ޖޯލި ނުވަތަ ޖޯލި ފައްޗަކީ ޒަމާނުންސުރެ އަޅުގަނޑުމެން ދިވެހިން އިށީނުމަށް ބޭނުންކުރަމުންދާ އެއްޗެކެވެ. ޗޯލިފަތި ބޭނުންކުރަންފެށުނީ ސީދާ ކޮން ދުވަސްވަރެއްގައިކަން ނޭގުނަސް ވަރަށް އިހު ޒަމާނުއްސުރެ ޖޯލިފައްޗަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިގައިވާ އެއްޗެކެވެ.
އިހުޒަމާނުގައި ޖޯލި ހަދާފައި ހުންނަނީ ދަޑިން އޭގެ މައިގަނޑުހަދައި ރޯނުން ގަތާފައެވެ. އޭގެ ގޭތެރެއާއި ގޯތިރިތެރެއާއި ޢާއްމު މައިދާންތަކުގައިވެސް ޖޯއްޔަކީ މުހިންމު އެއްޗެކެވެ.
ޒަމާން ބަދަލުވެ ތަރައްޤީވެގެންދިޔައިރުވެސް ޖޯލީގެ މަޤުބޫލުކަމާއި އޭގެ ސިފަޔަކަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް މިހާރު މައިގަނޑުގޮތެއްގައި ޖޯލި ހަދާފައި ހުންނަނީ ދަގަނޑުންނެވެ. ގަތާފައި ހުންނަނީ ކޮންމެވެސްކަހަލަ ޒަމާނީ ނަނަކުންނެވެ. މަދުން ނަމަވެސް އަދިވެސް ދަނޑިން ހަދައި ރޯނުން ގަތާފައި ހުންނަ ގޯލިވެސް ފެނެއެވެ. ދަނގަޑު ހޮޅިން ވެލްޑިންކޮށް ހަދައި ނައިލޯނު ވަލުންގަތާފައި ހުންނަ ޖޯލި މިޒާމުގެ ތަރައްޤީ ގޭގޭގެ ޓެރަހާއި ގޯތިތެރެއިންވެސް ވަނީ ޖާގަހޯދާފައެވެ. ރަށްރަށުގެ އަތިމައްޗާއި ޒަމާނީ މައިދާންތަކުންވެސް ޖޯލީގެ މަޤުބޫލުކަމަކަށް ފަނޑުކަމެއް ނައެވެ.
ހޮޅައަށިތަކާއި ޖޯލިފައްޗަކީ އިހު ޒަމާނުންންސުރެ މީހުން ވާހަކަ ދައްކާލައި ހިތްފަސޭހަކޮށްލައި ވައި ޖައްސާލަން ގިނައިރު ތިބޭ ތަންތަނެވެ. އުމުރުން ދުވަސްވީ މީހުން މިތަންތަނުގެ ބޭނުން ހިފާލެއް ބޮޑެވެ.
އުމުރުން ދުވަސްވީ މީހުން ނޫނަސް އާންމު ދިރިއުޅުމުގައި އެންމެންގެ މެދުގައިވެސް ޖޯއްޔަކީ މަޤުބޫލް އެއްޗެކެވެ. އަޅުގަނޑުމެންގެ ތެރޭން ބައެއް މީހުންދެކޭގޮތުގައި ދިވެހި ގެއެއް ފުރިހަމަވަނީ ޖޯލިފައްޗަކާ އެކުގައެވެ. އަދި ޖޯލީގައި އޮވެލުމުން އެލިބޭ ހިތްހަމަޖެހުން ގޮނޑިއެއް ނުވަތަ ސޯފާއަކުން ނުލިބެއެވެ.
މާގިނައިރު ޖޯލީގައި އިށީނދެގެން ނުވަތަ އޮށޯވެގެން ތިބުމަކީ ޞިއްޙީގޮތުން ރައްކާތެރިކަމެއް ނޫންކަމުގައި ޞިއްޙީ މާހިރުން ލަފާދެއްވައެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވީމީހުން މިހެން ގިނައިރު ތިބުމަކީ އެމީހުންނަށް އެކަމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެކަމެކެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓުގެ އެސިސްޓެން ކޮމިއުނިޓީ ހެލްތް އޮފިސަރ މުޙައްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ ޖޯލިފަތީގައި ގިނައިރު އިށީދެ ނުވަތަ އޮށޯވެ ތިބުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންތަކެއް ލިބޭ ކަމެއްކަމަށެވެ. އެގޮތުން މައިބަދަޔަށް ގެއްލުންވުމާއި އައްސިވުންފަދަ މައްސަލަތަށް މިކަމުގެ ސަބަބުން ދިމާވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.
""ޖޯލީގައި މާގިނައިރު ތިބުމަކީ މައިބަދަޔަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބޭކަމެއް. އަދި އައްސިވުމާއި ބަދަތަކާއި ހުޅުތަކުގަ ރިއްސުންފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާކަމެއް."މުޙައްމަދު ޢަބްދުއްރަހްމާން
ކަންމިހެން އޮތްއިރު ޖޯލިފަތީގައި ތިބޭތިބުމާމެދު ދެވަނަ ވިސްނުމަކަށް ދާން އެބަޖެހެއެވެ. މާގިނައިރު މިހެން ތިބުމުން ލިބޭ ސިއްޙީ ގެއްލުން ކުޑަކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
ޞިއްޙީގޮތުން ދުޅަހެޔޮ ވައްޓަފާޅިއަކަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަކީ މުހިންމުކަމެކެވެ. ޒަމާންވީ ބައެއް އާދަތަކުގެ ތެރޭގައި ޞިއްޙަތާ ބީރައްޓެހި ކަންކަން ހުރުމަކީ އެކަށީގެންވާކެމެކެވެ. އެފަދަ ކަންކަމުން ދުރުހެލިވެ ޞިއްޙަތަށް އިސްކަންދިނުމަކީ ތަފާތު އެކިއެކި ބަލިބައްޔާއި ޞިއްޙީ މައްސަލަތަކުން ސަލާމަތްވުމަށް މުހިންމު ފިޔަވަޅެކެވެ.