ޚަބަރު

އެމްޑަބްލިއުއެސްސީގެ "ރިހި 25" ނައިބު ރައީސްއަށް ހަދިޔާކޮށްފި


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)ގެ ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވާލާ، ޝާއިޢުކޮށްފައިވާ ފޮތް "ރިހި 25" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމަށް ހަދިޔާކުރައްވައިފިއެވެ.

މި ފޮތް އެ މަނިކުފާނާ ހަވާލުކޮށްދެއްވީ، މި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަދިޔާކޮށްފައިވާ ފޮތަކީ އެމް.ޑަބްލިއު.އެސް.ސީ.ގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް ޝާއިޢުކޮށްފައިވާ ފޮތެކެވެ.

ފޮތުގައި ކުންފުނި އުފެދިގެން އައި ގޮތާއި އެކުންފުނިން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކުގެ ތަފްސީލުތައް ހިމަނާފައިވެއެވެ. އަދި ކުންފުނީގެ މަސައްކަތް ފެށުނީއްސުރެ މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތްވަނީ ހިމަނާފައެވެ. ފެނާއި ނަޖިހުގެ ހާލަތާމެދު މާލޭގައި އެންމެ ފުރަތަމަ ކުރެވުނު އިލްމީ ދިރާސާ ރިޕޯޓުން ފެށިގެން އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ވެސް މިފޮތުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން މިހާރު އެމް.ޑަބްލިޔު.އެސް.ސީއިން ފެނާއި ނަރުދަމާގެ އިތުރުން އެހެން ދާއިރާތަކުގައި ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް މިފޮތުގައި ވަނީ އަލިއަޅުވާލާފައެވެ.