މުނިފޫހިފިލުވުން

ވާހަކަ: އެހަނދާންތަކާއި ވަކިވުމެއް ނެތް


އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުގެ އެން އައި ސީ ޔޫގެ ދޮރު ހުޅުވާލިއިރު އިވެމުން ދިޔައީ ތުއްތު ތުއްތު ކުދިންގެ ރުއިމުގެ އަޑެވެ. ފަރާތް ފަރާތަށް ނަޒަރު ހިންގާލިއިރު ފެންނަނީ އެނދުތަކުގައި ތިބި މައުސޫމު ތުއްތު ކުދިންގެ ފަޔާއި އަތުގެ ޙަރަކާތްތަކެވެ. ދުރު ދުރުގައި ހުރި އެނދުތަކުގައި ނިދާފައި ވެސް އެ ތިބީ ޤުދުރަތުގެ ލޯބީގެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވާ ކުޑަ ކުޑަ ކުދީންނެވެ. ބައެއް ކުދިން އަތްދަނޑިމަތީގައި ބާއްވައިގެން އެކުދިންގެ މައިން އެނދު ކައިރީ ބަހައްޓާފައި ހުރި ގޮނޑިތަކުގައި އިށީނދެ ތިއްބެވެ. އަހަރެން ފަދައިން އެ މައިން ވެސް ތިބީ ހޮސްޕިޓަލުގެ ހެދުމުގައެވެ. އެ މަންޒަރު ފެނުމުން އަހަރެންގެ ލޯ ކަރުނުން ތެމުނެވެ. އަދި ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އެކަރުނަތައް އޮހެން ފެށިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި އެ ކަރުނަތައް ފުހެލީމެވެ.

އޭރު އަހަރެން ކެތްމަދުވެފައިވަނީ އަހަރެންގެ ދަރިފުޅު ދެކިލުމަށެވެ. އެ ތުއްތު ފުރާނަ އޮތް ހާލަތެއް ނޭނގޭތީ އަހަރެން ހުރީ ކަންބޮޑުވެފައެވެ. މިހާރު އެ ދަރިފުޅު އަހަރެންގެ ހަށިގަނޑާ ވަކިކުރިތާ ތިންދުވަސް ވީއެވެ. މައިވަންތަ ކަމުގެ ކުލުނާއި ލޯބި އެ ދަރިފުޅަށް ނުދެވޭތީ އަހަރެންގެ ހިތް ހިތާމައިން ރޮވެއެވެ. އޮޕަރޭޝަން ކޮށްގެން އެދަރިފުޅު ނެގި ދުވަހު އަހަންނަށް ދައްކާލި ގޮތަށް އަދި އެ ކުޑަ ކުޑަ ފުރާނަ ލޮލަކަށް ނުފެނެއެވެ. އޮތީ ކޮންހާލެއްގައި ކަމެއް ނޭނގެއެވެ. ނަމަވެސް އެދަރިފުޅު ދުނިޔޭގައި އޮތީތީ އަހަރެން އުފާކުރަމެވެ. އެހެންޏާ 22 ހަފުތާއިން ނަގާ ކުދިން ދިރި ހުރެދާނެކަމަށް އަހަންނަކަށް ކުރީގައި ގަބޫލު ވެސް ނުކުރެވެއެވެ. ނަމަވެސް ގުދުރަތުގެ ކުޅަދާނަކަން ނިކަން ދެކިބަލާށެވެ. އެ ދަރިފުޅު މިއަދު ދުނިޔެއަށް ނޭވާލައެވެ.

ނަރުސް ކުއްޖާ އައި ސީޔޫގައި އަހަރެން އިށީނދެ އިން ގޮނޑި ދުއްވަމުން ދިޔައިރު އެނދުތަކުގައި ތިބި ތުއްތު ކުދިންގެ ގައިން އަހަހރެންގެ ކަޅި ދުރު ނުވެއެވެ. އެ އައި ސީޔޫ ގައި ހުސް އެންމެ އެނދެއްވެސް ނެތެވެ. އަހަރެންގެ ގޮނޑި ދުއްވަމުން އަހަރެން ދާންޖެހޭ އެނދު ކަމަށްވާ ބެޑް ނަމްބަރ 20 ށް ގެންދިޔައެވެ. އަހަރެންގެ ދަރިފުޅު އޮތީ އެ އައި ސީ ޔޫގެ އެންމެ ބިއްދޮށު ކަނުގައިވާ އެނދުގައެވެ. އެއީ އަހަރެންގެ ދަރިފުޅަށް ޚާއްޞަ ކުރެވިފައިވާ އެނދެވެ.

ދަރިފުޅު ފެނުމުން ހިތް އުފަލުން ފުރުނެވެ. ޙަރަކާތެއް ނުކުރިޔަސް އެއީ އަހަރެންގެ ބަނޑުގައި 22 ހަފުތާ ވަންދެން އޮތް އަހަރެންގެ ލޯބިވާ ދަރިފުޅެވެ. އަހަރެންގެ އަތްތިލަ ވަރުވާ ކުޑަ ދަރިފުޅު ގައިގައި ވަނީ ހޮޅިތައް ގުޅާފައެވެ. ލޯ ވަނީ މެރިފައެވެ. ލޮލުގެ އެތެރެއެއް ނުފެނެއެވެ. އެހެނަސް އެ ތުއްތު ދަރިފުޅުގެ ހުރިހާ ގުނަވަނެއް ހަމަ އެވެ. ނިޔަފަތި ތައް ނެތްކަމުގައި ވިޔަސް އެ މައުސޫމު އަތް ތިލަ އާއި ފައިތިލަ ފެނުމުން އަހަރެންނަށް ބުނަން ނޭނގޭފަދަ އުފާވެރި އިހުސާސްތަކެއް ކުރެވުނެވެ. ނަރުސްކުއްޖާ ދަރިފުޅު ނަގައި ދިނުމުން އަހަރެން ލައިގެން އިން ހޮސްޕިޓަލުގެ ހެދުމުގެ ގޮށްތައް ނައްޓާލުމަށްފަހު ފުރަތަމަ ފަހަރަށް ދަރިފުޅު މޭގައި ޖައްސާލީމެވެ. މިއީ މިހާރު އަހަރެންގެ ދުވަސްތައް ގުނަމުންދާ ގޮތެވެ. ކޮންމެ ދުވަހަކުވެސް ގިނަ ވަގުތު އަހަރެން އިންނަނީ ދަރިފުޅު މޭގައި ޖައްސައިގެން ހޮސްޕިޓަލުގެ އައި ސީޔޫގައެވެ.

މިގޮތަށް އަހަރެންގެ ދެއަތް ތިލައިން ފޮރުވާލައިގެން ކޮންމެ ދުވަހަކު ދަރިފުޅަށް އަހަރެންގެ ހަށިގަނޑުގެ ހޫނުކަން ދިނުމަށް ވަގުތުތައް ހޭދަކުރަން ފެށީމެވެ. ގިނަ ވަގުތު އަހަރެން އިންނަނީ ގޮނޑީގައި އިށީނދެ އެވެ. އަހަރެންގެ ހަށިގަނޑުގައި ވޭން އަޅާހެނެއް އޭރަކު ހިއެއް ނުވެއެވެ. އަދި ލޮލަކަށް ނިންޖެއްވެސް ނާދެއެވެ. އަދި އަހަރެންނަށް އެކަމުން ލިބެނީ ހިތްހަމަ ޖެހުމެވެ. އުފަލާއި އަރާމެވެ. މިއީ ހުރިހާ މައިންވެސް ބޭނުން ވާނެގޮތެވެ. މިހާ ކުޑަ ކުއްޖަކު މައިމީހާ ގަޔާއި ވަކި ކުރާކަށް އެއްވެސް މަޔަކު ނޭދޭނެއެވެ. ނަމަވެސް ހާލަތު ތަން ނުދިނުމުން އަހަރެންގެ ދަރިފުޅު މި ހަށިގަނޑާ ވަކިކުރަން ޖެހުނީ އެވެ.

މިގޮތުގައި ހޮސްޕިޓަލުގައި ދުވަސްތައް ހޭދަކުރާތާ 2 މަސް ވީއެވެ. އަހަރެން ދަންނަ އެތައް ދިވެހިންނެއް މި އައި ސީ ޔޫ ގައި ދަރިފުޅު ބާއްވައިގެން އުޅުމަށްފަހު ހިނގައްޖެއެވެ. 3 ދުވަސް ނޫނީހަފުތާއެއް ފަހުން އެމީހުން ދަރިން ގޮވައިގެން އެނބުރި ދެއެވެ. އަހަރެން ކެތްކުރީމެވެ. އެއީ އެމީހުންގެ ނަސީބެވެ. އަހަރެންގެ ނަސީބުގައި ހުރިގޮތަކަށް އަހަންނަށްވެސް ކަންތައް ހިއްމަވައިދެއްވާނެކަން އަހަރެން ޤަބޫލު ކުރަމެވެ. ކޮންމެވެސް ދުވަހަކުން އަހަންނަށް ވެސް މި ކުޑަ ދަރިފުޅު ގޮވައިގެން ގެއަށް ދެވޭނެތީއެވެ. އަމިއްލަ ވަޠަނަށް ދެވޭނެ ކަމުގެ އުންމީދު އޮތީމައެވެ.

މިގޮތަށް އައިސީ ޔޫގައި ކުދިން ބާއްވައިގެން އެތަނަށް އައިސް އުޅޭ މީހުން އަހަރެންނާ ދިމާއަށް ވަރަށް ބަލާވެސް މެއެވެ. ހީވަނީ އަހަރެންގެ ދަރިފުޅު ލޮލަށް ނުފެންނާތީ ހެނެވެ. ވާނީވެސް އެހެންނެވެ. އަހަރެންގެދަރިފުޅު މި ދެއަތް ތިލައިގެ ތެރޭގައި ނިވާ ކޮށްލައިގެން އިންނައިރު އެދަރިފުޅެއް އެއްވެސް މީހަކަށް ނުފެންނާނެއެވެ. އެ ދަރިފުޅުގެ ކުޑަކަމުންނެވެ. އަދި އެދަރިފުޅުގެ އެއްވެސް އަޑެއްވެސް މީހަކަށް ނީވޭނެއެވެ. އަދި އެދަރިފުޅުގެ އަޑު ނުވީއްލެނީއެވެ.

އެމީހުން އަހަރެން ގާތަށް ނައެއްކަމަކު އަހަރެންގެ މައުލޫމާތު ހޯދާކަން އެނެގެއެވެ. އެން އައި ސީޔޫގައި ހަރުކޮށްފައިވާ ނޯޓިސްބޯޑު ބަލައިގެނެވެ. ކޮންމެ މީހަކުވެސް އަހަރެންނާ ދިމާއަށް ހައިރާން ކުރުވަނި ނަޒަރަކުން ބަލާލުމަށްފަހު އެނބުރި ލަނީ އެ އެންއަސީޔޫގައި އެޑްމިޓް ކޮށްފައިވާ ކުދިންގެ މައުލޫމާތު ލިޔެފައިވާ ނޯޓިސް ބޯޑަށެވެ. އެ ނޯޓިސްބޯޑުގައި އެތާ އެޑްމިޓް ކޮށްފައިވާ ހުރިހާކުދިންގެ މަޢުލޫމާތު ލިޔެފައިވެއެވެ. އެހެންކަމުން އެމީހުނަށްވެސް އަހަރެންނާއި އަދި ދަރިފުޅުގެ މަޢުލޫމާތު އެނގޭނެކަން އަހަންނަށް އެގެއެވެ. ނަމަވެސް އެއްވެސް މީހަކު އަހަރެމެން ދެމައިން ގާތަކަށް ނާދެއެވެ. އަދި ވާހަކައެއްވެސް ނުދައްކައެވެ. އެއީވެސް ނަސީބެކޭ ހިތަށް އަރައެވެ. އޭރަކު އަހަންނަށް މީހުންނާ ކުރިމަތިލާ ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބެއެވެ. ދަރިފުޅު އޮތް ޙާލަތުންނެވެ. އެ ދަރިފުޅު އެހެންމީހުނަށް ދައްކަންވެސް ބޭނުން ނުވަނީއެވެ.

އަހަރެންގެ ދަރިފުޅު ކިތަންމެ ކުޑަޔަސް އެ ތުއްތު ދަރިފުޅުގެ ފުރާނަ އެބަހުއްޓެވެ. އަހަރެންގެ ލޯމަތީގައި ފެންނަށް އެބަ އޮތެވެ. އަދި ޑޮކުޓަރުން ރެއާއި ދުވާލު މަސައްކަތް އެކުރަނީ އެދަރިފުޅު ފުރިހަމަ ޞިއްޙަތެއްގައި ބޮޑު ކުރުމަށެވެ. އަހަރެންވެސް ހިތްވަރާއި ކެއްތެރިކަމާއެކު ޑޮކްޓަރުންގެ އިރުޝާދުތަކަށް ތަބާވަމެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން ގިނަ ވަގުތު ހަށިގަނޑުގެ ހޫނުކަން ދަރިފުޅަށް ހޯދައިދެމެވެ. ދެއަތް ވތިލާއިގެ ތެރޭގައި ނިވާކޮށްލަިގެން މޭގައި ދަރިފުޅު ޖައްސައިގެން އިނދެއެވެ. ކެތްތެރިކަމާއެކު ދުވަސްތައް މިގޮތުގައި ގުނަމުން ދިޔައީ ދަރިފުޅު ހޮސްޕިޓަލުން ގެއަށް ގެންދަން ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ. އެ އުފާވެރި ހުވަފެންތައް ދެކެމުންނެވެ.

މިގޮތަށް ހޮސްޕިޓަލުގައި ގިނަދުވަސްތައް ހޭދަ ކުރަން ޖެހުމުން ފިރިމީހާ މާލެ ފޮނުވީމެވެ. ހޮސްޕިޓަލުގައި ވާނެ ދުވަހެއް ނޭނގޭތީ ޚަރަދު ކުރުމަށް ފައިސާ ބޭނުން ވާތީއެވެ. އަދި އަހަރެންގެ ކަންތައްތައް ބަލައި ދިނުމަށް އައިސް ހުރި ފަހަރިވެސް ރަށަށް ފޮނުވީމެވެ. އަހަރެން ހުރީ އިންޑިއާ މީހެއްގެ ޙަވާލުގައެވެ. ނަމަވެސް އަހަރެންގެ ގިނަވަގުތުތައް ހޭދަކުރަނީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ދަރިފުޅު ގާތުއެވެ. ކައި ހަދަނީ ހޮސްޕިޓަލުގެ ކެންޓީނުންނެވެ. މިގޮތަށް ދުވަސްތައް ހޭދަ ކުރަން ޖެހުމުން އަހަރެން އެ ހޮސްޕިޓަލަށް ނިކަން ފަރިތަ ވެއްޖެއެވެ. އަމިއްލައަށް އެކަނި އުޅެން ދަސްވެއްޖެއެވެ. އަދި އެތާނގެ ކެއުންތްކަށް ވެސް ހޭނިއްޖެއެވެ. އެހެންކަމުން މީހަކަށް އިތުރު ތަކުލީފެއް ނުޖައްސާ އަމިއްލައަށް ހުރިހާކަމެއް ކޮށްގެން އުޅެން ފެށީމެވެ.

މިގޮތަށް ދުވަސްތައް ހޭދަކުރާތާ 3 މަހާއި ކައިރި ވެފައިވަނިކޮށް އަހަރެންގެ ދަރިފުޅު ލޯ ހުޅުވާލިއެވެ. އަދި ޙަރަކާތްތައް ކުރަން ފެށިއެވެ. މަޔަކަށް ލިބޭނެ އެންމެ ބޮޑު އުފާވެސް ލިބެން ފެށިއެވެ. ދަރިފުޅު އަހަރެންގެ ގާތުން ބުއްވެސް ބޯން ފެށިއެވެ. މި ހުރިހާ ކަމެއް ފެށުނީ އަހަރެންގެ ލޮލުގެ ކުރިމަތީގައެވެ. އެދަރިފުޅު އެއްދުވަހުން އަނެއްދުވަހަށް އިސްކޮޅުން ދިގުވަމުން އައީވެސް އަހަރެންގެ މި ލޮލުގެ ކުރިމަތީގައެވެ. އަތް ފަޔާއި އިނގިލީގެ ނިޔަފަތިތައް ފަޅައި ހަމަވީ އަހަރެން އެދަރިފުޅު މޭގައި ލައްކޮށްލައިގެން ގެންގުޅެނިކޮށެވެ. އަލްހަމަދު ލިއްލާހިއެވެ. ދަރިފުޅުގެ ލޯބި ލޯބި އަޑުން ރޯންވެސް ފަށައިފިއެވެ. އެ އަޑު ކަންފަތުގައި ޖެހުމުން އަހަރެންނަށްވެސް ރޮވުނެވެ. އުފަލުންނެވެ.

މި ހުރިހާ ޚަބަރުތަކެއް އަހަރެން ފިރިމީހާއާ ހިއްސާ ކުރަމެވެ. އޭނަ އާއި ގުޅައިގެން ދަރިފުޅަށް އެއްދުވަހުން އަނެއްދުވަހަށް އަންނަ ބަދަލުތައް ކިޔައިދެމެވެ. އަހަރެން ނެކޭ އެއްގޮތައް އޭނާވެސް އެ އުފަލުގައި ބައިވެރި ކުށުމަށެވެ. ދުރުގައި ހުއްޓަސް އޭނާއަށްވެސް ލިބޭނެ އެންމެ ބޮޑު ހިތްމަޖެހުމާއި އުފަލަކީ އެއީކަމަށް އަހަރެންނަށް އެނގޭތީއެވެ. އަދި އަހަރެންގެ އާއިލާއާވެސް ދަރިފުޅުގެ ވާހަކަތައް ހިއްސާ ކުރަމެވެ. ނަމަވެސް އެއްވެސް މީހަކަށް ދަރި ފުޅުގެ ފޮޓޮއެއް ނުފޮނުވަމެވެ. އެއީ އަހަރެމެން ދެމަފިރީން ވެސް އެއްބަސްވެފައިވާ ގޮތެވެ. ދަރިފުޅު ހޮސްޕިޓަލުން ދޫކޮށް ލުމުން ނޫނީ ފޮޓޯ ނުނެގުމަށެވެ.

ނަމަވެސް ދަރިފުޅުގެ ކޮންމެ ޙަރަކާތެއް އަހަރެން ދިއައީ ޑައިރީގައި ލިޔަމުން ނެވެ. އެންމެ ފުރަތަމަ އަތް ޙަރަކާތް ކޮށްލި ދުވަހެވެ. ލޯ ހުޅުވާލި ދުވަހެވެ. ތާރީޚާއި އެކުވެސް މެއެވެ. އެއީ އަހަރެން އެ ހަދާންތައް ރައްކާ ކުރުމަށެވެ. އެ ދަރިފުޅުގެ ލޯބީގެ ހަނދާންތަކުގެ ގޮތުގައެވެ.

މިގޮތުގައި ހޮސްޕިޓަލުގައި 3 މަސްދުވަސް ހޭދަ ކުރިފަހުން އަހަރެންގެ ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލާނެކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރުން ދެއްވިއެވެ. އެ ޚަބަރު ލިބުމުން އަހަރެންނަށް އުފަލުންގޮސް އުޅެވުނުގޮތްވެސް ނޭނގުނެވެ. ދަރިފުޅު ނަގާ މެޔާލާ ބޮނޑި ކޮށްލީމެވެ. ޑޮކޮޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކުރާނެ ލަފުޒެއްވެސް އަހަހރެން ގެ ދުލަކަށް ނައެވެ. އަނގައިން ބަސްހުއްޓުމާއެކު ލޮލުން ފޭބީ ކަރުނައެވެ. އެއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ފޭބި ކަރުނައެވެ. ޑޮކްޓަރަށްވެސް މިކަން އިހުސާސް ވިއެވެ. އަދި އަހަރެންގެ ކޮނޑުގައި އަތްޖަހާލާފައި ތިޔައީ ހިތްވަރުގަދަ މައެކޭ ޑޮކްޓަރު ބުނުއްވިއެވެ.

ދަރި ފުޅު ހޮސްޕިޓަލުން ދޫކޮށްލާ ޚަބަރު ޑޮކްޓަރު ދެއްވުމާއެކެ އަހަރެން އަވަސްވެގަތީ ފިރިމީހާއަށް އެކަން އެންގުމަށެވެ. ފިރިމީހާއަށް ގުޅައި މި އުފާވެރި ޚަބަރު ދިނީމެވެ. ފިރިމީހާވެސް އުފަލުން ރުޔެވެ. އަދި ޖެހިގެން އަންނަ ދުވަހުގެ ފުލައިޓުން އަހަރެމެން ދެމައިން ބަލާ އަންނާނެ ކަމުގެ އުފާވެރި ޚަބަރު ދިނެވެ.

އަހަރެންގެ ފިރިމީހާ އެއާޕޯޓުން އައީ ސީދާ ހޮސްޕިޓަލަށެވެ. ގެނައި ދަބަސް ވެސް ހޮސްޕިޓަލުގެ ލޮބީގައި ބަހައްޓާފައެވެ. ޑޮކްޓަރުންގެ ހުއްދަ ލިބިގެން ފިރިމީހާ އައިސީޔޫ އަށް ވަން އިރު އަހަރެން އިނީ ދަރިފުޅުގެ އެނދު ކައިރީ ހުރި ގޮނޑީގައި އިށީނދެއެވެ. އެ މައުސޫމު ދަރިފުޅު އޮތީ އޭނާގެ އެނދުގައި ނިދާފައެވެ. ފިރިމީހާ އައިސް އެނދު ކައިރީ ހުއްޓުމުން އަހަރެން ވެސް ގޮނޑިން ތެދުވީމެވެ. ސެނެޓައިޒާއިން އޭނާގެ އަތް ސާފު ކޮށްލުމަށްފަހު އެ ތުއްތު ދަރިފުޅުގެ ގައިގައި އަތް ބީއްސާލިއެވެ. އެއަށްފަހު އަހަންނާއި ދިމާއަށް އަސަރުން ފުރިގެންވީ ނަޒަރަކުން ބަލާލިއެވެ. އެ ލޮލުން ފެންނަނީ އޯގާތެރިކަމާއި ކުލުނެވެ. ލޯތްބާއި ހިތްހެޔޮކަމެވެ. ތުންފަތުގައިވާ ހިނުތުންވުމުން ބުނެދެނީ އޭނާ އަހަންނަށް ޝުކުރު އަދާކުރާ މިންވަރެވެ. އޭނާ އަހަންނާ ގާތްވެލުމަށްފަހު އަހަރެންގެ އުނަގަނޑުގައި ހިފައި ގަޔާއި ކައިރި ކޮށްލިއެވެ. އަދި އޭނާގެ ގައިގައި އަހަރެން ލައްކޮށްލިއެވެ. އޭނާގެ އެ ހަރަކާތުން އަހަރެން އުފަލުން ފުރުނެވެ. ލޮލުން ފައިބާ ކަރުނަތައް ފޮރުވުމަށް އޭނާގެ މޭމަތީގައި މޫނު ފޮރުވާލީމެވެ.

އަހަރެމެން ހޮސްޕިޓަލުން ނުކުންނަ ވަގުތު ޖެހުނީއެވެ. އަހަރެމެންގެ ދަރިފުޅަށް ފާއިތުވެ ދިޔަ 3 މަސްދުވަހު ލޯބިދީ ބެލެހެއްޓި ނަރުސް ކުދިންނާއި ޑޮކްޓަރުން އެ ދަރިފުޅު އުރާލާ ގަޔާލާ ބޮނޑި ކޮށް އެންމެ ފަހުގެ ވަދާއީ ސަލާމް ކުރަމުން ދެއެވެ. ބައެއް ނަރުސް ކުދިން އައިސް އަހަރެންނާ ވެސް އޮޅުލާ ރޮއި ހެދިއެވެ. އެމީހުންގެ ހިތުގައިވެސް އެ ދަރިފުޅަށް ވަނީ ލޯބި އުފެދިފައެވެ. އެއީ އުފަން މައިން ނޫނަސް މިހާދުވަސް ވަންދެން އަހަހަރެމެންގެ ދަރިފުޅު ބެލެހެއްޓި ދެވަނަ މައިންނެވެ. އަދި އަހަރެންނާ އެކު އެ އައިސީޔޫގައި ވަގުތުތައް ހޭދަކޮށް އެހީތެރިވެދިން އާއިލާ އެކެވެ. އަހަރެމެން އައި ސީޔޫ އިން ނުކުންނަމުން ހުރިހާ ކުދިންނާއި ސަލާންކޮށް ޗޮކްލެޓް ވެސް ބެހީމެވެ. އެއީ އެ ހޮސްޕިޓަލުގެ އާދަކާދައިގައި ހިމެނޭ ކަމަކަށް ވާތީއެވެ. ފޮނި އެއްޗަކުން އަނގަ މީރު ކޮށްދިނުމެވެ.

އަހަރެމެން ދެމަފިރިންގެ އަލަތު ދަރިފުޅު ހޮސްޕިޓަލުން ގެއަށް މި ގެންދެވުނީ އުފަން ވިތާ އެތައް ދުވަސް ތަކެއް ފާއިތުވީ ފަހުންނެވެ. އަހަރެމެން ދިޔައީ ކުރިންވެސް އަހަރެމެން ތިބި އިންޑިޔާ މީހާގެ ގެއަށެވެ. އެގޭގައި އަހަރެމެންނަށް ވަކިން ޚާއްޞަ ކޮށްފައިވާ ކޮޓަރިއެއް ހުއްޓެވެ. އެކޮޓަރި ވަނީ އަހަރެމެން ގެއަށް އަންނަންވީއިރަށް ޒީންތްތެރިކޮށްފައެވެ. އެގޭގައި ދިރިއުޅޭ އެންމެވެސް ތިބީ ވަރަށް އުފަލުންނެވެ. ހީވަނީ އަހަރެމެންނަކީ އެމީހުންގެ އާއިލާގެ މެންބަރުން ހެނެވެ. އަހަރެމެން ގެއަށް އަންނަންވާއިރަށް ދަރިފުޅަށާއި އަހަންނަށް ހަދިޔާވެސް ތައްޔާރުކޮށް ޕާރުސަލް ކޮށްފައި ހުއްޓެވެ. ގޭގެ ދޮރާށިން ވަން އިރަށް މާ ބޮނޑިއަކުން މަރުޙަބާ ކިއެވެ. އަދި އެދުވަހު އެގޭގައި ވަރަށް ރަނަގަޅަށް ކައްކައި ރައްޓެހިންނަށް ދައުވަތު ދީގެން ޕާޓީއެއްވެސް ބޭއްވި އެވެ.

ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލިތާ އެއްހަފުތާ ފަހުން އެ ދަރިފުޅަށް ބަކަރިއެއް ކަތިލައި ނަން ކީމެވެ. ކުރިންވެސް އަހަރެމެން އެ ދަރިފުޅަށް ނަން ކިޔައި އުފަންދުވަހުގެ ސެޓިފިކެޓް ހައްދައިފީމެވެ. ނަމަވެސް ރަސްމީކޮށް ބަކަރި ކަތިލައި ނަން ފާޅު ކުރީ ގެއަށް ދެވުމުންނެވެ. އަހަރެމެންނަށް ގުދުރަތުން މިދެއްވި ލޯބި ލޯބި ދަރިފުޅަށް ކީ މަރިޔަމް އަނުމް ހަމީދެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން އިންޑިއާގައި އިތުރު 21 ދުވަސް އަހަރެމެން ދަރިފުޅާ އެކު ހޭދަ ކުރީމެވެ. ކޮންމެ ތިން ދުވަހަކުން އެއްދުވަހު ދަރިފުޅު ހޮސްޕިޓަލަށް ގެންދަމެވެ. އެއީ ޑޮކުޓަރުން އަންގަވާފައިވާ ގޮތެވެ. މި ގެންދާ ދުވަސް ދުވަހު ޑޮކްޓަރުން ދަރިފުޅު ވަރަށް ރަނގަޅަށް ބައްލަވައެވެ. އެނދުގައި ބައިގަޑިއެއްހާއިރު ބާއްވައައެވެ. އެއަށްފަހު ޑޮކްޓަރުން ހަދަންބޭނުންވާ ޓެސްޓުތައް ހައްދަވައެވެ. މި ގޮތުގައި ގަޑިއެއްހާއިރު އެން އައި ސީޔޫގައި ދަރިފުޅު ގެންގުޅުވުމަށްފަހު އަހަރެމެނާ ދަރިފުޅު ހަވާލުކުރެއެވެ. މި ގޮތައްބައްލަވާތާ 21 ދުވަސް ހަމަވުމުން މާލެ ފުރުމުގެ ހުއްދަ ދެއްވިއެވެ. މިހާރު ދަރިފުޅުގެ އެއްވެސް މައްސަލައެއް ނެތްކަމަށް ބުނުއްވިއެވެ. އަހަރެމެން އިތުރަށް ސުވާލުކުރީމެވެ. އަދި ޓެސްޓްތައް ހަދަން އަންނަން ޖެހޭނެ ތޯއެވެ. ނަމަވެސް ޑޮކްޓަރުން ބުނުއްވީ ދަރިފުޅު މިހާރު ރަނގަޅުކަމުގައެވެ. އެއްވެސް މައްސަލެއެއް ނެތް ކަމުގައެވެ. އެހެންކަމުން އަހަހރެމެން މާލެ ދިއުމަށްޓާކައި ތައްޔާރުވާން ފެށީމެވެ. މާލޭގައި ތިބި އާއިލާގެ އެންމެންނަށްވެސް އަހަރެމެން ފުރާ ދުވަސް އެންގީމެވެ. އާއިލާގެ އެންމެވެސް އަހަރެމެންނަށް އިންތިޒާރުކުރާނެކަން އެނގޭތީއެވެ.

އަހަރެމެން މާލެ ފުރުމަށްޓަކައި ވައިގެ ބަނދަރަށް އައި އިރު އަހަރެމެން ތިބިގޭ ދެމަފިރިންވެސް އަހަރެމެނާއެކު އައެވެ. އަދި އެގޭގައި ބޭހަށް ގޮސްތިބި 3 ދިވެހިންވެސް އަހަރެމެންނާ އަލްވަދާޢު ކިޔުމަށް އައެވެ. އެ މީހުންގެ އެ ހެޔޮކަމާއި އޯގާތެރިކަމަށް ފައްފަށުން ޝުކުރުއަދާކުރުމަށްފަހު އަހަރެމެން މާލެ އައުމަށް ދަތުރު ފެށީމެވެ.

އަހަރެމެން މާލޭ ވައިގެ ބަނދަރުގެ ގިމަތައިން ނުކުތް އިރު އާއިލާގެ ހުރިހާ މެންބަރުން އިންތިޒާރުގައި ތިއްބެވެ. އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ޚާއްޞަކޮށް އަހަރެންގެ މަންމަމާއި ބައްޕަ އުފަލުން ރޮނީއެވެ. ރަޖައިން ނިވާކޮށް ތަންމައްޗަކަށް ލާފައި އޮތް އަހަރެންގެ ދަރިފުޅު ފެނޭތޯ އެންމެން އެމީހެއްގެ އިސްކޮޅަށްވުރެ މައްޗަށް ބޯ ހިއްލުމަށް އިނގިލިތަކުގެ ކުރި ޖައްސައިގެން ބޯ ދިއްކުރަމުން ދެއެވެ. އަހަރެން ދަރިފުޅު ގޮވައިގެން ނުކުމެ މަންމަގެ އަތްދަނޑިމަތީގައި ބޭއްވީމެވެ. މަންމަ އެ ދަރިފުޅު އުރާލާފައި މޫނާ ކައިރި ކޮށްލާ ދުޢާއެއް ވެސް ކޮށްލިއެވެ. ބައްޕަވެސް މަންމަ ގާތު ހުރެ އެ ދަރިފުޅު ލާފައި އޮތް ރަޖާގައި އަތްކާއްތަމުން ގެންދިޔައެވެ. އެއަށްފަހު އަހަރެންގެ ފިރިމީހާގެ މަންމަ އަތަށް ދަރިފުޅު ދިނީމެވެ. އެ ދަމަފިރިން ވެސް އުފަލުން ރޮނީ އެވެ. ދެން ތިބި އެންމެން ކިޔޫގައި ފަހަތަށް ޖެހި ތިއްބެވެ. އެއަށްފަހު ފަހަރަކު މީހަކު ދަރިފުޅު އުރާލާ ލޯބި ކޮށްލިއެވެ.

އަހަރެމެން ގެއަށް ދިޔައިރު ގޭތެރެވެސް ވަނީ ޒީނަތްތެރި ކޮށްފައެވެ. ޚާއްޞަކޮށް އަހަރެމެންގެ ކޮޓަރި ވަނީ ކުޑަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުކޮށްފައެވެ. ކޮޓަރީގެ ކުލަވެސް ވަނީ ފިޔާތޮށި ކުލައަށް ބަދަލުކޮށްފައެވެ. އެ ދަރިފުޅަށްޓަކައި ކުޑަ އެނދަކާއި އަލަމާރިއެއްވެސް ކޮޓަރީގައި ހުއްޓެވެ. ތަފާތު ބާވަތްތަކުގެ ކޫޅެ އެއްޗިހި އެލުވައި މުޅި އެނދުވަނީ ޒީނަތްތެރިކޮށްފައެވެ. މަންމަމެންގެ ފަރާތުން އެނގުނީ ފިރިމީހާ އަހަރެމެން ބަލާ އިންޑިޔާއަށް ދިޔައީ މި ހުރިހާއެއްޗެއް ހޯދާ ކޮޓަރި ތައްޔާރުކޮށްފައި ކަމެވެ.
އަހަރެންގެ ދަރިފުޅު ބޮޑުވަމުން ދިޔައީ އާއިލާއެއްގެ ލޯބި ލިބިގެންނެވެ. މަންމަ އާއި ބައްޕަގެ އިތުރުން ކާފަޔާއި މާމަގެ ލޯބިވެސް ލިބިގެނެވެ. މީގެ އިތުރަށް އަހަރެންގެ އެއްބަނޑު ކުދިން ވެސް އެ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ. އަމިއްލަ ދަރިން ގޮތަށް އެދަރިފުޅަށް ކަމޭހިތައި ހަދިޔާ ދީ ހަދައެވެ.

މިއީ ދުނިޔެއަށް ނޭވާލި އަހަރެމެން ދެމަފިރިންގެ ފުރަތަމަ ދަރިފުޅެވެ. އެހެންނަމަވެސް އަހަރެން ބަލިވެ އިން ހަތަރު ވަނަފަހަރެވެ. ކޮންމެ ފަހަރަކު ބަލިވެ އިނދެ ތިންމަސް ނުވަތަ ދެމަހުގައި ބައި ގެންދަނީ އެވެ. ޑޮކްޓަރަށް ދައްކަމެވެ. ބޭސްކަމެވެ. ޑޮކްޓަރުންގެ އިރުޝާދުތަކަށް ތަބާވަމެވެ. ނަމަވެސް ވާގޮތެއް ނޭނގެ އެވެ. މައްސަލަ އަކީ ކޮބައިކަމެއް ދެނެއެއް ނުގަނެވުނެވެ. ބަލިވެ އިންނަކަން އެނގުމާއެކު އަރާމު ކުރަމެވެ. ހެލިފެލިވެ އުޅުންވެސް މަދުކުރަމެވެ. ގިނަވަގުތު އަރާމު ކުރުމުގައި އޮށޯވެ އޮންނަމެވެ. މަންމަމެންގެ އިރުޝާދުގެ މަތިން ރަނގަޅު އެއްޗިހި ކައި ހަދަމެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކުން ބަނޑުގައި ރިއްސާލާފައި ދަރިފުޅު ވެއްޓެނީއެވެ. މިކަމާ މާޔޫސްވެ ކަންބޮޑުވެ ހަދާނެ ގޮތެއް ނޭނގިގެން އަހަރެމެން ދެމަފިރިން ފިކުރު ކުރަމެވެ. އަދި މިކަމަށް ފަރުވާ ހޯދައް ނިންމީމެވެ.

މިހެން ތިއްބާ އަހަރެމެންގެ މި ދަރިފުޅަށް ބަލިވެ އިންކަން އެނގުމާއެކު އަހަރެމެން ދެމަފިރިން ފުރައިގެން އިންޑިޔާގެ ޓްރިވެންޑްރަމަށް ދިޔައީއެވެ. ޑޮކްޓަރަށް ދެއްކުމުން އަހަރެންގެ ރަހިމުގައި މައްސަލައެއް ހުރިކަމަށް ޑޮކޮޓަރުން ފާހަގަ ކުރެއްވިއެވެ. ކުރީގައި ބަލިވެ އިނދެ ބަނޑުގައި ދަރިން ހަރު ނުލާ ސަބަބަކީ އެއީ ކަމުގައި ބުނުއްވިއެވެ. އެހެން ނަމަވެސް އިންޖެކްޝަނާއި ބޭހުން ދަރިފުޅު ބަނޑުގައި ހަރު ލެއްވޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވިއެވެ. އަދި ވިހަންދެން އެނދުގައި ނުތެދުވެ އޮންނަން ޖެހޭނެ ކަމަށް ބުނުއްވިއެވެ. އަހަރެމެން އެގޮތަށް ވެސް އެއްބަސްވީމެވެ. ކޮންމެ ހާލެއްގައިވެސް މި ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އަހަރެމެން ދެމަފިރިންވެސް ބޭނުންވާތީއެވެ.

އެހެންކަމުން އަހަރެން އިންޑިއާގައި ބޭންދުމަށްފަހު ފިރިމީހާ ފުރައިގެން މާލެއައެވެ. އަހަރެން ހުރީ ފަހަރި އަކާއެކު އިންޑިއާގައި ބަލި މީހުން ބައިތިއްބާ ގެއެއްގައެވެ. އެގޭ މީހުން ވަރަށް ހެވެވެ. ފަހަރިވެސް ވަރަށް ރަނގަޅެވެ. އަހަރެން އޮތްތާ ބާއްވައިގެން ކާންދީ ހުރިހާ ކަމެއް ކޮށްދީ ހަދައެވެ. ޑޮކްޓަރަށްދައްކައިދީ ހަދައެވެ. އަދި އެގެއަށް ބޭސް ފަރުވާ އަށް އަންނަ ދިވެހިންވެސް ވަރަށް ހެވެވެ. އަހަރެންގެ ހާލު ބަލައެވެ. ކޮޓަރިއަށް އައިސް ވާހަކަދައްކާ ހަދައެވެ. އެމީހުން ބޭރަށް ގޮސް އަންނަ އިރު މީރު ކާއެއްޗިއްސާއި މޭވާ އަހަންނަށް ގެނެސް ދެއެވެ.

މި ގޮތުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އަހަރެންގެ ބަނޑަށް 22 ހަފުތާ ވީތަނާ އަހަރެން ހުން އަންނަން ފަށައިފިއެވެ.ހުން އައިސް މާބޮޑަށް ހުން ގަދަވާން ފެށިއެވެ. އެހެންކަމުން ފަހަރިއާއި ގޭގައި އަހަންނާ ހަވާލުވި ފަރާތުން އަހަރެން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން ލަފާ ދެއްވީ އަހަރެން އެނދުމަތި ކުރުމަށެވެ. އެނދުމަތި ކޮށްގެން ފަރުވާން ދޭން ފެށި އެވެ. މިގޮތަށް ފަރުވާ ދޭތާ 24 ގަޑި އިރު ވީއިރުވެސް އަހަރެން ހުން މަޑު ވާގޮތެއް ނުވިއެވެ. ޑޮކްޓަރުން ކަންބޮޑުވާން ފެއްޓިއެވެ. އަހަރެންގެ ބަނޑުގައިވާ ދަރިފުޅަށް މިކަމުގެ ސަބަބުން ގެއްލުމެއް ލިބިދާނެތީއެވެ. އެންމެ ފަހުން އެހެން ގޮތެއް ނެތިގެން ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވެދާނެތީ ދަރިފުޅު ނަގަން ޖެހޭނެ ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވިއެވެ.

މި ޚަބަރު ޑޮކްޓަރުން ދެއްވުމާއެކު އަހަރެންނަށް ކެތްނުކުރެވޭފަދަ އަސަރެއް ކުރިއެވެ. ދެރަވެގެން ހިތް ފަޅައިގެންދާވަރު ވިއެވެ. އަދި ބާރަށް ރޯން ފެށުނެވެ. އަހަރެންގެ ހިތް ބުނަމުން ގެންދިޔައީ މި ދަރިފުޅުވެސް އަހަންނާ ވަކިވެ ދަނީ ކަމަށެވެ. ނަމަވެސް ޑޮކްޓަރުން އަހަރެންނަށް ހިތްވަރު ދެއްވިއެވެ. 22 ހަފުތާއިން ނަގާ ކުދިންވެސް އެމީހުން ސަލާމަތް ކުރާކަމަށް ކިޔައިދެއްވިއެވެ. އެހެނަސް އެމީހުންވެސް ބުނުއްވިއެވެ. ހުރިހާކަމެއްގެ ބާރުވެރި ފަރާތަކީ މަތީގައިވާ ކަލާންގެއެވެ. އެފަރާތުގެ ބާރުވެރި ކަމުންނޫނީ އެއްވެސް ކަމެއް ނުވާނެއެވެ. އަހަރެންނަކީ މުސްލިމެކެވެ. އެކަލާންގެ ހަޟުރަތަށް ދަންނަވާށެވެ.

ޑޮކުޓަރުންގެ މި ބަސްތަކުން އަހަންނަށް ހިތްވަރު ލިބުނެވެ. ކެއްތެރިކަމާއެކު މާތް ﷲ ހަޟުރަތަށް ދުޢާ ދަންނަވަން ފެށީމެވެ. އަހަރެންގެ ދަރިފުޅު ސަލާތް ކޮށްދެއްވުން އެދި ރެއާއި ދުވާލު އެކަލާންގެ އަށް ދެންނެވީމެވެ.
ދަރިފުޅު ނެގުމަށް އޮޕްރޭޝަން ކުރަންވީ އިރަށް ފިރިމީހާވެސް އަތުވެއްޖެއެވެ. އެދުވަހުގެ މެންދުރުފަހު 2 ޖެހި އިރަށް އަހަރެން ގެންގޮސް އޮޕަރޭޝަން ތިއެޓަރަށް ވެއްދިއެވެ. ހޮސްޕޓަލުގެ ހެދުމުގައެވެ. އަހަރެން ގެންގޮސް ތިއެޓަރުގެ ގޮނޑިއެއްގައި ބޭން ދިއެވެ. އެއަށްފަހު 2 ޑޮކުޓަރަކާއި ނަރުހަކު އަހަރެން އޮޕަރޭޝަން ކުރުމުގެ ކަންތައް ތަކުގައި ހަރކާތްތެރި ވަމުން ގެންދެވިއެވެ. މީގެ އިތުރަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްވެސް މި ޓީމުގައި އުޅުއްވަ އެވެ.

ކުޑަ އިރުކޮޅަކުން އަހަރެން ބެއްލެވުމަށް ޚާއްޞަވެފައިވާ އަންހެނުންގެ ޑޮކްޓަރ އަހަރެން ގާތު ގުޑިވެސް ނުލާ އިނުމަށްބުނުއްވާ އަހަރެން ލައްވާފައި އިން ހެދުމުގެ ފުރަގަހު ގޮށްތައް ނައްޓާލެއްވިވެ. އެއަށްފަހު މައިބަދައަށް އިންޖެކުޝަނެއް ހަރަން ފެށިއެވެ. ސުބުޙަނަﷲ އެވެ. އެއީވާ ތަދުވާ ކަމެކެވެ. އަހަރެންނަށް ކެތްކުރާނެ ބާރު ލިބުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ހަށިގަނޑަށް ގުޑުމެއްވެސް އަރުވާ ނުލާ އިނެއްކަމަކު އަހަރެންގެ ލޮލުން ކަރުނަތައް ފައިބައެވެ. އެ ލިބުނު ވޭނީ ރިހުމުގެ ސަބަބުންނެވެ. އިންޖެކްޝަން ޖެހުމަށްފަހު އަހަރެން ގެންގޮސް އެނދެއްގައި ބޭއްވިއެވެ. އަދި އަހަރެންގެ މޭ މަތިން ތިރިއަށް ފޮތިގަނޑެއް އަޅައި ނިވާ ކުރިއެވެ. ޑޮކުޓަރުންނާއި ނަރުހުން އަހަންނަށް ހޭހަން ކުރާކަން އެނގެއެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑުގައި އެއްވެސް އިހުސާސެއް ނެތެވެ.

ދިހަ ވަރަކަށް މިނެޓް ފަހުން ޑޮކްޓަރ ނަގައި އަހަރެންގެ މޫނުގައި އެ ޖައްސާލީ އަހަރެންގެ ކުޑަ ކުޑަ ދަރިފުޅެވެ. އެ ދަރިފުޅު ފެނުމުން އަހަރެން ހައިރާންވިއެވެ. އަހަރެންގެ ޙަޔާތުގައިވެސް އެހާ ކުޑަ ކުއްޖަކު ނުދެކެމެވެ. ޑޮކްޓަރ ހީލާފައި ބުންޏެވެ. ދަރިފުޅު ރަނގަޅެވެ. އަންހެން ކުއްޖެކެވެ. އަހަރެން އުފާ ކުރީމެވެ. އަދި ﷲ ގެ ހަޟުރަތަށް ޝުކުރުވެސް ކުރީމެވެ. ޑޮކްޓަރުންގެ އަވަސް ޙަރަކާތާއެކު އަހަރެންގެ ދަރިފުޅު ފޮތިގަނޑަކަށް ލާ އޮޅާލައިގެން ގެންގޮސްފި އެވެ. އެ ހޮސްޕިޓަލުގެ އެން އައި ސީޔޫ އަށެވެ. އަދި ދަރިފުޅަށް ފަރުވާ ދޭން ފެށިކަމަށް ޑޮކުޓަރުން ބުނުއްވިއެވެ. އެހާ ކުޑަ ކުއްޖެއް ބާއްވަން ޖެހޭނީ ވަކި ޚާއްޞަ ތަނެއްގައިކަން އަހަންނަށް ކިޔައި ދެއްވިއެވެ. އަހަރެންވެސް ސަރޖިކަލް އައި ސީޔޫއަށް ގެންދިޔަ އެވެ. އެތާ ބާއްވައިގެން އަހަންނަށް ފަރުވާ ދޭން ފެށިއެވެ.

ދަރިފުޅު ދުށުމަށް ކެތްމަދުވެފައިވާ އަހަރެންނަށް އެއްދުވަސް ވެސް ހީވަނީ ހަފުތާއެއް ވާ ހެނެވެ. އަހަރެންގެ ދަރިފުޅަށް މައިވަންތަ ކަމުގެ ކުލުނާއި ލޯބި ނުދެވޭތީ އެވެ. އެ ދަރިފުޅު އުރާލައި އެ މައުސޫމުގެ ގާތު ވަގުތު ހޭދަ ނުކުރެވޭތީއެވެ. މި މައިމީހާގެ އުނގުތރޭގައި އެ ދަރިފުޅު ބާއްވާލައިގެންފިރުމާލަން ބޭނުންވާތީއެވެ. އުރާލައިގެން ލޯބި ކޮށްލަން ބޭނުންވާތީއެވެ. އެ ތުއްތު މޫނުގައި ބޮސްދިނުމަށް އެދޭތީ އެވެ. އެ ތުއްތު ޖިސްމު މައިވަންތަ ކަމުގެ ކުލުނު ބޭނުންވާނެ ވަރު އިހުސާސްވާތީއެވެ.
ކޮންމެ ދުވަހަކު ދެގަޑިއަށް ފިރިމީހާ އަށް އަހަރެންގެ ގާތަށް އާދެވެއެވެ. އެއީ އައިސީޔޫގެ ގަވައިދުގައި ވާގޮތުން ކަނޑަ އެޅިފައިވާ ދެގަޑިއެވެ. ފިރިމީހާ އައުމުންވެސް އަހަންނަށް ސުވާލުކުރެވެނީ ދަރިފުޅު ކޮބައިތޯއެވެ؟ އެ ތުއްތު ކުއްޖާ ދުށިން ތޯއެވެ؟ ފިރިމީހާ އަހަންނަށް ހިތްވަރު ދެއެވެ. ދަރިފުޅު ރަނގަޅުކަމަށް ބުނެއެވެ. ނަމަވެސް އަހަންނަށް ހީވަމުން ދިޔައީ އެއީ އަހަރެން ހިތްހަމަޖެއްސުމަށް އޭނާ ބުނާ އެއްޗެއްކަމަށެވެ. އަހަރެންގެ ލޮލުން އެ ދަރިފުޅު ނުފެންނަނީސް އެކަން ޔަގީން ނުކުރެވޭނެކަން ފިރިމީހާއަށްވެސް އެނގެއެވެ އެހެންވެ ހިތްވަރުދެނީ އަވަހަށް ރަނގަޅުވެގެން ދަރިފުޅު ދެކިލުމަށް ދިއުމަށެވެ.

އައިސީ ޔޫގައި މަސައްކަތް ކުރަމުންދާ ހިވާގި ހިތް ހެޔޮ ނަރުހުންގެ އޯގާތެރި ކަމަކުން އަހަރެންގެ ހިތަކަށް އަރާމެއް ނުލިބެއެވެ. ނަމަވެސް އެކުދިންގެ އިރުޝާދުތަކަށް ތަބާވަމެވެ. އެމީހުން ގެންނަ ބޭސްތައް ކަމެވެ. ގުޅާފައިވާ އައިވީ ފުޅި ހުސްވަންވާއިރަށް އެކުދިންނަށް ގޮވަމެވެ. ފޫހި ވެފައި އޮތްނަމަވެސް ކެއްތެރިކަމާއެކު ހިތްވަރު ކުރީމެވެ. އަހަރެމެންގެ ދަރިފުޅަށްޓަކައެވެ. މި ގޮތުގައި 3 ދުވަސް ހޭދަވީއިރަށް އަހަރެންގެ ހުން މުޅިން ފިލައިފިއެވެ. އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނީއެވެ. ދަރިފުޅު ގާތަށް ދިއުމަށް އަހަރެންނަށް ފުރުޞަތު ލިބުނެވެ. ނަމަވެސް އެ ދަރިފުޅަކީ ޤުދުރަތުގެ ހަދިޔާއެވެ. މާﷲ ގެ ކުޅަދުންވަންތަކަމެވެ. އަޅުންނަށް ކުރެވޭނީ މަސައްކަތެވެ. ތައުފީގު ދެއްވާނީ އެކަލާންގެ ހަޟުރަތުންނެވެ.

މިހާރު މީހަކު ބަލާލާފައި އެއީ 22 ހަފުތާއިން ނެގި ކުއްޖެއް ކަމަކަށް ނުބުނާނެއެވެ. ނަމަވެސް އަހަރެން އަދިވެސް އެދުވަސްތައް ހަނދާނެއް ނުނެތެވެ. އަދި ނުވެސް ނެތޭނެމެއެވެ. އެއީ ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާން ތަކެކެވެ. މާޒީވެ ދިޔަ ހިތްދަތި ދުވަސްތަކެކެވެ. އެހެން ނަމަވެސް އާޚިރުގައި ފޮނި އިހުސާސްތަކެއް ކުރުވި ހަނދާން ތަކެކެވެ. އުފާވެރި ޞަފުޙާތަކަށް ބަދަލުވި އަހަރެމެންގެ ލޯބިވާ ދަރިފުޅުގެ ހަނދާންތަކެވެ.

އަހަރެމެން ދެމަފިރިން ދެން އިތުރު ދަރި އަކު ނުހޯދަމެވެ. ޑޮކްޓަރުން އެގޮތަށް ލަފާ ދެއްވީމައެވެ. ޑޮކޮޓަރުންގެ ވާހަކަތައް އަހަރެމެން ޤަބޫލުކުރީމެވެ. އަހަރެމެންގެ އެއް ދަރިއަކުވެސް ދުނިޔޭގައި ހުރީތީ ﷲ ގެ ހަޟުރުރަތަށް ޝުކުރު ކުރަމެވެ. އަހަރެމެން ކެތްތެރިކަން ހޯދަނީ އަހަރެމެނަށް ވުރެ ހިތާމައިގައި އުޅޭ އެހެން މީހުންގެ ހާލަތަށް ވިސްނާފައެވެ. މި ދުނިޔޭގައި ދަރިން ލިބުމުން މަހުރޫމުވެފައިވާ ކިތައް މީހުން އެބަ އުޅޭ ހެއްޔެވެ؟ ވީމާ މާތް ﷲ އަހަރެމެން ދެމަފިރިންނަށް މި ދެއްވީ ވަރަށް ބޮޑު ނިޢުމަތެކެވެ. މި ނިޢުމަތަށް ޝުކުރުކޮށް ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީ ބަލާ ބޮޑު ކުރުމަކީ މިއަދު އަހަރެމެންގެ ޒިންމާއެވެ. އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަށް ދުނިޔޭގައި ތިބިހާ ދުވަހަކު އަހަރެމެން ދެމަފިރިން ހިތްމަތާއެކު މަސައްކަތް ކުރާނަމެވެ.

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔެ ހުށައެޅީ މ. މުލި / މާފޮޅޭގެ، ނާޒިމާ ސަމީރުއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 06 ރަމަޟާން 1442 އެވެ.