ވިޔަފާރި

އެގްރޯނެޓާއެކު ދަނޑުވެރިން އުފައްދާ ތަކެތީގެ އަގެއް ހުންނަކަން ސާބިތުކޮށްދީފި


ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތީގެ އަގު ހުންނަކަން ދިވެހި ދަނޑުވެރީންނަށް މިހާރު އެނގޭނެކަމަށް އެގްރޯނެޓް ކުންފުނިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެގްރޯނެޓުން ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެގްރޯނެޓް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، އެކުންފުނި އުފެދިގެން އައިތާ އެއް އަހަރު ދުވަސް ވެގެން ދިޔަ އިރު ރާއްޖޭގެ ދަނޑުވެރިންނާއި އެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެކުންފުންޏާއެކު މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރި 1500 އަށް ވުރެ ގިނަ ދަނޑުވެރިންގެ ތެރެއިން 787 ދަނޑުވެރިންނާއެކު އެއްބަސްވުމާއި ހިސާބަށް ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ތެރެއިން 500 އެއްހައި ދަނޑުވެރިންނާއެކު މަސައްކަތް ފެށިފައިވާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ ކުރީން ދަނޑުވެރިކަމުގެ ސިނާޢަތުގައި ނަފާ އެންމެ އެކަށީގެންވާ ގޮތަށް ދަނޑުވެރިންނަށް ނުލިބި އޮތްކަން ހާރޫން ފާހަގަ ކުރެއްވިއެވެ. އެގޮތުން މީގެ ކުރީން ދަނޑުވެރިން ހައްދާ ތަކެތި ގަތުމާއި މާކެޓު ކުރުމުގައި ވަރަށް ބޮޑަށް ބިދޭސީންގެ ހަރަކާތްތެރިވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އަގު ކޮންޓްރޯލް ނުކުރެވި ދަނޑުވެރިންނަށް ފައިދާ އެހާ ބޮޑަށް ނުކުރާކަމަށް އެގްރޯނެޓުން ބުނެއެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތަށް މީގެ ކުރިން އަޅާ ނުލެވިވާކަން ދަނޑުވެރިންވެސް ވެސް ފާހަގަ ކޮށްފައިވާކަމަށް ހާރޫން ވިދާޅުވިއެވެ.

" މިސަރުކާރުގެ ސިޔާސަތަކީ ދަނޑުވެރިކަމުގެ ސެކްޓަރ ކުރިއެރުވުމަށް ދިވެހި ދަނޑުވެރިން އަތުގައި ހިފައިގެން ކުރިއަށް ދިއުން. ދަނޑުވެރިން އަމިއްލައަށް އުފައްދާ ބާވަތް މާކެޓު ކުރުމަށް މަސައްކަތް ކުރަނީ. ސަރުކާރުގެ އެއްވެސް ދިމާލަކުން އޭގެ ރިޕޯޓެއް ފެންނާކަށް ނެތް. މިހާރު އެބަ އެނގޭ އުފައްދަނީ ކޮން ބާވަތެއްކަން. މާކެޓު ކުރެވެނީ ކިހާވަރެއް ކަން. ދަނޑުވެރިންނަށް އެކު މިމަސައްކަތް ކުރެވޭ ކަމަށް ވާނަމަ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ނަފާ އެއް ލިބޭނެ ކަމުގެ ޔަޤީން ކަން އެބައޮތް. " ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓުން ވިދާޅުވި ގޮތުގައި އެކުންފުނިން ދަނޑުވެރިން އަތުން ތަކެތި ގަންނަނީ ފިކްސްޑް ރޭޓެއްގައި ކަމަށެވެ. އަދި އެގަންނަ ބާވަތް ވިއްކާނީ ވެސް ފިކްސްޑް ރޭޓެއްގައި ކަމަށާއި، އަދި ފައިސާ ވެސް ޖަމާ ކުރާނީ ސީދާ ދަނޑުވެރިޔާގެ އެކައުންޓަށްކަމުން އޭގެ ސަބަބުން ދަނޑުވެރިންނަށް ސީދާ ނަފާ ލިބޭނެ ކަމަށް ހާރޫން ވިދާޅުވިއެވެ. އެހެންވުމާއެކު މިހާރު ދަނޑުވެރިން އުފައްދާ ބާވަތްތަކުގެ އަގު ހުރި މިންވަރު ދަނޑުވެރިންނަށް މިހާރު އެނގޭނެކަމަށް ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓުން ޕެންޑެމިކެއްގެ ތެރޭގައި މަސައްކަތް ފެށި ކަމުގައި ވިއަަސް ސިނާޢާތް ކުރިއެރުވުމަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ރިސޯޓުތަކަށާއި އަދި ވިޔަފާރިތަކަށް އެކުންފުނިން މިހާރުވެސް އެކި ބާވަތްތައް ވިއްކަމުންދާ ކަމަށާއި ރޯދަމަހަށް ހާއްސަ ކޮށްގެންވެސް އެކި ބާވަތްތައް ގަތުމުގެ މަސައްކަތް ކުރަމުންދާކަން އެކުންފުނިން ފާހަގަކުރެއެވެ.