ކުޅިވަރު

ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމް ތިން ބޭފުޅަކަށް


ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އީނާމް ކުޅިވަރުގެ ދާއިރާއިން ތިން ބޭފުޅަކަށް ލިބިއްޖެއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަަބަތުގައ ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ބޭފުޅުންނަށް އިނާމް ދެއްވީ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމެވެ.ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމް ލިބުނު ފުރަތަމަ ބޭފުޅަކީ މއ.މިލާން ފަރުޚަތު ޖަލީލްއެވެ. އޭނާއަށް މި އިނާމް ލިބިފައިވަނީ ކުޅިވަރު ކުރިއެރުވުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުންނެވެ.ފަރުޚަތަށް މި އިނާމް ލިބިފައިވަނީ މަދަރުސީ ދައުރުން ފެށިގެން މިއަދާއި ހަމައަށް އޭނާ ކްރިކެޓް ކުޅުއްވުމާއި މި ކުޅިވަރު ތަރައްޤީކޮށް މި ދާއިރާއިން ތަފާތު ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާތީ އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ. ކުރިކެޓް ކުޅުއްވުމުގެ އިތުރަށް ފަރުޚަތު އަންނަނީ ކުރިކެޓް އަމްޕަޔަރިންގއާއި ކްރިިކެޓް ކޯޗިންގެ ރޮނގުން ކުޅިވަރަށް އެކި ޚިދުމަތްތައް ކުރައްވަމުންނެވެ.ކުޅިވަރުގެ ދާއިރާއިން ރޭ ގައުމީ އިނާމް ލިބުނު އަނެއް ބޭފުޅަކީ މއ.މަނަސް އާމިރު މަންސޫރުއެވެ. އާމިރު މަންސޫރަށް މި އިނާމް ލިބުނީ ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުންނެވެ.1982ދެވަނަ އަހަރުންސުރެން ފެށިގެން ޓެނިސް ކުޅުއްވަމުންއަންނަ އާމިރު މަންސޫރުވަނީ ގައުމީ ޓެނިސް މުބާރާތާއި ޓެނިސް ޗެމްޕިއަންޝިޕް  އެތައް ފަހަރަކު ހޯދާފައެވެ. އަދި ބައިނަލްއަޤްވާމީ ޓެނިސް މުބާރާތްތަކުގައި ވާދަކޮށް ބައިނަލްއަޤްވާމީ އެކި އެކި ތަމްރީން ޕްރޮގްރާމްތަކުގައިވެސް އާމިރު މަންސޫރުވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި މާލީ ގޮތުންނާއި ފަންނީގޮތުން މިއަދާއި ޖެހެންދެން އޭނާ އަންނަނީ ރާއްޖޭގެ ޓެނިހަށް އެކި އެކި ޚިދުމަތްކޮށްދެއްވަމުންނެވެ.ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމް ލިބުނު އަނެއް ބޭފުޅަކީ މއ.ފަރުދާބަގީޗާ އަޙްމަދު ޝަކީބްއެވެ. އޭނާއަށް މި އިނާމް ލިބިފައިވަނީ ކުޅިވަރުގެ ބޭސްވެރިކަމުގެ ރޮނގުންނެވެ.އަޙްމަދު ޝަކީބަކީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުން، ވަކިން ޚާއްސަކޮށް ފުޓްބޯޅާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. 1996ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްވެސް ރާއްޖޭގެ ސީނިއާރ ފިރިހެން ގައުމީ ޓީމްގެ ފިޒިޝަނެއްގެ މަގާމުގައި ހުންނެވި ޝަކީބު އަންނަނީ ދިވެހި ފުޓްބޯޅައަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންނެވެ. މިގޮތުން އޭނާ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް މިއަދާއި ހަމައަށްވެސް ފަރުވާދެއްވަމުން ގެންދަވަނީ އެއްވެސް އަގަކާއި ނުލައިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޝަކީބްވަނީ މި ދާއިރާއާއި ގުޅުން ހުރި ބައިނަލްއަޤްވާމީ ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ފުރިހަމަކޮށް ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުގެ މެޑިކަލް އޮފިސަރުން ތަމްރީން ކުރުމުގައިވެސް މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ. އެފްއޭއެމްގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން ޝަކީބްވަނީ ރާއްޖޭގެ ކުޅިވަރުކުޅޭ ކުޅުންތެރިންނަށް މިހާތަނަށް އެއްލައްކަ ފަސްދޮޅަސް ދެހާސް މެޑިކަލް ކޮންސަލްޓަންސީ ދެއްވާފައެވެ.