ރަމަޟާން މަހު ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިން ދީފިއެވެ.
އިރުމަތީ މެޑިޓެރޭނިޔަން ސަރަޙައްދުގައި މިދިޔަ ހަފުތާގެ ތެރޭގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ 22 އިންސައްތަ އިތުރުވެފައެވެ. އަދި ބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ 17 އިންސައްތަ އިތުރުވެފައެވެ. ޑަބުލިޔުއެޗުއޯއިން ބުނީ މެދުއިރުމަތީގެ ޤައުމުތަކާއި އުތުރު އެފުރިކާގެ ޤައުމުތަކުގައި ރަމަޟާން މަހު ކޯވިޑް ފެތުރޭ މިންވަރު އިތުރުވުން އެކަށީގެންވާކަމަށެވެ.
އެ ސަރަޙައްދުގެ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިރުމަތީ މެޑިޓެރޭނިޔަން ސަރަޙައްދަށް ކަނޑައަޅާފައިވާ ޑަބުލިޔުއެޗުއޯގެ އިސްވެރިޔާ އަޙުމަދު އަލްމަންދާރީ ވިދާޅުވީ އެ ސަރަޙައްދުން ކަންބޮޑުވާ ކަންތައްތަކެއް ފެންނަކަމަށެވެ. ރަމަޟާން މަހުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ޢާންމުން ފަރުވާކުޑަކޮށްފިނަމަ ޙާލަތު އިތުރަށް ގޯސްވުން ވަރަށް ގާތްކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރަމަޟާން މަހުގެ ރޫޙު ބަދަލުވެފައިވާކަމަށް ބައެއް މުސްލިމުންނަށް ޤަބޫލުކުރެވުނު ނަމަވެސް އެ ފިޔަވަޅުތަކަކީ މިފަދަ ޙާލަތްތަކުގައި ޢަމަލުކުރުމަށް އިސްލާމުދީނުގައި ބާރުއަޅާފައިވާ ފިޔަވަޅުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާމުދީނަކީ އަމިއްލަ މީހާގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި އެހެން މީހަކަށް ގެއްލުމެއް ނުދިނުމަށް ބާރުއަޅައި ދީނެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑަބުލިޔުއެޗުއޯއިން ބުނީ ބަލިފެތުރޭ މިންވަރު އިތުރުވިޔަނުދިނުމަށް ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ސަރަޙައްދުތައް ފާހަގަކުރުމަށް އެ އިދާރާއިން ދިރާސާތަކެއް ކުރަން ބޭނުންވާކަމަށެވެ. ބަލިފެތުރޭ މިންވަރު ދަށްކުރުމަށް ރަމަޟާން މަހު މިސްކިތްތަކުގައި އިޖުތިމާޢީ ގައިދުރުކަން ފަރިތަކުރުމާއި އެ ތަންތަނަކީ ވައި ދަޢުރުވާގޮތަށް ހުންނަ ތަންތަންކަން ޔަޤީންކުރުމާއި ގިނަގިނައިން ޖަރާސީމު ފިލުވުމަށް އެ އިދާރާއިންވަނީ ބާރުއަޅައިފައެވެ. އަދި ބަލި މީހުންނާއި ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުން މިސްކިތްތަކަށް ނުދިޔުމަށްވެސް އެ އިދާރާއިން އިލްޠިމާޞްކުރެއެވެ.