ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)އިން މާލެއާއި ގދ.ތިނަދުއަށް ހާއްޞަކޮށް 90 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.
އާރު.ޑީ.ސީއިން ހުޅުވާލި ވަޒީފާގެ ފުރުޞަތުތަކަކީ މިހާރު އެކުންފުނިން ކުރިޔަށްގެންދާ ޕްރޮޖެކްޓުތަކަށް މުވައްޒަފުން މަދުވުމުން، ޕޮރްޖެކްޓްތަކުގެ މަސައްކަތުގެ ރޭޓް އަވަސްކުރުމަށްޓަކައި ހޯދާ މުވައްޒަފުންކަމަށް އާރު.ޑީ.ސީން ބުނެއެވެ. އަދި އެކުންފުނީގެ އަމާޒަކީ އަލަށް ނަގާ މުވައްޒަފުންނާއެކު ޕްރޮޖެކްޓުތައް ކަނޑައަޅާފައިވާ ސުންގަޑިއަށް ނިންމުންކަމުގައިވެސް އެކުންފުނިން ބުނެއެވެ.
މިމަހުގެ 26 އަދި 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ވަޒީފާގެ ފުރުޞަތުތަކަށް އާންމުގެ ތަރުހީބު ލިބެމުންދާކަމަށްވެސް އާރު.ޑީ.ސީން ބުނެއެވެ.
އާރު.ޑީ.ސީން އިއުލާންކޮށްފައިވާ ޖުމްލަ 93 ވަޒީފާގެ ތެރެއިން، މާލޭގައި ކުރިޔަށްގެންދާ ޕްރޮޖެކްޓުތަކަށް 51 ވަޒީފާގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ގދ. ތިނަދޫގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމަށް ޖުމްލަ 54 ވަޒީފާގެ ފުރުޞަތު ވަނީ ހުޅުވާފައެވެ.
އާރުޑީސީން ބުނީ މާލޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް މުވައްޒަފުން ހޯދާ މަޤާމުތަކުގެ ތެރޭގައި އަންހެން އަދި ފިރިހެން ސަޕޯޓް ސްޓާފުންނާއި، ސްޕަވައިޒަރުންނާއި، ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި، ލޮރީ ޑްރައިވަރުންނާއި، އެކްސްކަވޭޓަރ އޮޕަރޭޓަރުންނާއި، މޭސަނުންނާއި، ލޮރީ ޑްރައިވަރުން އަދި އިލެކްޓްރީޝަނުން ހިމެނެވެ.
ތިނަދޫގައި ހުޅުވާލާފައިވާ ވަޒީފާގެ ފުރުޞަތުތަކަކީ، ސުޕަވައިޒަރަކާއި، ޕްރޮޖެކްޓް އެސިސްޓެންޓަކާއި، މެކޭނިކުންނާއި، އަންހެން އަދި ފިރިހެން ސަޕޯޓް ސްޓާފުންނާއި، ހެވީ ވެހިކަލް އޮޕަރޭޓަރުން އަދި ލޮރީ ޑްރައިވަރުންނެވެ.
އާރު.ޑީ.ސީގެ އަމާޒަކީ އެ ކުންފުނީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ސައްތައިން ސައްތަ ދިވެހިން ކަމުގައި ހެދުމެވެ. އެގޮތުން، ކުންފުނީގެ 85 އިންސައްތައަކީ މިހާރުވެސް ދިވެހި މުއައްޒަފުންނެވެ. އަދި އެކުންފުނީގެ ޓެކްނިކަލް ޓީމުގެ 100 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ކަމަށްވާއިރު، ހަމައެކަނި ބިދޭސީން މަސައްކަތް ކުރަނީ ސަޕޯޓް ސަރވިސްގައިކަމަށް، އެކުންފުނިން ބުނެއެވެ.
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއަކީ ރާއްޖޭގެ މަގުގަތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުންޏެކެވެ. މި ކުންފުނީގެ އަމާޒަކީ އެއްގަމު ދަތުރުފަތުރު ކުރުމަށް ރަނގަޅު ފެންވަރެއްގެ މަގުތައް ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމެވެ.