ކުޅިވަރު

ޔޫވީއާ ދެކޮޅަށް ކުޅޭ މެޗު ވެލެންސިއާއަށް ފަސޭހައެއް ނުވާނެ: އާތީ



މިހާރު ޔުނައިޓެޑް ވިކްޓްރީ އޮތް ހަލާތުން، މެޗް ވެލެންސިޔާއަށް ފަސޭހަ ނުވާނެކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުނެފިއެވެ. ލީގްގައި މިރޭ ވާދަކުރުމަށް ހަމަޖެހިފައިވަނީ ކުލަބް ވެލެންސިޔާ އާއި ޔުނައިޓެޑް ވިކްޓްރީއެވެ. މިމެޗްއަށް ނިކުންނައިރު ކުލަބް ވެލެންސިޔާ 24 ޕޮއިންޓްއާއެކު އޮތީ ލީގް ތާވަލްގެ ދެވަނާގައިއެވެ. އެއްވަނާގައިވާ މާޒިޔާ އޮތީ 28 ޕޮއިންޓްއާއެކު ލީގް ތާވަލްގެ އެއްވަނާގައެވެ.

ކުލަބް ވެލެންސިޔާއިން ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ނިކުންނައިރު، ލީގްގައި 11 މެޗުން މޮޅެއް ނުލިބި އެންމެ ފަހުން އެޓީމް ކުޅުނު ދެ މެޗުންވަނީ މޮޅުވެފައެވެ. މިކަމަށް އިޝާރާތްކޮށް މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފްބުނީ އެންމެ ފަހުން ޔޫވީއިން ކުޅުނު ދެ މެޗުން މޮޅުވުމާއެކު އެޓީމް މިހާރު އޮންނާނީ ވަރަށް ވަރުގަދަ ޓީމް ސްޕްރިޓެއްގައިކަމަށާއި މިއީ ވެލެންސިޔާއަށް ފަސޭހަ މެޗަކަށް ނުވާނެކަމަށެވެ. ވެލެންސިޔާ މެޗުން ތިން ޕޮއިންޓް ހޯދަން ބޭނުންވާކަމަށްވާނަމަ، ވަރަށް ބުރަކޮށް މެޗްގައި މަސައްކަތް ކުރަންޖެހޭނެކަމަށާއި މިއީ ވެލެންސިޔާއަށް ފަސޭހަ މެޗަކަށް ނުވާނެކަމަށްވެސް ކޯޗް އާތިފް ބުންޏެވެ.

އާތިފްބުނީ ބޮޑު ލީގެއް ކުރިއަށްދާއިރު، އެއްވެސް ޓީމަކަށް ހުރިހާ މެޗެއްގައި އެއްވަރަކަށް ނުކުޅެވޭނެކަމަށާއި އަނިޔާގެ މައްސަލަތާކައި ފުރަތަމަ އެގާރައިގައި ކުޅޭ ބައެއް ކުޅުންތެރިން ނެތުމުގެ ސަބަބުން ވެލެންސިޔާއަށްވެސް މިހާރު މެޗްތަކުގައި އެއްފެންވަރެއްގައި ނުކުޅެވުމުގެ މައްސަލަ ދިމާވެފައިވާކަމަށެވެ. ޔުނައިޓަޑް ވިކްޓްރީއިން މިހާރު ކުރަމުންދާ މަސައްކަތަށް ބަލާފަ، މެޗްގައި ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެކަމަށާއި މެޗުން މޮޅުވުމަށް ވެލެންސިޔާގެ ކުޅުންތެރިންނަށްވެސް މެޗް ފަސޭހަކޮށް ނުލުމަށް ނަސޭހަތްތެރިވެފައިވާނެކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް އާތިފް ބުންޏެވެ.