ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ބަރންލީ ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބަރންލީ ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު 8 ޕޮއިންޓަށް ކުޑަކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް ބަރންލީއިން ޑިފެންޑް ކުރަމުންދިޔަލެއް ރަނގަޅު ކަމުން މިމެޗްގެ ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހައިދިނީ ޔުނައިޓެޑްގެ މޭސަން ގްރީންވުޑެވެ. ނަމަވެސް ޔުނައިޓެޑުން މިލަނޑު ޖެހިތާ ދެމިނެޓްފަހުން ބަރންލީގެ ޖޭމްސް ޓަރކޯވްސްކީވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑުނެގީ މެޗް ނިމެން 6 މިނެޓަށް ވެފައިވަނިކޮށް ގްރީންވުޑް މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑުންނެވެ. އަދި ޔުނައިޓެޑްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ އެޑިންސަން ކަވާނީއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޔުނައިޓެޑަށް ލިބި ބޭކާރުވެގެންދިޔައެވެ. އަދި ބަރންލީއިންވެސް ވަނީ ދޭތެރެ ދޭތެރެއިން ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށްފައެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރުވަނީ ކުޅުނު 32 މެޗުން 66 ޕޮއިންޓް ހޯދާ ސިޓީއާއި ދެމެދުގައިވާ ފަރަގު 8 ޕޮއިންޓަށް ކުޑަކޮށްފައެވެ. މެޗަށްފަހު ޔުނައިޓެޑްގެ ކޯޗް އޮލޭ ގުނަރ ސޯލްޝާ ހާމަކުރިގޮތުގައި ބާކީ މިއޮތް 6 މެޗްގައި ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށާއި މީގެކުރިންވެސް އަދަޔާ ހިލާފް ނަތީޖާތައް ޕްރިމިއަރ ލީގުގައި ނިކުމެފައިވާކަމަށެވެ. މިމެޗުން ބަލިވުމުން ބަރންލީ މިހާރު އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.