ދުނިޔޭގެ ވިޔަފާރި

ވިކްޓޯރިއާ ސްޓޭޓްއާއެކު ހަދާފައިވާ ބެލްޓް އެންޑް ރޯޑް އެގްރީމެންޓް އުވާލާއިފި


ސްޓޭޓް ގަވަރުމެންޓް އޮފް އޮސްޓްރޭލިއާއާއި ޗައިނާއާއި ދެމެދު ވެފައިވާ ބެލްޓް އެންޑް ރޯޑް އެއްބަސްވުން އޮސްޓްރޭލިއާއިން އުވާލައިފިއެވެ.

މީގެ ސަބަބުން ބެއިޖިންއާއި ކެންބަރާއާއި ދެމެދުގެ ވިޔަފާރިއާއި ޚާރީޖީ ގުޅުންތަކަށް ބުރުން އަރާނެއެވެ.

އެޤައުމުގެ ދެވަނައަށް އެންމެ ބޮޑު އަދި އެންމެ މުއްސަނދި ސްޓޭޓް ކަމަށްވާ ވިކްޓޯރިއާ ޗައިނާ ސަރުކާރާއި ދެމެދު ބެލްޓް އެންޑް ރޯޑްގެ އެމްއޯޔޯގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރު އޮކްޓޫބަރުމަހުއެވެ. 2013 ވަނަ އަހަރު ޗައިނާ ސަރުކާރުން މުޅިދުނިޔެއަށް އަމާޒުކޮށްގެން ފަށާފައިވާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސްޓްރެޓަޖީގައި ސޮއިކުރި އޮސްޓްރޭލިއާގެ ހަމައެކަނި ސްޓޭޓަކީ ވިކްޓޯރިއާއެވެ.

ބެލްޓް އެންޑް ރޯޑް އިންފްރާސްޓަކަޗަރގެ މަޤްޞަދަކީ ޔޫރާޕާއި އޭޝިއާގެ ޤައުމުތަކާއިމެދު ވިޔަފާރީގެ ގުޅުންތައް ޤާއިމުކޮށް ތާރީޚީ ސިލްކް ރޯޑުން ދަތުރުކުރުމުގެ މަގުވެސް ފަހުކޮށްދިނުމެވެ. ބެލްޓް އެންޑް ރޯޑް އިންފްރާސްޓަކްޗަރާއި ގުޅުނު އެހެން ޤައުމުތަކަށް ބޮޑު އަދަދެއްގެ ފަންޑެއް ބެއިޖިންގ އިން ވަނީ ދީފައެވެ.

ޗައިނާއާއި ވިކްޓޯރިއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ބޮޑަށް އަމާޒުކޮށްފައިވަނީ މުސްތަޤްބަލްގައި ކުރާ އިންވެސްޓްމަންޓްތަކާއި ވިޔަފާރިތަކަށް ހިތްވަރު ދިނުމަށެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގެ އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވަނީ ބޭރުގެ އެހެން ޤައުމުތަކާއެކު ވެފައިވާ 1000 އަކަށްވުރެ ގިނަ އެއްބަސްވުން މިހާރު ވާނީ ވަޒަންކޮށްފައިކަމަށެވެ. އަދި ޖުމްލަ 4 އެއްބަސްވުމެއް ވަނީ ކެންސަލް ކޮށްފައިކަމަށާއި، އެއީ ޗައިނާއާއެކު ވެފައިވާ 2 އެއްބަސް ވުމަކާއި އިރާން އަދި އިރާޤާއި ވެވަފައިވާ އެއްބަސްވުމެވެ. މި ހުރިހާ އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައިވަނީ ވިކްޓޯރިއާ ސަރުކާރުންނެވެ.

'އަހަރެން ވިސްނާގޮތުގައި މި 4 އެއްބަސްވުމަކީވެސް މި ޤައުމުގެ ފޮރިން ޕޮލިސީއަށް މާބޮޑު ފައިދާއެއް ނުވަތަ ތަރައްޤީއެއް ގެންނާނެ އެއްބަސް ވުންތަކެއް ނޫން'. މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ބުރާސްފަތި ދުވަހު އޮސްޓްރޭލީއާ ރޭޑިއޯގައި ވާހަކަފުޅު ދައްކަވަމުން އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރ ވިދާޅުވީ، މި ނިންމުމަކީ އެއްވެސް ޤައުމަކަށް އަމާޒުކޮށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ. ނަމަވެސް އޮސްޓްރޭލިއާގައި ހުންނަ ޗައިނާ އެމްބަސީން ވަނީ އެއްބަސްވުން އުވާލުން ވަރަށްބޮޑަށް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

'މިއީ އަނެއްކާވެސް އޮސްޓްރޭލިއާއިން ޗައިނާއާއި ދެކޮޅަށް ނެގި އެއްވެސް އަސާސެއްނެތް ރުޅިވެރި ނިންމުމެއް. ޗައިނާއާއި އޮސްޓްރޭލިއާއި ދެމެދުގެ ގުޅުން ރަގަޅުކުރުމުގެ އެއްވެސް ތެދުވެރިކަމެއް އޮސްޓްރޭލިއާ ސަރުކާރުން ނުދައްކާ. އެއްބަސްވުން އުވާލުމުން ހަމައެކަނި ވާނެކަމަކީ ދެ ޤައުމުގެ ގުޅުން ގޯސްވުން'. ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާއާއި އޮސްޓްރޭލިއާވަނީ މިހާރުވެސް ޚާރިޖީ ބޮޑު ކޯޅުމެއްގެ މެދުގައެވެ. ސަބަބީ ކެންބެރާއިން ކޯވިޑް 19 ގެ އަސްލުހޯދުމަށް ބޮޑު ތަޙްޤީޤެއް ކުރުމަށް ޤައުމުތަކަށް ގޮވާލުމެވެ. އެކަމުގެ ސަބަބުން ޗައިނާއިން ދަނީ އޮސްޓްރޭލިއާގެ ވިޔަފާރިތަކަށް ދަތިކުރަމުންނެވެ.