ޚަބަރު

ހުޅުމާލޭގައި ކަރަންޓު ކެނޑިފައިވާ މަގުތަކަށް 3 ދުވަސްތެރޭ ކަރަންޓުދެވޭނެ - އެޗްޑީސީ


ހުޅުމާލޭގެ ބައެއް މަގުތަކުން ކަރަންޓު ކެނޑިފައިވާ މައްސަލަ ޙައްލުކޮށް، 3 ދުވަސް ތެރޭގައި އެސަރަޙައްދުތަކަށް އަލުން ކަރަންޓު ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީން ވިދާޅުވީ ބައެއް ސަރަޙައްދުތަކުގެ މަގު ބައްތިތައް ނިންވާފައިވަނީ، މަގު ބައްތިތަކާގުޅޭ ކަރަންޓުގެ މަސައްކަތެއް ކުރިއަށްގެންދާތީކަމަށެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންވަނީ ހުޅުމާލޭގައި އަދިރިކޮށް ހުރި މަގުތަކާ، އާއްމުކޮށް މީހުން ބޭނުންކުރާ ސަރަޙައްދުތައް ދެނެގަނެ އެފަދަ ސަރަޙައްދުތައް އަލިކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

"ސްޓްރީޓް ލައިޓް ޕްރޮޖެކްޓް"ގެ ދަށުން ހުޅުމާލޭގެ 14 ސަރަޙައްދެއް އަލިކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖެނުއަރީމަހުގެ ކުރީކޮޅުއެވެ. އެޗްޑީސީން ވިދާޅުވީ މި މަސައްކަތުގެ ދަށުން ހުޅުމާލޭގެ މި 14 ސަރަޙައްދުގައި 1330 ލައިޓް ހަރުކުރާނެކަމަށެވެ.
މި މަސައްކަތް ފަށައިގެން ކުރިއަށްދާއިރު މިހާރުވެސްވަނީ، ކުރިން އަނދިރި ބައެއް ސަރަޙައްދުތަކުގައި މަގު ބައްތިޖަހާ އަލިކޮށްފައެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެޗްޑީސީންދަނީ އާއްމުކޮށް ބޭނުންކުރާ ބައެއް ސަރަޙައްދުތަކުން ވަގުތީގޮތުން ކަރަންޓު ކަނޑަމުންނެވެ. އެޗްޑީސީން ވިދާޅުވީ ބައެއް ސަރަޙައްދުގެ މަގު ބައްތިތައް ނިއްވައިގެން މަސައްކަތް ކުރަން ޖެހެނީ އެ ސަރަހައްދުތަކުގެ ކަރަންޓާ ގުޅޭ ބައެއް މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީކަމަށެވެ.

މަގުތައް އަލިކުރުމަށް ހިންގާ ޕްރޮޖެކްޓްގައި އާ މަގުބައްތިތައް ހަރުކުރުމުގެ އިތުރަށް މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ މަގުތަކުގައި މައްސަލަޖެހިފައިވާ މަގު ބައްތިތައް މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ. އެޗްޑީސީން ވިދާޅުވީ ކަރަންޓު ކަނޑައިގެން ކުރިއަށްގެންދާ މަސައްކަތްތައް ނިންމައި، ކުރިއަށް އޮތް 3 ދުވަސްތެރޭ އަލުން އެ ސަރަޙައްދުތަކުގެ މަގުތަކަށް ކަރަންޓު ފޯރުކޮށްދޭނެކަމަށެވެ.

ހުޅުމާލޭގެ އާއްމުކޮށް ބޭނުންކުރާ ގިނަ މަގުތަކެއް އަނދިރިވުމާ މަގުތަކުގައި ޖަހާފައިވާ މަގު ބައްތިތައް މަދުވެ އަނދިރިވުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާ އެ ސިޓީއަށް ޒިޔާރަތްކުރާ މީހުންގެވެސް ޝަކުވާއެކެވެ. މި މައްސަލައަށް ޙައްލު ހޯދާދިނުމަށް ފަށާފައިވާ "ސްޓްރީޓް ލައިޓް ޕްރޮޖެކްޓް"ގެ މަސައްކަތް ޖޫން މަހު ނިންމާނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް މިދިޔަ އަހަރުވަނީ މަގުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތެއްވެސް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި 48ކެމެރާ ހަރުކޮށްފައިވެއެވެ.