ވިޔަފާރި

ވެކްސިން 2 ޑޯޒްއަށްފަހު ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓަކާ ނުލައި ރާއްޖެ އާދެވޭނެ


ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިން ޕީސީއާރް ޓެސްޓު ނަތީޖާއެއް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ޢާއްމުކުރި އުސޫލުގެ ދަށުން ގެންނަ މި ބަދަލާއެކު ކޯވިޑް-19ގެ ވެކްސިން 2 ޑޯސް ފުރިހަމަކޮށްގެން ރާއްޖެއަށް އަންނަ ފަތުރުވެރިން ކަރަންޓީންގެ މުއްދަތެއްވެސް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. އެހެން ނަމަވެސް ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަ ކުރިފަހުން 14 ދުވަސް ފުރިހަމަވާން ޖެހެއެވެ.

އެޗްޕީއޭގެ އައު އުސޫލުގެ ދަށުން ލިބޭ ލުޔާއި ގުޅޭގޮތުން ޕީއެސްއެމްބނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވީ، މިފަދަ ބަދަލަކަށް އިންތިޒާރުކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށެވެ. ސަބަބަކީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެއަށް އައުމަކީ ފަތުުރުވެރިންނަށް ބޮޑު ތަކުލީފަކަށްވާތީކަމަށެވެ.

" ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ، މިހާރު އަޅުގަނޑުމެން ފަތުރުވެރިކަމާއި ގުޅުންހުރި ހުރިހާ ތަނަކަށާއި ރިސޯޓުތަކަށް އެގަން އެންގުމުގެ މަސައްކަތްކުރަމުން މިދަނީ، މި ބަދަލުގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވޭ،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިބަދަލާއެކު ލިބޭނެ ކުރިއެރުންތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ޔޫރަޕްގެ ޤައުމުތައް ހުޅުވާލަމުންދާއިރު، ފަސޭހައިން ރާއްޖެއަށް ދަތުުރުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެހިފައިހުރުމުން ޔޫރަޕް، އަދި ވަކިން ޙާއްސަކޮށް އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޗްޕީއޭއިންދިން ލުޔާއެކު ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ރަށްރަށަށް ދަތުރުކުރެވެއެވެ. މިއާއެކުވެސް މުވައްޒަފުންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރ ވަނީ ރިސޯޓުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްސީލްވެސް ދެއްވާފައެވެ.

"ހީކުރިވަރަށްވުރެ ބާރު ސްޕީޑެއްގައި ރިސޯޓުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތްކުރެވެމުންދަނީ، މުޅި އިންޑަސްޓްރީގެ 90 އިންސައްތައަށްވުރެ ގިނަ ފްރަންޓުލައިން މުވައްޒަފުންނަށް ވެކްސިން ދެވިއްޖެ މިހާރު،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

އެޗްޕީއޭއިން ޢާއްމުކުރި އުސޫލުގެ ދަށުން އާބާދީގެ 60 އިންސައްތައަށް ވެކްސިން ޖަހާފައިވާނަމަ ކަރަންޓީންވުމަކާ ނުލާ ރަށްރަށަށް ދަތުރުކުރެވޭނެއެވެ. މިއުސޫލަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.