ޚަބަރު

އަންނަ އަހަރު އިޤްތިސާދު 6.4 އިންސައްތަ ކުރިއަރާނެ


އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 6.4 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރައްވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ އަންނަ އަހަރު އިޤްތިސާދު 6.4 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވެނީ، އަންނަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރާނެ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭތީކަމަށެވެ. އެގޮތުން އަންނަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް 5.2 އިންސައްތަ އިތުރުވެ 1.31 މިލިއަން ފަތުރުވެރިންނަށް އަރާނެކަމަށް ލަފާކުރަށްވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަ އަހަރު އަންނާނެކަމަށް މިނިސްޓަރ ލަފާކުރެއްވިއެވެ. މިނިސްޓަރ ޖިހާދު ވިދާޅުވީ މިހިނގާ 2015 އަހަރަކީ އިޤްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދި އަހަރެއްކަމަށެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރަށް ފަހިވާ ގޮތަށް ގިނަގުނަ ބަދަލުތަކެއް ގެނެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިސާދަށް އައިސްފައިވާ ހެޔޮ ބަދަލުތަކަށް ބަލާއިރު، ލާދައިގެ ރޭޓް ނުވަތަ އިންފްލޭޝަން ރޭޓް ވަރަށް ބޮޑަށް ދަށްވެފައިވާކަން މިނިސްޓަރ ޖިހާދު ފާހަގަކުރެއްވިއެވެ. އެހެންކަމުން އަންނަ އަހަރުވެސް ރާއްޖޭގެ ބާޒާރުގައި އަގުތައް އެއް މިންގަނޑެއްގައި ހިފެހެއްޓޭނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރުގެ ވާހަކަފުޅުގައި އަންނަ އަހަރަށްވެސް ސަރުކާރުން މުހިއްމު ޕްރޮގްރާމްތަކެއް ރާވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން ބައެއް ކަންކަން މިބަޖެޓުންވެސް ފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.