ޚަބަރު

ގދ.ތިނަދޫގައި ހުރި 15 ހައުސިން ޔުނިޓް ލިބުނު ފަރާތްތައް އިޢުލާންކޮށްފި


ގދ.ތިނަދޫގައި އިމާރާތްކުރި ހައުސިން ޔުނިޓްތަކުގެ ތެރެއިން ދޫނުކޮށްހުރި 15 ޔުނިޓު ލިބުނު ފަރާތްތަކުގެ ދަޢިމީ ލިސްޓް އާއްމުކޮށްފިއެވެ. މި 15ހައުސިން ޔުނިޓަކީ، ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެދަށުން އެރަށުގައި އެޅި 120 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނޭ ފްލެޓްތަކެކެވެ.

މި 15 ފްލެޓަކީ ކެޓަގަރީ- އޭ ގެ ދަށުން ހަމައެކަނި ތިނަދޫ ރަށްވެހިންނަށް ޚާއްސަކޮށްފައިވާ ފްލެޓެވެ. ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ދޫކުރާ ފްލެޓްތަކަށް އެޑްވާންސްގެ ގޮތުގައި 19،000ރުފިޔާ ދައްކަންޖެހެއެވެ. އަދި 25 އަހަރުން ފައިސާ ދައްކާ ޚަލާސްކުރާ ފްލެޓްތަކަށް މަހަކު ދައްކަންޖެހެނީ 3،550 ރުފިޔާއެވެ.

މި ފްލެޓްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ތިނަދޫ ރަށްވެހިންގެ ތެރެއިން ރާއްޖޭގެ އެއްވެސް ރަށެއްގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށްށެވެ. މި ފްލެޓްތަކަށް ދެމަފިރިންނަށް ވަކިވަކިންވެސް ފޯމް ހުށައެޅުމުގެ ފުރުސަތު ދިނެވެ. ނަމަވެސް ފްލެޓަށް ދެމަފިރިން ހޮވިއްޖެނަމަ، ފްލެޓް ދުކުރާނީ ކޮންމެވެސް އެކަކަށެވެ. ފޯމް ހުށައެޅި މީހުންގެ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ވަޒަންކުރުމުގެ މަސައްކަތްކޮށްފައިވަނީ ތިނަދޫ ކައުންސިލުންނެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ގދ.ތިނަދޫގައި އިމާރާތްކުރި 120 ފްލެޓްގެ ތެރޭގައި ހިމެނެނީ "އޭ" ކެޓެގަރީގެ 80 ފްލެޓެވެ. އަދި "ބީ" ކެޓަގަރީގައި ހިމެނެނީ 25 ފްލެޓެވެ. އަދި "ސީ" ކެޓަގަރީގައި ހިމެނެނީ 15 ފްލެޓެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދނުމުގެ ގޮތުން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި މި ސަރުކާރުން 20،000 ހައުސިން ޔުނިޓް ޢިމާރާތްކުރަން ވަނީ ނިންމާފައެވެ. މިކަމަށް 600 މިލިއަން ރުފިޔާ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިި ވަނީ ކަނޑައަޅުއްވާފައެވެ.