ވިޔަފާރި

އެމް.އައި.ބީން ބޭންކު ގެރެންޓީ ދޫކުރުމުގައި ލުއި ގޮތްތަކެއް


ހާބަރު ކަޑަތަކާއި ކާނިވާ ކަޑަތަކަށް ބިޑް ހުށައެޅުމަށް ބޭންކް ގެރެންޓީ ބޭނުންވާ ފަރާތްތަކަށް ދުވަހުން ދުވަހަށް ގެރެންޓީ ދޭނެ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނެފިއެވެ.އެ ބޭންކުން ބުނީ ބޭންކް ގެރެންޓީ ހޯދަން ހުށަހަޅާ ފަރާތްތަކަށް ދުވަހުން ދުވަހަށް ގެރެންޓީ ލިބޭނެ ގޮތް ހަމަޖައްސާފައިވާ އުސޫލުގެ ދަށުން، ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ގެރެންޓީ ދުވަހުން ދުވަހަށް ދޫކުރަމުންދާ ކަމަށެވެ. ކަޑަތަކަށް ބިޑް ހުށައެޅުމަށް ހައުސިން މިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ގެރެންޓީ ބޭނުންވެގެން ގިނަ ބަޔަކު އަންނަކަން ފާހަގަކުރެވުމުން، ދުވަހުން ދުވަހަށް ގެރެންޓީ ލިބޭނެ ގޮތް ހަމަޖައްސައިދީފައިވާ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. އިސްލާމިކް ބޭންކުގެ މާކެޓިން ހެޑް މުހައްމަދު ޝަފާއު ވިދާޅުވީ،  އެ ބޭންކުން، ބޭންކު ގެރެންޓީގެ ދޫކުރުމަށް ނަގާ ފީއަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ކުރިން އެކި އަދަދުތަކަށް ނަގަމުން އައި ފީތައް މިހާރު އުވާލުމަށްފަހު، ކޮންމެ އަދަދެއްގެ ގެރެންޓީއަކަށްވެސް މިހާރު ނަގަމުންދާނީ ފަސް ސަތޭކަ ރުފިޔާ ކަމަށް އިސްލާމިކް ބޭންކުން މައުލޫމާތުދެއެވެ. ޝަފާއު ވިދާޅުވީ، ގެރެންޓީ ހޯދަން ހުށައެޅުމަށްފަހު ކެންސަލް ކުރުމަށް މީގެ ކުރިން ނަގަމުން އައި ފަންސާސް ރުފިޔާގެ ފީވެސް އުވާލާފައިވާ ކަމަށާއި، މި ބަދަލުތައް ގެނެސްފައިވަނީ ގިނަ ކަސްޓަމަރުން އެގޮތަށް އެދެމުންދާތީ ކަމަށެވެ.