ޚަބަރު

ޒިކުރާ މިސްކިތް ހުރި ބިމުގައި ހަފްތާއެއްގެ ތެރޭގައި ހެދި ވަގުތީ މިސްކިތް ހުޅުވައިފި


ޒިކުރާ މިސްކިތް ހުރި ބިމުގައި ހަފްތާއެއްގެ ތެރޭގައި ހެދި ވަގުތީ މިސްކިތް ހުޅުވައިފިއެވެ. މިސްކިތް ހުޅުވާ މިއަދު ވަނީ ހުކުރު ނަމާދުކޮށްފައެވެ. ކުރިން ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މި މިސްކިތް ހުޅުވާދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީއެވެ.

ވަގުތީ މިސްކިތެއް ބިނާކުރުމަށް ޛިކުރާ މިސްކިތް ހުރި ބިން ސާފުކުރަންފެށީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ.
އެއްފަހަރާ 500 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކު ވަގުތީ މިސްކިތް ހަދާފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި އެމްޓީސީސީ، ސްޓެލްކޯ، އެސްޓީއޯ، އާރްޑީސީ، އެމް.ޑަބްލިއު.އެސް.ސީ، އެޗްޑީސީ، ފަދަ ކުންފުނިތައް ހިމެނެއެވެ.

ވަގުތީ މިސްކިތް ހުޅުއްވާދެއްވާ ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާލުވީ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ލަފާފުޅުގެ މަތިންކަމަށެވެ. އަދި ވަގުތީ މިސްކިތް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ހުޅުވަން މަސައްކަތްކުރިކަމަށާއި ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކާ ހުރި މަސައްކަތް ނުނިމުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގެ މަސައްކަތް ނިންމާލެވުނީ 24 ގަޑިއިރު ހުއްޓުމެއްނެތި ކުރި މަސައްކަތުންކަމަށެވެ. އިސްލާމިކް މިނިސްޓަރ ވަނީ ސަރުކާރުން މިސްކިތްތައް ބަލަހައްޓަމުން ދިޔަކަމުގައިވީ ނަމަވެސް މިސްކިތައް އަންނަމީހުންވެސް ސާފުތާހިރުކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އެބިމުން މިނިކަށިތަކެއް ފެނިފައިވެއެވެ. އަދި ވަގުތީ މިސްކިތް އެތަނުގައި ބިނާކުރަމުންދަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް އެތަން ސާފުކުރުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

" މިސްކިތުގެ މަސައްކަތް ކުރުމަށް މަސައްކަތްފެށިއިރު އެތަނުން ފެނުނު ކަށިތައް ނަގާ ވަނީ ސާފުކޮށްފައި. މިސްކިތް ހުރިތަނުގައި މިވަގުތު ކަށްޓެއް ނުހުންނާނެ. ވަރަށް ބޮޑަށް ބެލުމަށްފަހުގައި މި ބިމުގައި މިސްކިތް އަޅާފައި މިހުރީ." އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

މަސްޖިދުއްޛިކްރާ ނުވަތަ ޒިކުރާ މިސްކިތް ތަޅާލައި އެ ބިން ސާފުކުރުމުގެ މަސަައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް 1،100 އަށްވުރެ ގިނަ މީހުންގެ ސޮއާއެކު މިދިޔަމަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ވަނީ ހުށައަޅާފައެވެ. އަމިއްލަ ފަރާތަކުން މިނިސްޓްރީއަށް މި މިޕެޓިޝަން ހުށަހަޅާފައިވަނީ އެ މިސްކިތް ތަޅާލާފައިވުމުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅެމުންދާ އެތައް ރައްޔިތުންނެއް އެކަމުގެ ދަތިކަން ތަހައްމަލު ކުރަމުންދާތީއެވެ.

ކުރިން ހުރި ޒިކުރާ މިސްކިތް އެތަނުން ނަގަން ކުރީގެ ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ނަމާދުކުރެވޭނެ އިންތިޒާމްތަކާއެކު 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށްކަމަށް ބުނެއެވެ. އަދި މިސްކިތް އެޅުމަށް ކަމަށް ބުނެ 2018ވަނަ އަހަރު ވަނީ ކޮންޓްރެކްޓެއްވެސް ހަދާފައެވެ. ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ފާހަގަވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައިނުވާއިރު، މަސައްކަތް ހަވާލުކުރި ކުންފުންޏަށް ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާވެސް ވަނީ ދީފައެވެ.