ކުޅިވަރު

މިރޭ ކުޅެނީ މިބުރުގެ އެންމެ މުހިންމު މެޗު: ނިޒާމްބެ


މިރޭގެ މެޗަކީ މިބުރުގައި ޓީސީ ސްޕޯޓްސް ކުލަބުން ކުޅޭ އެންމެ މުހިންމު އެއް މެޗުކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ. ލީގްގެ އެއްވަނައިގައިވާ މާޒިޔާ އާއި ދެކޮޅަށް ކޮންމެ ޓީމެއްވެސް ވަރަށް ރަގަނޅަށް ތައްޔާރުވެގެން ނިކުންނައިރު މިރޭ ޓީސީއިން މާޒިޔާއާއި ދެކޮޅަށް ނިކުންނައިރު، ޓީސީގެ ކޯޗް މުހައްމަދު ނިޒާމަކީ މިސީޒަން ފެށުނުއިރު މާޒިޔާއަށް ކޯޗުކޮށްދެމުން އައި ކޯޗެވެ.

އަދި ކުރީގެ ޓީމްއާއި ދެކޮޅަށް ނިކުންނައިރު، ނިޒާމްބުނީ މިއީ ވަރަށް ރަގަނޅަށް ތައްޔާރުވެގެން ނިކުންނަން ޖެހޭ މެޗެއްކަމަށާއި މިމެޗަށް ވަރަށް ފުރިހަމައަށް ޓީސީއިން ތައްޔާރުވާނެކަމަށްވެސް ނިޒާމް ބުންޏެވެ. މިމެޗަށް ނިކުންނައިރު ޓީސީ ސްޕޯޓްސް ކުލަބް އޮތީ ލީގް ތާވަލްގެ 5 ވަނައިގައެވެ. އެއީ އެޓީމް ކުޅުނު 12 މެޗުން ލިބިފައިވާ 13 ޕޮއިންޓްއާއެކުގައެވެ.

މެޗްގެ ކުރިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި މެޗާގުލޭގޮތުން އިތުރަށް ވާހަކަދައްކަމުން ނިޒާމް ބުނީ މާޒިޔާގައި ތިބި ކުޅުންތެރިންނަކީ މިހާރު އެއް ސްޓައިލަކަށް ކުޅޭ ކުޅުންތެރިންތަކަކަށްވުމުން، އެކުޅުންތެރިން ސްޓައިލް ވަރަށް ރަގަނޅަށް ޓީސީއަށް އެގޭކަމަށެވެ. ނަމަވެސް މާޒިޔާގައި ތިބި ކުޅުންތެރިންނަކީ ކޮންމެ ފަދަ ވަގުތެއްގައިވެސް މެޗް ބަދަލްކޮށްލެވޭ ފެންވަރުގެ ކުޅުންތެރިންތަކެއްކަމުން، އެކުޅުންތެރިން ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކަތް ދެ ގުނަ އިތުރުކުރަންޖެހުމަކީ މިރޭގެ މެޗުގައި ދިމާވާނެ އުނދަގުލެއްކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ. ޓީސީއަކީ ވަރަށް ޒުވާން ޓީމެއްގެ މައްޗަށް ބިނާވެފައިވާ ޓީމަކަށްވާއިރު، މާޒިޔާފަދަ ގައުމީ ޓީމުގެ ކުޅުންތެރިން ގިނަ ޓީމަކާއި ދެކޮޅަށް ނިކުންނައިރު ވަރަށް ބޮޑަށް ހިއްވަރު ކުރަންޖެހޭނެކަމަށާއި ހިއްވަރާއެކު މަސައްކަތްކޮށްފިނަމަ، މާޒިޔާވެސް ބަލިކުރެވިދާނެކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.