ޚަބަރު

މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ


ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެއެވެ.

މިފޯރަމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި މިރޭ 21:30 ގައެވެ. އަދި މި ފޯރަމް ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިފޯރަމްގެ މިރޭގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ރަމަޟާންމަހާއި ނަބަވީ ފިލާވަޅު"އެވެ. މި މައުޟޫއަށް ވާހަކަދެއްކުމަށް ބައިވެރިވެވަޑައިގަންނަވާނީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީއާއި ޑރ. ޢަބްދުއްޞައްތާރު ޢަބްދުއްރަޙުމާންއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެޗްޕީއޭގެ އުޞޫލްތަކާ އެއްގޮތަށް ޖަލްސާއަށް އާއްމުންނަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

އިޙްޔާ ފޯރަމަކީ ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބައްވަމުން އަންނަ ފޯރަމެކެއެވެ. އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް މި ފޯރަމް އޮންނާނީ ހޯމަ ވިލޭރެއާއި ހުކުރު ވިލޭރޭގައެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ އެއް ޕްރޮގްރާމެވެ. މިއީ 1980ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހު ކުރިއަށްގެންދާ އިޙްޔާ ފޯރަމްގައި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ދެއްވުމަށްޓަކައި ރާއްޖޭގައި ތިބި ޤާބިލު ޢިލްމުވެރިން ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވައެވެ. މިއަހަރުވެސް މިފަދަ ޢިލްމުވެރިން ތަޤްރީރުދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޙްޔާ ފޯރަމްތައް އަޑުއަހަންދާ ޢާއްމުންގެ ތެރޭގައި ގިނަޢަދަދެއްގެ ސްކޫލްކުދިންނާއި އެކި ޢުމުރުފުރާގެ މީހުން ހިމެނެއެވެ. ރަމަޟާންމަހުގެ ކޮންމެ ހަފްތާއެއްގެ ދެރޭ ގެނެސްދޭ އިޙްޔާ ފޯރަމްގައި މަޝްވަރާކުރަން ކަނޑައަޅާފައިވާ މައުޟޫޢުތަކަކީ، ދިވެހި މުޖުތަކަމަޢުގެ ޙާލަތަށް ރިއާޔަތްކުރުމަށްފަހު އެކަށައަޅާ މައުޟޫތަކެވެ.