެކަމަށެވެ.

މިއީ ކުދި ފޮތް ހަރުތަކެކެވެ. ފޮތް ހަރުގައި ބަހައްޓާފައިވާ ފޮތްތައް ކޮންމެ މީހަކަށްވެސް ނެގޭނެއެވެ. ފޮތް ހަރުން ފޮތް ދޫކޮށް ބަލައިގަތުމުގައި އެއްވެސް މެދުވެރިއެއް ނުހުންނާނެއެވެ. އެންމެނަށް ހުޅުވާލާފައިވާ ފޮތް ހަރުގައިވާ ފޮތްތައް ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު ފޮތް ހަރުގައި ހަރުކޮށްފައި ހުންނާނެއެވެ. ފޮތް ގެންދިއުމާ އަދި ފޮތް ކިޔާ ނިމުމުން އެ ފޮތް، އަނބުރާ ފޮތް ހަރަށް ގެނެސްދިނުމަކީވެސް ފޮތް ގެންދާ ފަރާތުގެ ޒިންމާއެކެވެ.

ފޮތް ހަރަށް ފޮތް ހަދިޔާކުރުމުގެ ފުރުޞަތުވެސްވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެގޮތުން ވާހަކަ ފޮތްތަކާއި އެކި އެކި މަޢުޟޫއަށް ލިޔެފައިވާ ފޮތްތައްވެސް ހަދިޔާކުރެވޭނެއެވެ.

މަގުމަތީގައި ފޮތް ހަރު ބެހެއްޓުމުގެ މަސައްކަތަކީ މާލޭގައި މިގޮތަށް ފެށި ފުރަތަމަ މަސައްކަތެވެ. ފޮތް ހަރުތައް ހަދާފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކުއެވެ.

ޤައުމީ ކުތުބުޚާނާއިން ވިދާޅުވީ ކުރިއަށްއޮތްތާނގައި މީގެ އިތުރު ފޮތް ހަރުތައް މާލޭގެ ތަފާތު އެކި މައިޒާންތަކުގައި ބަހައްޓަމުންދާނެކަމަށެވެ.