މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
އެމްޓީޑީސީގެ ހިއްސާގެ ފައިދާ މިއަހަރު ވެސް ނުބަހާ ގޮތަށް އެ ކުންފުނިން
ނިންމައިފިއެވެ.
އެގޮތަށް ނިންމާފައި
ވަނީ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
މި ޖަލްސާގައި ހިއްސާގެ ފައިދާ ނުބަހާގޮތަށް ހުށަހެޅީ އެ ކުންފުނީގެ
ޑިރެކްޓަރުންގެ ބޯޑުންނެވެ.
އެމްޓީޑީސީގެ އަހަރީ
އާއްމު ޖަލްސާގައި ބޯޑަށް އާއްމުންގެ ފަރާތުން ހޮވާ ހަ ޑިރެކްޓަރުން ހޮވުމުގެ
އިތުރުން އެކުންފުނީގެ އަހަރީ
ހިސާބާއި ޑިރެކްޓަރުންގެ ރިޕޯޓް ވެސް ވަނީ ފާސްކޮށްފައެވެ.
އެމްޓީޑީސީ އަށް 2014
ވަނަ އަހަރު އާމްދަނީގެ ގޮތުގައި ސާދަ ޕޮއިންޓް ތިނެއް މިލިޔަން ޑޮލަރު ލިބުނުއިރު
ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ އަށްޑިހަ ހަތްހާސް
ނުވަސަތޭކަ ސައުވީސް ޑޮލަރެވެ.
މިޖަލްސާގައި ހިއްސާ ދާރުންނަށް ހިޔާލު
ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުމުން ޖަލްސާއަށް ހާޒިރުވި ގިނަ
ހިއްސާދާރުންވަނީ ކުންފުނީގެ ހާލަތާމެދު
ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ހިއްސާދާރުންނަށް ފައިދާ ބެހޭނެވަރުގެ
ފައިދާއެއް ކުންފުންޏަށް ނެރެވޭތީ ކޮން އަހަރަކުތޯ ބައެއް ހިއްސާދާރުން ވަނީ
ސުވާލުކޮށްފައެވެ. އަދި ފައިދާ ނުވާކަމަށްވާނަމަ ކުންފުނީގެ އެސެޓްސްތައް
ވިއްކާލުމަށްވެސް ބައެއް ހިއްސާދާރުން ގޮވާލިއެވެ.
ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެކުންފުނީގެ
ޗެއަރޕާސަން އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވީ، މިއަހަރުވެސް ހިއްސާ ނުބަހާ
ގޮތަށް ނިންމަންޖެހުނީ އެމްޓީޑީސީގެ ބިޒްނަސް ޕްލޭންއާއިއެކު
ކުރިއަށްދިއުމަށްކަމަށެވެ. އަދި މިހާރު އެކުންފުނިން ތަރައްޤީކުރާ ދެ ރިސޯޓް
ތަރައްޤީކޮށް ނިމުމުން ދައުލަތައް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު
ކުންފުންޏަށް ފައިދާ ވުމުގެ ފުރުސަތު އެބައޮތްކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި
ބައިވެރިވެފައިވަނީ އެކުންފުނީގެ ހިއްސާދާރުންގެ ތެރެއިން ވަރަށް މަދު ހިއްސާދާރުންކަން
ފާހަގަކޮށްލެވެއެވެ.