ކުޅިވަރު

ލެސްޓަރ ސިޓީއަށް ތާވަލްގެ ތިންވަނައިގ 4 ޕޮއިންޓް ގެ ލީޑެއް


އިންގްލިޝް ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީ އާއި ވެސްޓް ބްރޮމްވިޗް އެލްބިއަން ބައްދަލުކުރިމެޗް ލެސްޓަރ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ ތިންވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ލެސްޓަރގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ތިންލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. މިގޮތުން މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހައިދީފައިވަނީ ލެސްޓަރގެ ތަޖްރިބާކާރު ފޯވަޑް ޖެމީ ވާޑީއެވެ. އަދި ދެވަނަ ލަނޑު އޭގެ ތިން މިނެޓްފަހުން ޖަހައިދިނީ ޖޮނީ އިވާންސްއެވެ. އަދި ފަހު ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހައިދިނީ ލެސްޓަރއަށް މިހާރު މޮޅު ކުޅުމެއް ދައްކައިދީ މުހިންމު ލަނޑު ތަކެއް ކާމިޔާބުކޮށްދެމުންދާ ކެލޭޗީ އިއަނާޗިއޯއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ދެޓީމްގެ ކުޅުންތެރިން ފޮނުވާލި ހަމަލާވެސް ވަނީ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. ނަމަވެސް މިމެޗް ނިމިގެންދިޔައީ އިތުރު ލަނޑެއް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ކާމިޔާބު ނުކުރެވިއެވެ.

މި ކާމިޔާބީއާއެކު ލެސްޓަރއަށް މިހާރުވަނީ ކުޅުނު 32 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގާ ހަމަޖެހިލާފައެވެ. އެއީ މިކާމިޔާބީއާއެކު ތާވަލްގެ ތިންވަނައިގާ ލެސްޓަރއަށް ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ހަތަރުވަނައިގާއޮތް ޗެލްސީގެ މައްޗަށް ހޯދިފައެވެ. މިމެޗުން ބަލިވުމުން ވެސްޓް ބްރޮމްއިން ރެލިގޭޝަނުން ސަލާމަތް ވުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ އިތުރު ހީނަރުކަމެއް އައިސްފައެވެ. 32 މެޗް ކުޅެފައިވާއިރު ލިބިފައިވާ 24 ޕޮއިންޓާއެކު ވެސްޓްބްރޮމް އުޅެނީ ތާވަލްގެ 19 ވަނައިގައެވެ. އަދި ރެލިގޭޝަނުން ސަލާމަތްވާން ބޭނުންނަމަ ބާކީ އޮތް ހަ މެޗްގެ ތެރެއިން ފަސް މެޗުން އެޓީމް މޮޅުވާން ޖެހޭނެއެވެ.