ޚަބަރު

މާލޭގެ ދެ ސަރަހައްދެއްގައި 14 ބުރީގެ ފްލެޓްތައް އަޅަނީ


މާލޭގެ ދެ ސަރަޙައްދެއްގައި ފްލެޓް އަޅަން ނިންމާ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް އެއްފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ މާލޭގެ ދެ ސަރަހައްދެއްގައި ތަރައްޤީކުރަން ނިންމާފައިވަނީ ޑިވެލޮޕްމެންޓް އެންޑް ސޭލް މޮޑެލަށް މިކްސްޑް ރެޒިޑެންޝަލް އިމާރާތަކެއްކަމަށެވެ.

މި މަޝްރޫއުގައި އެޅުމަށް ހަމަޖެހިފައިވަނީ 14 ބުރީގެ އިމާރާތްތަކެކެވެ. މި މަޝްރޫއުގެ ދަށުން ފުލެޓްތައް އަޅާ ސަރަހައްދު ވަކިކުރުމަށް ނަންދީފައިވަނީ ޕްރޮޖެކްޓް އޭ އަދި ބީއެވެ. މިގޮތުން ޕްރޮޖެކްޓް އޭގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭގެ ބްލޮކް ނަމްބަރު 307 އެކެވެ. މި ސަރަހައްދުގެ ބިމުގެ ބޮޑުމިނަކީ 231،073.78 އަކަފޫޓެވެ. ޕްރޮޖެކްޓް ބީގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭ ބްލޮކް ނަމްބަރު 319 އެވެ. މި ސަރަހައްދުގެ ބިމުގެ ބޮޑުމިނަކީ 173،229.56 އަކަފޫޓެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ މި ދެ ބިމުގައި ފްލެޓް އެޅުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތަކަށް ދެ މަޝްރޫޢުއަށްވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށާއި އެހެން ނަމަވެސް ކޮންމެ މަޝްރޫއުއަށް ހުށަހަޅަންވާނީ ވަކި ޕްރޮޕޯސަލެއް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި ދެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހެވެ.

މާލޭގައި އިތުރު ހައުސިން މަޝްރޫޢުތައް ހިންގުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ އިއުލާންކުރައްވާފައެވެ. މިގޮތުން މާފަންނު ސްޓޭޑިއަމާއި ޖެހިގެން ހުރި އެސްޓީއޯ ލޭބަރ ކުއާޓަރާއި ބޯހިޔާވަހިކަމަށް ފްލެޓް އެޅޭނެ އެހެން ހުސްބިންތައް ހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިކަމުގެ ޕްލޭނެއް ހަދައި އަވަހަށް ފްލެޓްތައް އެޅޭނެގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. 2008ވަނަ އަހަރުގެ ފަހުން މާލޭގައި އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ސަރުކާރުން ހިންގާފައެއް ނުވެއެވެ. އޭގެ ފަހުން އައި ސަރުކާރުތަކުގައި އަލަށް ތަރައްޤީކުރާ ހައުސިން ޔުނިޓްތައް އަމާޒުކުރަމުން ދިޔައީ ހުޅުމާލެއާއި އަދި ގުޅިފަޅަށެވެ.

ސަރުކާރުން މިއަހަރަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 5000 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެތެރޭގައި ހިމެނޭ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މީގެއިތުރަށް ގުޅީފަޅުން 1،200 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ.