ކުޅިވަރު

މާޒިޔާއާއި ގްރީން މެޗު ވަރަށް ވާދަވެރިވާނެ: ވިޑަކޮވިޗް


ގްރީން ސްޓްރީޓްސް އާއި މާޒިޔާއަކީ އެއްގޮތަކަށް ކުޅޭ ދެ ޓީމުކަމަށްވުމުން، މެޗު ވަރަށް ވާދަވެރިވާނެކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ. ލީގުގައި މިރޭ މާޒިޔާ އާއި ކުލަބް ގްރީން ސްޓްރީޓްސް ވާދަކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗްބުނީ ގްރީންއަކީވެސް ބޯޅަ ތިރިކޮށްގެން، ބޯޅަ ޕާސްކޮށްގެން ކުޅެން ބޭނުންވާ ޓީމެއްކަމަށާއި އެހެންކަމުން މެޗްގެ ވާދަވެރިކަމާއި މެޗްގެ ފޯރިވެސް ގަދަވާނެކަމަށެވެ.

މިމެޗަށް ނިކުންނައިރު މާޒިޔާ އޮތީ ލީގް ތާވަލްގެ އެއްވަނައިގައެވެ. އެއީ އެޓީމް ކުޅުނު 12 މެޗުން ހޯދާފައިވާ 28 ޕޮއިންޓްއާއެކުއެވެ. މާޒިޔާއިން ގްރީންއާއި ދެކޮޅަށް ނިކުންނައިރު، ގްރީން ތާވަލްގެ ތިންވަނާގައި މިވަގުތު އޮތީ އެޓީމުގެ ކުޅުން ރަގަނޅު ކަމުންކަމަށާއި ފަހަކަށް އައިސް އެޓީމް ކުޅެފައިވާ މެޗްތަކުންވެސް އެކަން ވަރަށް ރަގަނޅަށް އެގޭކަމަށް ވިޑަކޮވިޗް ބުންޏެވެ. އެގޮތުން މެޗްއަކަށް ފަހު މެޗްއެއް ގްރީން އިން ކުޅުން ރަގަނޅު ކުރަމުން އަންނަކަމަށް މާޒިޔާގެ ކޯޗް ބުންޏެވެ. ކޯޗް ބުނީ ކޮންމެ މެޗަކީވެސް ވަރަށް މުހިންމު މެޗެއްކަމަށާއި މިވަގުތު ތާވަލްގެ ދެވަނައިގައިވާ ކުލަބް ވެލެންސިޔާއާމެދު އެއްވެސް ވަރަކަށް ނުވިސްނާކަމަށާއި މިހާރު ބޭނުންވަނީ މިރޭ ކުލަބް ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ކުޅެ އެޓީމް ބަލިކުރަންކަމަށެވެ. މިވަގުތު އެންމެ ބޮޑު އިސްކަމެއްވެސް ދެނީ މިކަމަށްކަމަށްވެސް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.

ލީގް ތާވަލްގެ އެއްވަނައިގައި ހިފެހެއްޓުމަށް ކޮންމެ މެޗަކުންވެސް މޮޅުވުން ވަރަށް މުހިންމުކަމަށާއި ނަމަވެސް މިހާރު ޓީމުތަކުން މާޒިޔާއާއި ދެކޮޅަށް ކުޅޭއިރު ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅޭތީ ވަރަށް އުދަގޫވާކަމަށް މާޒިޔާގެ ކޯޗު ބުންޏެވެ. އެހެންކަމުން ގިނަ ޓީމުތަކުން ހަތަށް ޖެހިގެން ކުޅޭތީ މަޒިޔާއިންވެސް މިހާރު އެކަމަށް ތައްޔާރު ވެއްޖެކަމަށާއި ޓީމްތަކުގެ ޑިފެންސް ރޫޅާލުމަށް ކުރަންޖެހޭ މަސައްކަތް މާޒިޔާއިންވެސް ކުރާނެކަމަށް ލީގް ތާވަލްގެ އެއްވަނާގައި މިވަގުތު އުޅޭ މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ. އަދި ގްރީން މެޗުން ތިން ޕޮއިންޓް ހޯދަން މާޒިޔާއިން މަސައްކަތް ކުރާނެކަމަށްވެސް ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.