ޚަބަރު

އަނެއްކާވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް ކުރިއެރުމެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެރިކަމާ ޙަވާލުވެވަޑައިގެން އެޅުއްވި ފިޔަވަޅުތަކާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް އަނެއްކާވެސް 7 ދަރަޖައިގެ ކުރިއެރުމެއް ލިބެއްޖެއެވެ. މިއާއެކު ރާއްޖެވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ 72ވަނައަށް އަރާފައެވެ. އަދި މިއީ މި ސަރުކާރުގެ ވެރިކަމާ ޙަވާލުވީފަހުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުން ލިބުނު 3ވަނަ ފަހަރެވެ.

ރިޕޯޓަރސް ވިތްއައުޓް ބޯޑަރސްއިން އެކުލަވާލި މިއަހަރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ޤައުމުތަކުގެ ލިސްޓުގައި ޖުމްލަ 180 ޤައުމުގެ މައުލޫމާތު ހިމަނާފައިވާއިރު، މި ލިސްޓުގައި މިހާރު ރާއްޖެ ހިމެނެނީ 72ވަނައިގައެވެ. 2018ވަނަ އަހަރު ރާއްޖެ އޮތީ މިލިސްޓުގެ 120ވަނައިގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން 22 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެ ހޯދައި 2019ވަނަ އހަރު ރާއްޖެ އޮތީ މިލިސްޓުގެ 98ވަނަ ވަނާގައެވެ. މީގެއިތުރުން ނިމިގެންދިޔަ އަހަރުގައި ރާއްޖެ އޮތީ 19 ދަރަޖައިގެ ކުރިއެރުމަކާއެކު 79ވަނައިގައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ބައިނަލް އަޤްވާމީ ފެންވަރުގައި ވަކާލާތުކުރާ ރިޕޯޓަރސް ވިތްއައުޓް ބޯޑަރސްއިން ފާހަގަކޮށްފައިވާ ގޮތުން 2013ވަނަ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސްގެ 103ވަނާގައި ރާއްޖެ އޮތުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސްއަހަރުގެ ދައުރުގައި 17 ދަރަޖަ ފަހަތަށްގޮސް، ޕްރެސް ފްރީޑަމް ލިސްޓުގެ 120 ވަނައަށް ރާއްޖެ ވެއްޓިފައިވެއެވެ.

އެފަރާތުން ފާހަގަކޮށްފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އައު އުންމީދުތަކެއް އައިސްފައިވަނީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ނޫސްވެރިމުގެ މިިނިވަންކަމަށް މުހިންމު ވަޢުދުތަކެއް ވެވަޑައިގެން އެކަންކަން ތަންފީޒުކުރައްވާތީ ކަމަށެވެ.

އެގޮތުން 2016ވަނަ އަހަރު ނޫސްވެރިންނަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވައި އެކުލަވާލައި ޢަމަލުކުރަންފެށި އަބުރުރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގަތްތާ ދެ މަސްތެރޭ އުވާލާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އޭގެ ކުރިން ރާއްޖޭގެ ނޫސްވެރިކަމުގެ ޙާލަތަށް ބަލާއިރު، އަބުރުގެ ޤާނޫނުގެދަށުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ ގޮތަކަށް ކުރީގެ ސަރުކާރުން އެތައް މިލިޔަނަކުން މީޑިއާތައް ޖޫރިމަނާކޮށްފައިވާކަން ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ފާހަގަކޮށްފައިވެއެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 7 ދަރަޖައިގެ ކުރިއެރުމަކާއެކު، 72 ވަނާގައި އޮތްއިރު، މިލިސްޓްގައި އަވައްޓެރި އިންޑިއާ މިއަހަރު އޮތީ 142 ގައެވެ. އަދި ސްރީލަންކާ އޮތީ ނިއުސް ފްރީޑަމް އިންޑެކްސްގައި މިއަހަރު 127 ވަނައިގައެވެ. މިލިސްޓުގެ އެއްވަނާގައި މިއަހަރުވެސް އޮތީ ނޯވޭ އެވެ. ދެވަނާގައި ފިންލޭންޑް އޮތްއިރު ތިންވަނާގައި އޮތީ ސްވިޑަންއެވެ. ލިސްޓުގެ އެންމެ ފުލުގައި އޮތް ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ނޯތު ކޮރެއާ ހިމެނެއެވެ.