ޚަބަރު

އިންޑިޔާގައި ދުވާލެއްގެ މައްޗަށް 200،000 މީހުންނަށް ކޯވިޑް-19 ޖެހެނީ


އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އެ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތު އިތުރަށް ގޯސްވެއްޖެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާއަކީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމެވެ. އެ ޤައުމުގައި މިހާތަނަށް 14 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 173،451 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 200،730 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.

އިންޑިޔާގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހެނީ މަހާރަޝްތުރާ ސްޓޭޓުގައެވެ. އެ ސްޓޭޓުގައި ދުވާލެއްގެ މައްޗަށް 60،000 މީހުންނަށް ބަލިޖެހެއެވެ. ބަލި ފެތުރޭ މިންވަރު އިތުރުވެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ނުކުރެވޭތީކަމަށް ޞިއްހީ މާހިރުން ބުނެއެވެ. އެ ސްޓޭޓުގެ ހަސްފަތާލުތަކަށް ބާރު ބޮޑުވެ ގިނަ ޢަދަދެއްގެ މީހުންނަށް ފަރުވާ ނުދެވި އެބަތިއްބެވެ. ބަލި ފެތުރުން ހުއްޓުވުމަށް އޭޕްރިލް މަހުގެ 14ވަނަ ދުވަހުން ފެށިގެން އެ ސްޓޭޓުވަނީ ފުރަބަންދުކޮށްފައެވެ.

އިންޑިޔާގައި ފެތުރެމުންދާ ކޯވިޑް-19ގެ އައު ރާޅުގެ ސަބަބުން އެ ޤައުމުގެ ޙާލަތު މިދިޔަ އަހަރަށްވުރެ މި އަހަރު ގޯސްވާނެކަމުގެ އިންޒާރު ޞިއްޙީ މާހިރުންވަނީ ދީފައެވެ. އަދި ބަލިފެތުރޭ ދުވެލި އަވަސްކަމަށާއި ބަލީގެ ބާރުގަދަ އައު ވައްތަރުތަކެއް ފެތުރެމުންދާކަމަށް ޞިއްޙީ މާހިރުންވަނީ ބުނެފައެވެ. ހަސްފަތާލުތަކަށް ބާރުބޮޑުވުމުގެ ސަބަބުން ބައެއް ސްޓޭޓުތަކުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް އޮކްސިޖަން ހޯދުމަށްވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. ޙާލަތަށް ބަދަލެއް ނާންނަނަމަ ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށްވެސް ޞިއްޙީ މާހިރުން ބުނެއެވެ.