ޚަބަރު

ތެރަޕިއުޓިކް ޚިދުމަތްތައް ދިނުމުގައި މާލެއާއި އަތޮޅުތަކުގެ ފަރަޤު ކުޑަކުރާނަން - ނައިބު ރައީސް


ތެރަޕިއުޓިކް ޚިދުމަތްތައް ދިނުމުގައި އަތޮޅުތަކާ މާލެއާ އޮތް ފަރަޤު ކުޑަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބުރައީސް މިހެން ވިދާޅުވީ ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އެހީގައި ފަށާފައިވާ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެދަށުން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ކޯޕަރޭޓް ސްކީމަކީ ކުންފުނިތަކުގެ އެހީގައި ރާއްޖެއަށް މުހިންމު އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތެކެވެ.

ދިގުމުއްދަތަށް ބަލިތައް ތަޙައްމަލުކުރާ މީހުންނަށް ދޭންޖެހޭ ތެރަޕީގެ ޚިދުމަތް ދިނުމަށް ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ، އަތޮޅުތަކުގައި މިޚިދުމަތް ދިނުމުގައި މަސައްކަތް ކުރާ މީހުންނަށް ތަމްރީންތައް ދިނުމަށް ފަށާފައިވާ މަސައްކަތެކެވެ. ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގެ ދަށުން ކުރިއަށްގެންދާ މިމަސައްކަތުގައި ކިޔެވުމުގެ ޚަރަދުތައް ބަލަހައްޓަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކާ އަމިއްލަ ކުންފުނިތަކުން ދޭ އެހީގައެވެ.

ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ތެރަޕިއުޓިކް ޚިދުމަތަކީ ވަރަށް ގިނަ މީހުން އެދެމުންދާ ޚިދުމަތެއްކަމަށެވެ. މި ފަދަ ޕްރޮގްރާމެއް އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ސިއްޙީ މުހިންމު ޚިދުމަތްތައް ދިނުމުގައި މާލެއާ އަތޮޅުތަކުގެ ފަރަޤު ކުޑަކުރުންކަމަށެވެ. އިޖުތިމާޢީ ހިތްހަމަޖެހުން ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު އެންމެ އިސްކަމެއް ދެއްވާ ކަންކަމަށް ވިދާޅުވެ، ނައިބު ރައީސްވަނީ ސަރުކާރުން މިހާރުވެސް މި ދާއިރާއިން މުހިންމު ކުރިއެރުންތައް ހޯދާފައިވާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 9000އެއްހާ މީހުން ތިބިކަމަށް އެކިއެކި ދިރާސާތަކުން ދައްކައެވެ. އަދި ކޮންމެ 10މީހަކުން އެކަކަކީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. ނައިބު ރައީސް ވިދާޅުވީ މިފަދަ ބަލިތައް އުމުރުގެ ކުރީކޮޅު ދެނެގަނެ، އެކަމަށް އަވަސް ފަރުވާ ދެވޭނެ ގޮތެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު ޢަމާޒުކަމަށެވެ. އަދ މިދާއިރާއިނ ތަޢުލީމާ ތަމްރީން ލިބިފައިވާ މީހުން ބިނާ ކުރުމަށް މި ފަށާ މަސައްކަތުގެ، ފޮނިމީރުކަން ލިބެން ފެށުމުން މުޅި ސިއްޙީ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.

"ސަރުކާރުން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ އެކިކަހަލަ ތެރަޕީތައް ހިލޭ ލިބޭނެ ގޮތް ހަމަޖެއްސެވުން. އަދި މިހާރު މިވަނީ އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހަދާފަ. މިއީ ބަލީގެ ކުރީކޮޅު އެކަންކަން ދެނެގަނެވޭނެ ގޮތް ފަހިކޮށް ފަރުވާދެވޭނެ ޚިދުމަތެއް. ވަރަށް އަވަހަށް އުތުރުން ކުޅުދުއްފުށީގައި މިފަދަ ސެންޓަރެއްގެ ޚިދުމަތް ފަށާނަން." ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ދިވެހިން ފޮނުވައިގެން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާ އަމިއްލަ ކުންފުނިތައް ހިމެނޭހެން 10ކުންފުނިން މާލީ އެހީ ދީފައިވެއެވެ. މި ޕްރޮގްރާމަށްދާ ކުދިންގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަނީ ކުންފުނިތަކުން ދީފައިވާ އެހީގައި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެކި އެކި ހިސާބުން މީހުން ތަމްރީންކުރުމަށް ބޭނުންވާ ދާއިރާތައް ދެނެގަނެފައިވާއިރު، ތެރަޕިއުޓިކް ދާއިރާއަކީ ރާއްޖެއިން މާބޮޑު ތަޢުލީމެއް ލިބެން ނެތް ދާއިރާއަކަށްވާތީ މި ދާއިރާއިން މީހުން ބިނާކުރުން ވަރަށް މުހިންމުވެފައިވާކަމަށެވެ.

"މި ދާއިރާއިން ރާއްޖޭގައި ތަޢުލީމު ލިބޭކަށް ނެތް. ބޭރުގެ ޤައުމުތަކުން ލިބޭ އެކި ތަޢުލީމީ ފުރުޞަތުގައިވެސް މި ދާއިރާ ނުހިމެނޭ. އެހެންވީމާ ކުންފުނިތަކުން މި އެހީވަނީ މި ދާއިރާއިން ޒުވާނުން ބިނާކޮށް، މުޅި ދާއިރާގެ ޚިދުމަތް ފުޅާކުރުމަށް." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

އޮކިއުޕޭޝަނަލް ތެރަޕީއާ، ސައިކޯތެރަޕީއާ ފިޒިއޮތެރަޕީފަދަ ޚިދުމަތްތަކަކީ އަތޮޅުތަކުގައި ފުޅާ ޚިދުމަތްތަކެއް ނޫނެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ފުރުޞަތު ޚާއްސަކުރާނީ އަތޮޅުތަކުގައި މިފަދަ ޚިދުމަތްތައް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށްކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.