ޚަބަރު

މިއީ އެންމެ ފަހުގެ ރަމަޟާން މަސްކަމަށް ބަލައިގެން ހެޔޮ ޢަމަލުތައް ގިނަކުރުމަށް ޚުޠުބާގައި ގޮވާލައްވައިފި


މި ރަމަޟާން މަހަކީ ހަޔާތުގެ އެންމެފަހު ރަމަޟާން މަސްކަމަށް ވެދާނެކަމަށް ބަލައިގެން ހެޔޮ ޢަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މިއީ ތިބާގެ އެންމެ ފަހުގެ ރަމަޟާން މަހަށްވެސް ވެދާނެ" މި މަޢުޟޫއަށެވެ.

މިއަދުގެ ޚުޠުބާގައި ވަނީ ރަމަޟާން މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެއްކަމާއި، މިއީ ބަރަކާތްތެރިވެގެންވާ މަހެއްކަން ފާހަގަކުރައްވާ އެ މަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރޯދަ ވެރިޔާ ރޯދައަށް ހުންނައިރު އެހުންނަނީ މަތިވެރި އަޅުކަމެއްގައިކަމަށާއި، ރޯދަ ވީއްލުމަށް ދާންދެން މަލާއިކަތުންގެ ހެޔޮ ދުޢާ ރޯދަވެރިޔާއަށް ހުންނާނެކަން ފަހަގަކުރައްވާ ޙުޠުބާގައި ވަނީ ރޯދަވެރިޔާގެ ދުޢާ އަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ދުޢާއެއްކަން ހަނދާންކޮށްދެއްވާފައެވެ. ޚާއްޞަގޮތެއްގައި ރޯދަވީއްލުމަށް ތައްޔާރުވެފައިވާ ވަގުތު ކުރާ ދުޢާ ޤަބޫލުކުރެވިގެންވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ރަމަޟާން މަހަކީ ޤުރްއާނުގެ ބާވާލެއްވި މަސްކަންވެސް ފާހަގަކުރައްވާ ޚުޠުބާގައި ވިދާޅުވީ، ރަސޫލާއާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި އޭގެ ފަހުން ވަޑައިގެންނެވި މިއުންމަތުގެ ހެޔޮ ބޭފުޅުން ރަމަޟާން މަހު ކީރިތި ޤުރްއާނަށް ޚާއްޞަ ސަމާލުކަމެއް ދެއްވިކަމަށާއި، އެފޮތް ކިޔެވުމަށާއި އުނގެނުމަށާއި އުނގަންނައިދެއްވުމަށް ހުސްވެވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ. އެއީ އެހެން މަސްމަހަށް ވުރެ، ރަމަޟާންމަހު، ޤުރްއާން ކިޔެވުމުގެ ދަރުމަޔާއި ޘަވާބު ބޮޑުވުމުންކަމަށާއި، ރަސޫލާ އާއި ޖިބްރީލުގެފާނާއި ދެބޭކަލުން ކޮންމެ ރަމަޟާން މަހަކު ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް މުރާޖައާ ކުރެއްވިކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

"ރަސޫލާ ސުވަރުގެ ވަޑައިގެންނެވި އަހަރު ދެފަހަރު މުރާޖަޢާ ކުރެއްވިއެވެ. ރަމަޟާން މަހަކީ ފާފަ ފުއްސެވުމާއި ދިންނެވުމުގެ މަހެވެ. އިމާންކަންމަތީ ދަރުމަޔާއި ޘަވާބަށް އެދިގެން ރޯދަ ހިފައިފި މީހާގެ ފާފަތައް ފުއްސަވާނެ ކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ ޞޢވ ވަނީ ދެއްވާފައެވެ. ހަމަ އެޝަރުޠާއެކު ރޭގަނޑުގެ ރޭއަޅުކަން ކުރާމީހާ ވެސް ހަމަ އެފަދައެވެ. އޭނާގެ ފާފަތައް ވެސް ފޮހެވިގެންދާނެއެވެ. ބޮޑެތި ފާފަތައް ފިޔަވައެވެ. ބޮޑުފާފައަކަށް އަރައިގަނެވިފައިވާ މީހާ، އެކަމަށް ތައުބާވާންޖެހޭނެއެވެ. ރަމަޟާން މަހުގެ ދުވާލުގެ ވަގުތު މާތްކުރައްވާފައި ވާއިރު، ރޭގަނޑުގެ ވަގުތުތައް ވެސް ވަނީ މާތްކުރައްވާފައެވެ. އެ މާތްކަމަށްޓަކައި ރޭއަޅުކަން ކުރުން ޝަރުޢު ކުރެއްވިއެވެ. އަދި ފަހުދިހައިގެ އޮނަހިރި ރެއެއްގައި ބަރަކާތްތެރި ލައިލަތުލް ޤަދްރި ވިލޭރޭ ލެއްވިއެވެ. އެއީ އެއްހާސް މަހަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ." ޚުޠުބާގައިވެއެވެ

ރަމަޟާން މަހަކީ މަދު ދުވަސް ކޮޅެއްކަން ހަނދާންކޮށްދެއްވަމުން ޚުޠުބާގައިވަނީ މި މަސް ދާދި އަވަހަށް ނިމިގެން ހިނގައިދާނެކަމަށާއި، ކުރެވުނު ހެޔޮ ކަމަކުން މެނުވީ ފަހުން ފައިދާއެއް ނުކުރާނެކަމަށް ވިދާޅުވެ ނަސޭހަތްތެރިވެވަޑައިގެންފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަސް، އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު ދުނިޔޭގައި ތިބި އެތައް އަޚުންނަކާއި އުޚްތުންނެއް މި ރަމަޟާންމަހާ ބައްދަލުވި އިރު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައިވާކަމަށާއި، މިއީ އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި ފެންނަން އޮތް ހަޤީޤަތެއްކަން ހަނދާންކޮށްދެއްވިއެވެ. މި ރަމަޟާން މަހާ ބައްދަލުވުމަކީ، ކުރިއަށް އޮތް ރަމަޟާން މަހާ ބައްދަލުވާނެކަން ޔަޤީންވާ ކަމެއް ނޫންކަމަށާއި، ރަމަޟާން މަސް ފެށިފައިވާއިރު މިމަސް ނިމެންދެން އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގައި ތިބޭނީ ކިތައް މީހުން ކަމެއްވެސް ނޭނގެކަމަށްވެސް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ އެންމެފަހު ރަމަޟާން މަސް ކަމަށް ވެސް ވެދާނެއެވެ. ވީމާ މިމަހަށް ޤަދަރު ކުރާށެވެ! އިޙްތިރާމް ކުރާށެވެ! އަޅުކަމުގެ މަހެއްގެ ގޮތުގައި ބަލައިގަންނާށެވެ! ޙަޤީޤަތަކީ މިއީ ކަމުގައި ވިއަސް ބައެއް މީހުންގެ ޙާލާމެދު ހިތާމަކުރަން ޖެހެއެވެ. އެބައިމީހުން ވަނީ އާޚިރަތާ މެދު ޣާފިލުވެފައެވެ. ރަމަޟާން މަހަކީ ކިހާ މަތިވެރި މަހެއްކަން އެބައިމީހުން ނުދަނެއެވެ. ބައެއް މީހުންނަށް ހީވަނީ މިއީ ހަމައެކަނި ތަފާތު ކެއުންތަކާއި ބުއިންތަކުގެ މަހެއް ކަމަށެވެ. ކުޅިވަރާއި މަޖަލުގެ މަހެއް ކަމަށެވެ. ރޭގަނޑު ހޭލާ ހުރެފައި، ދުވާލު ހަތަރުދަމު ނިދަން އޮތް މަހެއް ކަމަށެވެ. އެބައިމީހުންނަށް ވަނީ ރޯދައިގެ މަޤްޞަދު އޮޅިފައެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަހު ޒުވާބު ކުރުމާއި އަރާރުން ވުން ގިނަވެއެވެ. ކާބޯތަކެތި އިސްރާފު ކުރުމާއި ވަގުތު ބޭކާރު ކުރުން އިތުރުވެއެވެ." ޚުޠުބާގައި ވެއެވެ.

މި ރަމަޟާން މަހަކީ ހަޔާތުގެ އެންމެފަހު ރަމަޟާން މަސްކަމަށް ވެސް ވެދާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ޚުޠުބާގައި ވަނީ ހެޔޮ ޢަމަލުތައްކުރުން އަވަސްވެގަތުމަށް ގޮވާލައްވާފައެވެ. އެގޮތުން ނަމާދު ތަކަށް ރައްކާތެރިވުމަށާއި، ދީނުގައި މަނާ ކުރައްވާފައިވާ އެއްވެސް ކަމަކާ ކައިރި ނުވުމަށް ގޮވާލެއްވިއެވެ. އަދި މި މަހުގެ ހެޔޮކަމުން މަހުރޫމްވެއްޖެ މީހަކީ ވަރަށް ބޮޑު ބަދު ނަސީބު ވެރިއެއްކަމަށްވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.