ކުޅިވަރު

މާޒިޔާއިން ހުރިހާ ހާލަތަކަށް ވެސް ތައްޔާރު: ކޯޗު ވިޑަކޮވިޗް


މާޒިޔާއިން ހުރިހާ ހާލަތަކަށް ވެސް ތައްޔާރުކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ. ފަހަކަށް އައިސް ގިނަ ޓީމުތަކުން މާޒިޔާއާއި ދެކޮޅަށް ނިކުންނަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން، ފަހަތަށް ޖެހިގެންނެވެ.

މިމެޗަށް ނިކުންނައިރު އެންމެ ފަހުގެ ޗެންޕިއަން މާޒިޔާ އޮތީ ލީގް ތާވަލްގެ އެއްވަނައިގައެވެ. އެއީ އެޓީމް ކުޅުނު 11 މެޗުން ލިބިފައިވާ 25 ޕޮއިންޓްއާއެކުގައެވެ.

މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބް މިރޭ ވާދަކުރާއިރު މިސީޒަންގައި މާޒިޔާ ގޮވައިގެން ސީޒަންގެ ކުރީކޮޅުގައި ނިކުމެފައިވަނީ މިހާރު ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމެވެ. މިކަމާއި ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލްއަކަށް ޖަވާބުދެއްމުން މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނީ ކޮންމެ ޓީމެއްވެސް މާޒިޔާއާއި ދެކޮޅަށް ނިކުންނަނީ މާޒިޔާ ބަލިކުރަންކަމަށާއި އަދި ހާއްސަކޮށް މިސީޒަންގައި މާޒިޔާއަށް ކޯޗްކޮށްދީފައިވާ ކޯޗެއް މާޒިޔާއާއި ދެކޮޅަށް ނިކުންނާނީ އިތުރު ހިއްވަރެއް ލައިގެންކަމަށް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ. އަދި މިއީ ފުޓްބޯޅައިގައި ވަރަށް އާންމުކަމެއްކަމަށާއި އަބަދުވެސް ލީގް ތާވަލްގެ އެއްވަނަގާއި އޮންނަ ޓީމާ ދެކޮޅަށް ކޮންމެ ޓީމެއްވެސް ނިކުންނާނީ އެ ޓީމު ބަލިކުރަންކަމަށްވެސް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ. އަދި މިހާރު ލީގްގެ ދެވަނަ ބުރުގެ ކޮންމެ މެޗަކީވެސް ވަރަށް މުހިންމު މެޗެއްކަމަށާއި ބާކީ އޮތް 10 ވަރަކަށް މެޗުން ލީގް ޗެންޕިއަން އެގިގެންދާނެކަމަށް ވެސް ވިޑަކޮވިޗް ބުންޏެވެ.

ކޯޗް ބުނީ މިފަހަކަށް އައިސް ޓީމްތަކުން މާޒިޔާ އާއި ދެކޮޅަށް ކުޅެނީ ވަރަށް ބޮޑަށް ޑިފެންސިވް ގޭމްއެއްކަމަށާއި މާޒިޔާއިން ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރަށް އޮތް ކަމަށް ތާވަލްގެ އެއްވަނައިގައި އުޅޭ މަޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.