ޚަބަރު

ފަހިޕޭ އައި.ޔޫ.އެމް.އެސް.ޔޫ ޤުރްއާން މުބާރާތް ފަށައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުން (އައި.ޔޫ.އެމް.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފަހިޕޭ އައި.ޔޫ.އެމް.އެސް.ޔޫ ޤުރްއާން މުބާރާތް 1442 ފެށިއްޖެއެވެ.

މި ޖަމްޢިއްޔާގެ ފަރާތުން ކޮންމެ އަހަރަކުވެސް ޤުރްއާން މުބާރާތް ބާއްވަމުން އަންނައިރު، އެހެން އަހަރުތަކާއި ޚިލާފަށް ކޯވިޑްގެ ޙާލަތާއި އެކު، މި އަހަރުގެ ޤުރްއާން މުބާރާތް ކުރިއަށް ގެންދަނީ އޮންލައިން މުބާރާތެއްގެ ގޮތުގައެވެ.

ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ބާއްވާ މި ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއިއެކު،ރާއްޖޭގެ 10 ރަށަކުން ފިޔަވާ އެހެން ހުރިހާ ރަށަކުން ގާތްގަނޑަކަށް 2200 އެއްހާ މީހުން މުބާރާތުގައި ރަޖިސްޓްރީވި ކަމަށް އިސްލާމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއިން ބުނެއެވެ. މިމުބާރާތުގައި ރަމަޟާންމަހުގެ ފުރަތަމަ 10 އެއްގައި ކިޔަވާނީ 10 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނެވެ. ދެވަނަ ދިހައެއްގައި 10 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިން ކިޔެވުމަށް ހަމަޖެހިފައިވާއިރު ފަހު ދިހައެއްގައި ކިޔަވާނީ 18 އަހަރުން މަތީގެ މީހުން ކަމަށް އައި.ޔޫ.އެމް.އެސް.ޔޫއިން މަޢުލޫމާތުދެއެވެ. މިމުބާރާތުން މިއިން ކޮންމެ އުމުރުފުރައަކުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، ޓްރޮފީ އާއި ޝީލްޑު ދެވޭނެ ކަމަށް މި ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

މި މުބާރާތާއި ގުޅޭ ގޮތުން އައި.ޔޫ.އެމް.އެސް.ޔޫގެ ރައީސް ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤުސަދަކީ ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އަމިއްލަ ޤައުމުގައި ކުރިއަށް ގެންދެވޭ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ދެވުމެވެ. މީގެ އިތުރުން މި މުބާރާތުގެ ސަބަބުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހުނަރުވެރި ކިޔެވުންތައް ދިވެހި މުޖުތަމަޢުގެ ތެރެއަށް ދޫކުރެވި އެފަރާތްތަކަށް ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި އިތުރު ފުރުޞަތުތައް ލިބިގެންދިޔުމެވެ.