ޚަބަރު

60 އަހަރަށްފަހު ކާސްތުރޯ ޢާއިލާގެ ވެރިކަން ނިމުމަކަށް


ކިޔުބާގައި ވެރިކަންކުރާ ކޮމިޔުނިސްޓު ޕާޓީގެ އިސްވެރިޔާގެ މަޤާމަށް އެ ޤައުމުގެ ރައީސް މިގެލް ދިޔެޒް ކެނެލް އިންތިޚާބުކޮށްފިއެވެ. އެއާއެކު ފާއިތުވި 60 އަހަރު ޕާޓީގެ މުގުލުގައި ތިއްބެވި ކާސްތުރޯ ޢާއިލާގެ ވެރިކަންވަނީ ނިމުމަކަށް އައިސްފައެވެ. ފިޑެލް ކާސްތުރޯއާއި ރައުލް ކާސްތުރޯއަކީ 1959ވަނަ އަހަރު ކިޔުބާއަށް ގެނައި އިންޤިލާބުގެ މޭސްތިރިންނެވެ.

ކިޔުބާގެ އެންމެ ބާރުގަދަ އެއް މަޤާމުކަމުގައިވާ ކޮމިޔުނިސްޓު ޕާޓީގެ ރައީސްގެ މަޤާމަށް އެ ޤައުމުގެ ރައީސް މިގެލް ދިޔެޒް ކެނެލް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން އެ މަޤާމުގައި ހުންނެވީ ކުރީގެ ރައީސް ރައުލް ކަސްތުރޯއެވެ. އުމުރުން 89 އަހަރުގެ ރައުލް ކަސްތުރޯވަނީ 2018ވަނަ އަހަރާ ހަމައަށް އެ ޤައުމުގެ ވެރިކަން ކުރައްވައިފައެވެ. އެއަށްފަހުގައި ކިޔުބާގެ ރައީސްކަމާ ޙަވާލުވެވާޑައިގަތީ ދިޔެޒް ކެނެލެވެ.

ކޮމިޔުނިސްޓު ޕާޓީގެ އިސްވެރިޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމުން ދިޔެޒް ކެނެލް ވިދާޅުވީ މުހިންމު ނިންމުންތަކެއް ނިންމުމުގައި ރައުލް ކަސްތުރޯގެ ޚިޔާލުފުޅު ހޯއްދަވާނެކަމަށެވެ. އަދި ޕާޓީ ހިންގުމުގައި ގޯސްތަކެއް ހެދޭނަމަ އެކަންކަން ފާހަގަކޮށް ރަނގަޅުކުރުމަށް އިރުޝާދު ދެއްވާނެ ފަރާތެއްގެ ގޮތުގައި ރައުލް ކަސްތުރޯ ދެމިހުންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ހިންގުން އުމުރުން 60 އަހަރުގެ ދިޔެޒް ކެނެލަށް ޙަވާލުކުރުމަކީ ރަނގަޅު ބަދަލެއްކަމަށް ގިނަ މީހުން ޤަބޫލުކުރެއެވެ. އުމުރުން ދުވަސްވީ ބޭފުޅުންނަށްވުރެ ފަހުގެ ޖީލުތަކުގެ ބޭފުޅުންނަށް ޒަމާނީ ވެރިކަމެއް ކުރެވޭނެކަމަށް އެއްބަޔަކު ޤަބޫލު ކުރި ނަމަވެސް އަނެއް ބަޔަކު ބުނަނީ ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ނުބެލެވޭކަމަށެވެ.