ޚަބަރު

އެންމެ ގިނަ ވަގުުތު ރޯދައަށް ތިބެންޖެހެނީ ކޮން ޤައުމެއްގައި؟


އޭޕްރީލްމަހުގެ 13 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން މިއަހަރު ރަމަޟާންމަހުގެ ރޯދަ ހިފަން ފަށާފައިވާއިރު، ކޮންމެ އަހަރެއްގެވެސް ރަމަޟާންމަސް ފަށާ ދުވަސް، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 ނުވަތަ 12 ވަރަކަށް ދުވަސް އަވަހެވެ. ހިޖްރީ ކަލަންޑަރު ހިނގާގޮތުން، މިއަހަރު ރޯދަމަސް ފެށި ތާރީހާ ގާތްކުރާ ތާރީޙެއްގައި ރޯދަމަހެއް ދެން ފެށޭނީ ގާތްގަނޑަކަށް މީގެ 33 އަހަރު ފަހުން 2054 ވަނަ އަހަރުއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުން ރޯދައަށް ތިބޭ ވަގުތުގެ ދިގުމިން ތަފާތުވާނެއެވެ. މިގޮތުން 10 ގަޑިއިރެއްހާއިރު ރޯދައަށް ތިބެންޖެހޭ ސަރަޙައްދުތަކުން ފެށިގެން، 21 ގަޑިއިރެއްހާއިރު ވަންދެން ރޯދައަށް ތިބެންޖެހޭ ސަރަޙައްދުތައްވެސް އެބަހުއްޓެވެ.

މިއަހަރުގެ ރޯދަމަސް ފެށިއިރު އީކުއޭޓަރގެ އުތުރަށް އޮންނަ ޤައުމުތައް ނުވަތަ ނޮދަން ހެމިސްފިއަރގެ ޤައުމުތަކަށް މިއީ ބަހާރު މޫސުން ނުވަތަ ސްޕްރިންގއެވެ. އަދި އީކުއޭޓަރގެ ދެކުނަށް އޮންނަ ޤައުމުތައް ނުވަތަ ސަދަން ހެމިސްފިއަރގެ ޤައުމުތަކަށް މިއީ ޚިޒާން މޫސުން ނުވަތަ ޢޯޓަމްއެވެ. މިއާއެކު ދުނިޔޭގެ އެންމެ ދެކުނުގައި އޮންނަ ޗިލީއާއި ނިއުޒިލެންޑްފަދަ ޤައުމުތަކުގައި އުޅޭ މުސްލިމުން ރޯދައަށް ތިބެންޖެހޭ ވަގުތު އިތުރުވެ، ދުނިޔޭގެ އެންމެ އުތުރުގައި އޮންނަ އައިސްލެންޑާއި ޑެންމާކުފަދަ ޤައުމުތަކުގައި އުޅޭ މުސްލިމުން ރޯދައަށް ތިބެންޖެހޭ ވަގުތު ކުރުވާނެއެވެ.

އެންމެ އުތުރުގެ ޤައުމުތަކުގައި އުޅޭ މުސްލިމުން އެވްރެޖްކޮށް ދުވާލަކު 10 ވަރަކަށް ގަޑިއިރު ރޯދައަށް ހުންނަންޖެހޭއިރު، އެންމެ ދެކުނުގެ ޤައުމުތަކުގައި އުޅޭ މުސްލިމުން އެވްރެޖްކޮށް ދުވާލަކު 18 ވަރަކަށް ގަޑިއިރު ރޯދައަށް ހުންނަންޖެހޭނެއެވެ.

އެންމެ ގިނައިރު ރޯދައަށް ތިބެންޖެހޭ ސަރަޙައްދުތަކަށް ބަލަލާއިރު، އެލިސްޓުގެ އެންމެ ކުރީގައި އުޅެނީ ދުނިޔޭގެ އެންމެ އުތުރުން ނޯތު ޕޯލް ކައިރީ އޮންނަ ގްރީންލޭންޑްއެވެ. ގްރީންލޭންޑުގައި ރޯދަ ހިފާ މީހެއްނަމަ 19 ގަޑިއިރާއި 20 ގަޑިއިރު ރޯދައަށް ހުންނަންޖެހެއެވެ. ނަމަވެސް ޚަބަރުތައް ބުނާގޮތުން 56 ހާހެއްހާ މީހުން ދިރިއުޅޭ ގްރީންލޭންޑުގައި އުޅެނީ އެންމެ މުސްލިމެކެވެ.

ގްރީންލޭންޑެކޭ އެއްގޮތަށް، އެސަރަޙައްދުގައި އޮންނަ އައިސްލޭންޑުގައިވެސް 19 ގަޑިއިރެއްހާ ރޯދައަށް ހުންނަންޖެހެއެވެ. ރަސްމީ ލިޔެކިޔުންތައް ދައްކާގޮތުން 3 ލައްކަ 60 ހާހެއްހާ މީހުން އުޅޭ އައިސްލޭންޑުގައި މުސްލިމުންގެ އާބާދީއަކީ ގާތްގަނޑަކަށް 1500 އެވެ.

ގްރީންލޭންޑާއި އައިސްލެންޑަށްފަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެންޖެހެނީ ފިންލެންޑުގެ ވެރިރަށް ހެލްސިންކީގައެވެ. އެ ސިޓީގައި އުޅޭ މުސްލިމުން އެވްރެޖްކޮށް ދުވާލަކު 18 ގަޑިއިރާއި 19 ގަޑިއިރު ރޯދައަށް ހުންނަންޖެހެއެވެ. ސްވިޑަންގެ ސްޓޮކްހޯމް، ސްކޮޓްލެންޑުގެ ގްލާސްގޯ، ނޯވޭގެ އޮސްލޯ، ޑެންމާކުގެ ކޮޕަންހޭގަން، އަދި ރަޝިޔާގެ މޮސްކޯގައި މިއަހަރުގެ ރޯދަމަހު އެވްރެޖްކޮށް ދުވާލަކު 17 ގަޑިއިރާއި 18 ގަޑިއިރާއި ދެމެދު ރޯދައަށް ހުންނަންޖެހޭނެއެވެ.

އެންމެ މަދުވަގުތު ރޯދައަށް ތިބެންޖެހޭ ސަރަޙައްދުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ނިއުޒިލެންޑުގެ ކްރައިސްޓްޗާޗްއެވެ. އެސިޓީގައި އުޅޭ މުސްލިމުން ރޯދައަށް ހުންނަންޖެހޭނީ 11 ގަޑިއިރާއި 20 މިނެޓެވެ. ސައުތު އެމެރިކާގެ ޗިލީގެ ޕޮއޮޓޯމޮންޓް ސިޓީގައި 11 ގަޑިއިރާއި 30 މިނެޓް އެވްރެޖްކޮށް ރޯދައަށް ހުންނަންޖެހޭއިރު، އޮސްޓްރޭލިއާގެ ކެންބެރާގައި 11 ގަޑިއިރާއި 47 މިނެޓް ރޯދައަށް ތިބެންޖެހެއެވެ. އަދި އުރުގުއޭގެ މޮންޓެވީޑިއޯގައި 11 ގަޑިއިރާއި 48 މިނެޓް ރޯދައަށް ތިބެންޖެހޭއިރު، ސައުތު އެފްރިކާގެ ކޭޕްޓައުންގައި ރޯދައަށް ތިބެންޖެހެނީ 11 ގަޑިއިރާއި 52 މިނެޓެވެ. މި ރޯދަމަހު ސައުތު އެމެރިކާގެ ގިނަ ޤައުމުތަކުގައި ރޯދައަށް ތިބެންޖެހެނީ 11 ގަޑިއިރާއި 12 ގަޑިއިރާއި ދެމެދުގެ ވަގުތުތަކަށެވެ.

އެންމެ ގިނައިރު ރޯދައަށް ތިބެންޖެހޭ ޤައުމުތަކާއި އެންމެ މަދުއިރު ރޯދައަށް ހުންނަންޖެހޭ ޤައުމުތަކުގެ އިތުރުން، މުސްލިމުންގެ އާބާދީ ބޮޑު ބައެއް ޤައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތުގެ ދިގުމިނަށް ބަލާއިރު، މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިޔާގައި މި ރޯދަމަހު އެވްރެޖްކޮށް 12 ގަޑިއިރާއި 13 ގަޑިއިރު ރޯދައަށް ތިބެންޖެހެއެވެ. އިންޑިއާއާއި ޕާކިސްތާނުގައި 14 ގަޑިއިރާއި 15 ގަޑިއިރު ރޯދައަށް ތިބެންޖެހޭއިރު، ތުރުކީ، މޮރޮކޯ، އިރާން، އިރާގް، ލުބުނާން، ސޫރިޔާ، މިސްރު، ފަލަސްތީނު އަދި މެދުއިރުމައްޗާއި އަރަބި ގިނަ ޤައުމުތަކުގައި 15 ގަޑިއިރާއި 16 ގަޑިއިރު ރޯދައަށް ތިބެންޖެހޭނެއެވެ.