ޚަބަރު

ބޭރުން ރޯދަވިއްލުމާއި ޖަމާޢަތުގައި ތަރާވީޙު ނަމާދުކުރުން ޢުމާނުގައި މަނާކޮށްފި


ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ރަމަޟާން މަހާ ދިމާކޮށް ޢުމާނުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.

ޢުމާނުގައި މިހާތަނަށް 176،668 މީހުންނަށް ކޯވިޑް-19 ޖެހި 1821 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 1،035 މީހުންނަށް ކޯވިޑް-19 ޖެހި 14 މީހުންވަނީ މަރުވެފައެވެ.

ޢުމާނުގެ ސަރުކާރުން އިޢުލާނުކޮށްފައިވާ އެންމެ ފަހުގެ ފިޔަވަޅުތަކުގެ ދަށުން ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ވިޔަފާރިކުރުމާއި އާންމުން ބޭރަށް ނުކުމެ އުޅުންވަނީ މަނާކޮށްފައެވެ. އަދި އެ ޤައުމުގައި ރޭގަނޑު 9ން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުންވެސް މަނާވާނެއެވެ. އޭގެ އިތުރުން މިސްކިތްތަކަށާއި އެހެނިހެން އާންމު ތަންތަނުގައި ރޯދަ ވީއްލުންތައް ބޭއްވުންވެސް މަނާވާނެއެވެ. އަދި މިސްކިތްތަކުގައި ޖަމާޢަތުގައި ތަރާވީޙު ނަމާދެއްވެސް ނުކުރާނެއެވެ. ރަމަޟާން މަސް ނިމެންދެން އިޖުތިމާއީ އެއްވުންތަކާއި ކުޅިވަރު ޙަރަކާތްތަކާއި ޘަގާފީ ޙަރަކާތްތައް ބޭއްވުންވެސް މަނާވާނެއެވެ.

ހަރުކަށި ފިޔަވަޅުތަކެއް ޢުމާނުގައި އެޅި ނަމަވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ވިޔަފާރިތަކަށް ޚާއްޞަ ޙުއްދައެއް ދޫކުރާނެއެވެ. އަދި ޞިއްޙީ ޚިދުމަތްތެރިންނާއި ނޫސްވެރިންނަށް ޚާއްޞަ ޙުއްދައާއެކު މަނާ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނެއެވެ. ޢުމާނުން ބުނީ އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް ބަދަލުކުރުމަށް ނިންމާނީ ޤައުމުގެ ޙާލަތަށް ބެލުމަށް ފަހުކަމަށެވެ.