ޚަބަރު

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވާނެ: ޑރ.ޖައިޝަންކަރް


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރްއާ ބައްދަލުކުރައްވާ އެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ މިހާރު އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ކޯވިޑް 19 އިގެ މިހާރުގެ ހާލަތާއި ވެކްސިން ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ކޯވިޑް-19ގެ މި ޕެންޑެމިކްގައި އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުންނާއި، އިންޑިޔާގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގައި ޑރ. އެސް ޖައިޝަންކަރު ވަނީ އިންޑިއާއިން މިހާރުވެސް ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުކެނޑުމެއްނެތި ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މިބައްދަލު ކުރެއްވުމަށްފަހު ޑރ.ޖައިޝަންކަރު ކުރެއްވި ޓުވީޓެއްގައިވަނީ ރާއްޖެއާއެކު ބައިނަލްއަޤްވާމީ މަސްރަހްގައި އިންޑިޔާއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންނެވީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

އިންޑިއާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮދެމުންނެވެ. އެގޮތުން ކޯވިޑް19އިގެ ޙާލަތާ ގުޅިގެން ބޭހާ ވެކްސިންވަނީ ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިޔާއިންވަނީ ކޮވިޝީލްޑް ވެކްސިންގެ ދެލައްކަ ޑޯޒްވެސްވަނީ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ނިމުނު ފެބްރުއަރީމަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ 7 ދާއިރާއަކުން އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މީގެތެރޭގައި އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމާ، މާލޭ ސަރަޙައްދުގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ލޯނު އެހީގެ އެއްބަސްވުން ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި 2 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިންވެސް ރާއްޖެއަށްވަނީ ހަދިޔާކޮށްފައިވެއެވެ.