ޚަބަރު

ހިޔާ ފްލެޓް އިތުރު ކެޓަގަރީތަކުގެ ގުރުއަތުލުން އަންނަ ހަފްތާގައި


ހިޔާ ފްލެޓްގެ އިތުރު ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ފްލެޓް ނަންބަރު ކަނޑައެޅުމަށް ނަގާ ގުރުއަތުލުންތައް އަންނަ ހަފްތާގައި ފަށާނެ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ. ގުރުއަތުލުން ފުރަތަމަ ކުރިއަށްގެންދިޔައީ އެޗް-10 ކެޓަގަރީއިންނެވެ.

ހިޔާ ފްލެޓަށް ހޮވުނު މީހުންނަށް ލިބޭ ފްލެޓް ނަންބަރު ކަނޑައެޅުމަށް ނަގާ ގުރުއަތުލުމުގެ ފުރަތަމަ ބައި ކުރިއަށްގެންދިޔައީ މިމަހުގެ 8ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ އެޗް-10 (ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ)އިން ފްލެޓް ލިބުނު މީހުންގެ ފްލެޓް ނަންބަރު ކަނޑައެޅުމަށެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ ގުރުއަތުނެގުން ކުރިއަށްގެންދަނީ، ހައުސިންގ މިނިސްޓްރީއިން އެޗްޑީސީއަށް ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓްތައް ފޮނުވަމުންދާވަރަކުންކަމަށެވެ. އެޗްޑީސީން ވިދާޅުވީ ހިޔާގެ ހުރިހާ ކެޓަގަރީތަކުގެ ފައިނަލް ލިސްޓު މިހާރު އެޗްޑީސީއަށް ލިބިފައިވާކަމަށެވެ. އަދި އަންނަ ހަފްތާގައި މި ކެޓަގަރީތަކުގެ ގުރުއަތުނެގުން ފަށާނެކަމަށެވެ. އެޗްޑީސީން ވިދާޅުވީ ގުރުއަތުނެގުން ކުރިއަށްގެންދާނީ އެކި ކެޓަގަރީތަކަށް ބަހާލައިގެންކަމަށެވެ. ގުރުއަތުލުން ކުރިއަށްގެންދާނެ ތަރުތީބާ، އަދި ގުރުއަތުނެގުން ކުރިއަށްދާނެ ވަގުތުތައް އެޗްޑީސީން ހާމަކުރަމުން ދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހިޔާ މަޝްރޫޢުގައި ވާދަވެރިކޮށް ފްލެޓަށް ހޮވާފައިވަނީ 8 ކެޓަގަރީއަކުންނެވެ. މީގެތެރެއިން އެޗް-10 (ޚާއްސަ އެހީއަށް ބޭނުންވާ މިހުންގެ ކެޓަގަރީ)އިން ފްލެޓް ލިބުނު 188ފަރާތުގެ ފްލެޓް ނަންބަރު ކަނޑައެޅުމަށް ގުރުއަތުލުންވަނީ ނަގާފައެވެ. ގުރުއަތުނެގުން ކުރިއަށްގެންދަނީ ލިބޭ ފްލެޓާ ގުޅޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން އިނގޭނެ ގޮތަށެވެ. އެގޮތުން ފްލެޓް ނަންބަރާ، ފްލެޓް ހުރި އިމާރާތާ ސަރަޙައްދުވެސް ގްރެފިކްސްއިން ދައްކަމުންދެއެވެ. އެޗް-10 ކެޓަގަރީގެ ގުރުއަތުލުން ކުރިއަށްގެންދިޔައިރުވަނީ، ޓީވީއިން ވަގުތުން ދައްކާފައެވެ.

ހިޔާ ފްލެޓްތަކުގައި ޖުމްލަ 6720 ފްލެޓް ހިމެނެއެވެ. މީގެތެރެއިން 188މީހުންގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވާއިރު، ބާކީ ގުރުއަތުނުލެވި ހުރީ 6532 ފްލެޓެވެ.

އެޗްޑީސީން ވިދާޅުވީ ގުރުއަތު ނެގުމަށްފަހު، ފްލެޓްތަކުގެ ވެރިންނާއެކު އެގްރިމެންޓް ހެދުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ތަފްސީލް އަދި ޙިއްސާކޮށްފައެއް ނުވެއެވެ.