ސިޔާސީ

ޕީޖީ މުހްތާޒް މުހްސިން މަޤާމުން ވަކިކޮށްފި


ޕްރޮސެކިޔުޓަރ ޖެނެރަލް މުހްތާޒް މުޙުސިންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. މުހުތާޒް މުހުސިންގެ އިތުބާރު ނެތްކަމަށް ފާސްވީ ވޯޓުގައި ބައިވެރި57 މެމްބަރުންގެ އިއްތިފާގުންނެވެ. ޕީޖީ މުހުތާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މަޖިލީހަށް ހުށައެޅުއްވި ރިޕޯޓުގައި މުހުތާޒް އެމަގާމުން ވަކިކުރައްވަން ޖެހިވަޑައިގަންނަވާ ހަތް ނުކުތާއެއްވަނީ ފާހަގަކުރައްވާފައެވެ. ކޮމިޓީގެ ރިޕޯޓުގެ ނިންމުމުގައި ވަނީ ޤާނޫނު އަސާސީގެ 228 ވަނަ މާއްދާގެ (ހ)އާއި މުހުތާޒް ޚިލާފްވެފައިވާކަމަށެވެ. ޤާނޫނުއަސާސީގެ މިމާއްދާގައި ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ  މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެމަޤާމް އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެމަގާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރެވިދާނެކަމަށެވެ. ޕީޖީގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުތަކަކީ "ސީރިޔަސް" މައްސަލަތަކެއް ކަމަށާއި، ޕީޖީ ވަނީ ސީރިއަސް މައްސަލައެއްގައި ހައްޔަރު ކުރެވިފައި ހުރި މަޝްހޫރު ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލްގެ ވަކީލާ ބައްދަލުކުރެއްވި ކަމަށް ކޮމެޓީގައި އެއްބަސްވެ ވަޑައިގެންފައި ކަމަށް މިމައްސަލަ ދިރާސާކުރެއްވި ކޮމިޓީގެ މެމްބަރުން ފާހަގަކުރައްވައެވެ