ޚަބަރު

ފަޔާޒުގެ ވާހަކަތައް އެމްއެންޑީއެފްއިން ދޮގުކޮށްފި


ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށްބުނެ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއް އެމްއެންޑީއެފްއިން ދޮގުކޮށްފިއެވެ.

އެމްްއެންޑީއެފްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭޕްރީލް 14 ވަނަ ދުވަހުގެ ރޭ ޓީވީ ޗެނަލަކުން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި އެމްއެންޑީއެފްގެ ކުރީގެ އޮފިސަރެއްކަމަށްވާ އަޙްމަދު ފަޔާޒް ޢަލީ ރިޒާ ބައިވެރިވެ، އެ ޕްރޮގްރާމްގައި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށްބުނެ ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއްކަމަށާއި އަދި އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަކަމަށް ބުނެފައިވެއެވެ. އަދި ހދ. ހަނިމާދޫ އެއަރޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަޙައްދަށްވެސް އަރައި ފޭބުމަށް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ ކަމުގައިވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ އަޙްމަދު ފަޔާޒް ޢަލީ ރިޒާއަކީ ތަފާތު ގިނަ އަޚްލާޤީ މައްސަލަތަކެއް ޖެހި، ސުލޫކީ މައްސަލަތަކެއްގައި 2015 ޑިސެންބަރު 17 ވަނަ ދުވަހު ސިފައިންގެ ކާނަލެއްގެ މަޤާމުން ކެޕްޓަނެއްގެ މަޤާމަށް ޑިމޯޓްކޮށްފައިވާ ފަރާތެއްކަމަށެވެ. އަދި 2016 ޖޫން 19 ވަނަ ދުވަހު ކެޕްޓަނެއްގެ މަޤާމުން ލެފްޓިނެންޓެއްގެ މަޤާމަށް ޑިމޯޓްކޮށް، "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.

އިޚްލާސްތެރިކަމެއްނެތް ބަޔާނެއް، ކިޔާލުމުން އެނގުނީ މަޖުބޫރު ކަމެއް ވާކަމެވެ.

ރާއަލިފް