ޚަބަރު

އެމްއެމްއޭއިން ދަރަނި ނަގާ މުއްދަތު އިތުރުކުރަން ފިނޭންސް އިން އެދުނު މައްސަލަ ބޭރުކޮށްލައިފި


ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލަ މަޖިލީހުން ވަކިގޮތެއް ނުނިންމާ ބޭރުކޮށްލައިފިއެވެ.

ފިނޭންސްއިން ފޮނުވި މިމައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިގެން ދިރާސާކުރާގޮތަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށައެޅުމުން، އެމައްސަލަ ދިރާސާކުރަން ނުފެންނަ ކަމަށް 48 މެންބަރުންވަނީ ވޯޓު ދެއްވާފައެވެ. އެ މައްސަލަ ދިރާސާކުރަން ފެންނަކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކުރާގޮތުގައި އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވްރެޖް އާމްދަނީގެ%1 އެވެ. އެއީ މިިދިޔަ އަހަރުގެ އާމްދަނީއަށް ބަލާއިރު، 170 މިލިއަން ރުފިޔާއެވެ. އެގޮތަށް ނަގާ ދަރަނި 91 ދުވަހުގެ ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ.

ފިނޭންސްއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުގައި އެދިފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް އިތުރުކޮށްދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ފައިސާ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ފިނޭންސްއިން މަޖިލީހުގައި އެދިފައިވެއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާ އުނިކޮށް އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ. އަދި ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައިކަމަށެވެ.

ފިނޭންސް މިނިސްޓަރގެ ސިޓީގައި ވަނީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިހާތަނަށްވެސް އުވާލައިފައި ނުވާތީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަދި އަރައިގަނެވިފައިނުވާކަމަށެވެ. މިގޮތުން ޕެންޑެމިކް ޙާލަތުގައި ދެމިއޮތުމުގެ ސަބަބުން އެ މާއްދާގައި ބަޔާންކުރާ ޤުދުރަތީ ކާރިސާ އެއް އޮތްކަމަށެވެ. އަދި ވޭތުވެދިޔަ 4 ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާކަމަށެވެ.

އެހެންކަމުން މިސަބަބުތަކަށްޓަކައި މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ހަމަތަކަށް ރުޖޫޢަވާން މަސައްކަތްކޮށްފިނަމަ، ރާއްޖޭގެ އިޤްތިސާދަށް ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓާއި، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ދައުލަތް ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަށެވެ.

ނަމަވެސް ފިނޭންސް އިން އެދުނުގޮތަށް އެ މުއްދަތު އިތުރު ނުކޮށްދީ މަޖިލީހުން ވަނީ އެ މައްސަަލަ ނިންމާލާފައެވެ.