ޚަބަރު

އައި.އީ.ޑީ ފެނުނު މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި


މުލިއާގޭ ކައިރިން މިމަހުގެ ދެވަނަ ދުވަހު ފެނުނު އައި.އީ.ޑީގެ މައްސަލަައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، ތަހްޤީޤު ކުރިއަށްދާތީ ހައްޔަރުކުރެވުނީ ކިތައް މީހުންކަމާއި، އޭގެ ތަފްސީލް ދެވެން ނެތްކަމަށެވެ.ފުލުހުން ބުނީ އައި.އީ.ޑީގެ މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތަހްޤީޤް ފެށިފައިވާކަމަށާއި، އަދި އެމީހުންނާއި ސުވާލުކުރަމުންދާކަމަށެވެ. އަދި ތަހްޤީޤުން މިހާތަނަށް މުހިއްމު މައުލޫމާތުތަކެއް ހޯދާފައިވާކަމަށްވެސް ނަވާޒު ވިދާޅުވިއެވެ. ނަވާޒް ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ހިންގަމުންދާ އޮޕަރޭޝަނުގައި ބައެއް ތަންތަނާއި ގޭގެ ފާސްކޮށްފައިވާއިރު، ފުލުހުން ބަލަމުންދާ މައްސަލަތަކާއި ގުޅޭ ގިނަ ހެކިތަކެއް ފެނިފައިވާކަމަށް ނަވާޒު ވިދާޅުވިއެވެ.  ނަވާޒް ވިދާޅުވީ ސަލާމަތީ ބާރުތަކުން ކުރަމުންދިޔަ މަސައްކަތްތަކުން ވަރަށް ރަނގަޅު ނަތީޖާ ތަކެއް ނެރެވިފައިވުމާ ތަޙުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ނުރައްކާތެރި ހަތިޔާރާ ގޮވާ ތަކެތި ބޭނުންކުރަން މަސައްކަތްކުރި ބައެއް މީހުން ހައްޔަރުކޮށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަދި ޤައުމީ ސަލާމަތް ދެމެހެއްޓުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އެޅި ރާއްޖޭގައި ރައްކާތެރި މާޙައުލެއް އުފެދިފައިވާތީ ސަލާމަތީ ބާރުތަކުން އެ މަޢުލޫމާތު ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާއަށް މިއަދުގެ ވަގުތެއްގައި ސަލާމަތީ ބާރުތަކުން އަރުވާފައި ވާކަމަށެވެ.