ޚަބަރު

އެމެރިކާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް 1.7 ބިލިއަން ޑޮލަރު


ކޯވިޑް-19ގެ އައު ވައްތަރުތައް އެމެރިކާގައި ފެތުރުން ހުއްޓުވުމަށް 1.7 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ސަރުކާރުން ބުނީ އެ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލް އެންޑު ޕުރިވެންޝަނުން ކޯވިޑް-19ގެ އައު ވައްތަރުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށްކަމަށެވެ. އެ ފައިސާ ޚަރަދުކުރާނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ 1.9 ބިލިއަން އެމެރިކާ ޑޮލަރުގެ ސްޓިމިޔުލަސް ޕެކޭޖުގެ ދަށުންކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ. އެ މަޝްރޫޢުގެ ދަށުން ކޯވިޑް-19 ދިރާސާކުރުމުގެ މަސައްކަތްތައް އިތުރުކޮށް ބަލީގެ އައު ވައްތަރުތައް ދެނެގަތުމަށާއި ބަލީގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށާއި ޙާލަތު ދެނެގަތުމަށް އެހީތެރިވެދޭނެކަމަށް އެމެރިކާގެ ސަރުކާރުން ބުނެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގައި މިހާރު ބަލިޖެހެމުންދާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ފެތުރުނު ކޯވިޑް-19ގެ ވައްތަރު ޖެހެނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށްކަމަށެވެ. އަދި އެ ޤައުމުގައި މިހާރު ފެތުރެނީ ބަލީގެ ނުރައްކާ ވައްތަރުތައްކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަސްކޮޅު އެމެރިކާއިން ތަޙުލީލުކޮށްފައިވަނީ ހަފުތާއަކު 8،000 ސްޓުރެއިނެވެ. އޭގެ ފަހުން ސަރުކާރުން 200 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށް ހަފުތާއަކު 29،000 ސްޓުރެއިން ތަޙުލީލުކުރުމުގެ ޤާބިލުކަންވަނީ އިތުރުކޮށްފައެވެ. އަދި އެ ޢަދަދު އަނެއްކާވެސް އިތުރުކުރުމަށްވަނީ ނިންމައިފައެވެ. އެގޮތުން 1.7 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން އެއް ބިލިއަން ޑޮލަރު ޚަރަދުކުރާނީ އެ މަސައްކަތް ފުޅާކުރުމަށެވެ. އަދި ވިރާސީ ދިރާސާތައް ކުރާ ހަ މަރުކަޒެއް ޤާއިމުކުރުމަށް 400 މިލިއަން ޑޮލަރު ހޭދަކުރާނެއެވެ. ކޯވިޑް-19އާ ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްކޮށް ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް 300 މިލިއަން ޑޮލަރު ޚަރަދުކުރުމަށްވަނީ ނިންމައިފައެވެ. އެ ޚަރަދުތައް ކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ތެރޭގައެވެ.