ޚަބަރު

އެންމެ އުތުރުގައި ކުނި ނައްތާލާ މަރުކަޒީ ރަށެއް ކަނޑައަޅަނީ


ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅަށް ޚާއްސަކޮށްގެން ގާއިމްކުރާ ސަރަހައްދީ ކުނި ނައްތާލާ ނިޒާމުގެ ދަށުން، ކުނި ނައްތާލާ މަރުކަޒީ ރަށެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ފިނޭންސްމިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުނި ނައްތާލާ ސަރަހައްދީ މަރުކަޒު ގާއިމުކުރުމަށް ހަދަންޖެހޭ "ޓެކްނިކަލް އަދި ފައިނޭންޝަލް ފީޒިބިލިޓީ ސްޓަޑީ" ގެ ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ބަޔަކު ހޯދަމުންދާކަމަށެވެ. މީގެ އިތުރުން ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ޒޯން އެކެއްގެ ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ ދަށުން، ސަރަހައްދީ މަރުކަޒު ގާއިމުކުރުމަށް 2015 ވަނަ އަހަރުގެ ބަޖެޓްގައި ފައިސާ ހަމަޖެހިފައިވާ ކަމަށްވެސް ފިނޭންސް މިިނިސްޓްރީން މައުލޫމާތުދެއެވެ. ހއ ހދ އަދި ށ އަތޮޅުގައި ކުރިއަށްގެންދާ ކުނި ނައްތާލުމުގެ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިފަދަ މަޝްރޫއެއް ވޯލްޑް ބޭންކުގެ އެހީގައި ނ، ރ، ބ އަދި ޅ އަތޮޅުގައި މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. އެ ސަރަހައްދުގައި ކުނި ނައްތާލުމަށް ކަނޑައަޅާފައިވަނީ ރ.ވަންދޫގައެވެ.