ޚަބަރު

ޖުމްހޫރީ ދުވަހާއި ގުޅިގެން މިއުޒިކަލް ޑްރިލެއް ބާއްވައިފި


ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމީ ދިފާއީ ބާރުގެ ފަރާތުން މާލޭގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ބަލާލުމަށް އާންމުންގެ ގިނަ އަދަދެއްގެ ބޮޑެތި މީހުންނާއި ކުޑަކުދިން ވަނީ ޝަހީދުންގެ ބިނާ ކައިރިއަށް ޖަމާވެފައެވެ.މިއުޒިކަލް ޑްރިލަކީ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ. މިފަދަ ހަރަކާތްތަކަކީ ކުޑަކުދިން ވަރަށް ބޮޑަށް ޝައުގުވެރިވާ ހަރަކާތްތަކެކެވެ. ބައެއް ކުދިން އެ މަންޒަރުތައް ބަލަން ތިބީ ހައިރާން ކަމާއެކުއެވެ. ޕީ.އެސް.އެމްއާއި ވާހަކަދެއްކި ބައެއް ކުދިން ވަނީ ޑްރިލް ވަރަށް މަޖާ ކަމަށް ބުނެފައެވެ.މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ ހިތްގައިމު މަންޒަރުތަކަކާއެކު، ޑްރިލްގެ ތެރެއިން އެތައް މެސެޖެއް ފޯރުކޮށްދޭފަދަ ހަރަކާތެކެވެ. އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް މި ހަރަކާތްތަކުން ދައްކުވައިދެއެވެ.ހަވީރު ބޭއްވި ޑްރިލް ނިންމާލުމަށް ފަހު ޑްރިލްގައި ބައިވެރިވި ސިފައިންގެ ފަރާތްތަކާއެކު ފޮޓޯ ނެގުމުގެ ވަގުތު ކޮޅެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.