ޚަބަރު

ހަނގުރާމަވެރިންގެ ޙަމަލާއެއްގައި ތަޝާދުގެ ރައީސް އަވަހާރަވެއްޖެ


ހަނގުރާމަވެރިން ދިން ޙަމަލާއެއްގައި ލިބުނު ޒަޚަމްތަކަކަށް ފަރުވާ ހޯއްދަވަމުންދަނިކޮށް ތަޝާދުގެ ރައީސް އިދްރީސް ދީބީ އަވަހާރަވެއްޖެއެވެ.

އުތުރު އެފުރިކާގެ ޤައުމެއްކަމަށްވާ ތަޝާދުގެ ރައީސްކަމާ ދީބީ ޙަވާލުވެވާދައިގަތީ 1990ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ އެފުރިކާގެ ޤައުމެއްގައި އެންމެ ދިގު މުއްދަތަކަށް ވެރިކަންކުރައްވާފައިވާ އެއް ބޭފުޅާއެވެ.

ފާއިތުވި 30 އަހަރު ތަޝާދުގެ ރައީސްކަން ކުރައްވާފައިވާ އިދްރީސް ދީބީ އަވަހާރަވީ އެ ޤައުމުގެ އުތުރުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތަކާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ހަނގުރާމައިގެ ކުރީ ސަފުގައި ޙަރަކާތްތެރިވެވަޑައިގަންނަވިކޮށެވެ. އޭނާ އަވަހާރަވީ އެ ޤައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރިޔާސީ 6ވަނަ ދަޢުރަކަށް އޭނާ އިންތިޚާބުވެވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ. އޭޕްރިލް މަހުގެ 11ވަނަ ދުވަހު ބޭއްވި އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ދީބީވަނީ 79.3 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ.

މީގެ ކުރިން ތަޝާދުގެ އަސްކަރިއްޔާގައި ޙަރަކާތްތެރިވަޑައިގެންނެވި ދީބީއަކީ ކުރީ ސަފުގައި ހަނގުރާމަކުރެއްވުމަށް ލޯބި ކުރެއްވި ބޭފެކެވެ. ލީބިޔާގެ ހަނގުރާމަވެރިން ތަޝާދަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ވެރިރަށް އަންޖަމީނާއާ ދިމާއަށް މިސްރާބުޖެހުމުން އޭޕްރިލް މަހުގެ 19ވަނަ ދުވަހު ދީބީވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ އަސްކަރީ ފައުޖުތަކަށް ހިތްވަރުދެއްވުމަށް އެ ސަރަޙައްދަށް ޒިޔާރަތްކުރައްވައިފައެވެ. އަދި އަސްކަރިއްޔާއަށް ސީދާ އިރުޝާދުދެއްވުމަށް އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވައި ހަނގުރާމަވެރިންނާ ދެކޮޅަށް ހިނގި ކުރިމަތިލުންތަކުގައި ދީބީވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައިފައެވެ. އޭނާ އަވަހާރަވީ އެ ކުރިމަތިލުންތަކުގައި ލިބުނު ޒަޚަމުަތަކުގެ ސަބަބުންނެވެ.

ތަޝާދުގެ ރައީސް އަވަހާރަވުމުން އެ ޤައުމުގެ ސަރުކާރާއި ޤާނޫނުހަދާ މަޖިލިސްވަނީ އުވާލައިފައެވެ. އަދި ހަވީރު 6ން ފަތިހު 5އަށް އެ ޤައުމުގައި ކާފިޔުވަނީ އިޢުލާނުކޮށްފައެވެ. ދީބީ އަވަހާރަވުމުން އިންތިޤާލީ ރައީސްގެ ގޮތުގައި ދީބީގެ ދަރިކަލުން މަޙުމޫދު ބިން އިދްރީސް ދީބީ ޢައްޔަންކުރުމަށް އެ ޤައުމުންވަނީ ނިންމައިފައެވެ. އިންތިޤާލީ ސަރުކާރުން 18 މަސް ދުވަހުގެ މުއްދަތަށް ވެރިކަން ކުރާނެއެވެ.