ޚަބަރު

ކޯވިޑް-19 : އިތުރު މީހަކު ނިޔާވެއްޖެ، މިއީ 68ވަނަ މަރު


ރާއްޖެއިން ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ 82 އަހަރުގެ ދިވެހި އަންހެނެކެވެ.

އެޗްޕީއޭއިން ވިދާޅުވީ، ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހެއްކަމަށާ، އޭނާ ނިޔާވީ މިއަދު 11:12 ހާއިރުކަމަށެވެ. މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 68ވަނަ މީހާއެވެ. އެންމެ ފަހުން ރާއްޖެއިން މިބަލީގައި މީހަކު ނިޔާވެފައިވަނީ މާރިޗް މަހުގެ 31ވަނަ ދުވަހުއެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވާ 68 މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ ފެބުރުއަރީމަހުއެވެ. އެމަހު 10 މީހުންވަނީ ނިޔާވެފައެވެ. އަދި މިދިޔަ ޖެނުއަރީމަހު 9 މީހުން ރާއްޖެއިން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޯވިޑް-19އަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން ކޮންމެ ދުވަހު ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު ވަނީ 100 އިން ދަށަށް ގޮސްފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ 58 މީހުންނަށެވެ.

މިވަގުތު ބަލި މީހުންގެ ގޮތުގައި ފަރުވާދެމުން އަންނަނީ 2،621 މީހުންނަށެވެ.