ޚަބަރު

7 ރަށެއްގެ ފެނުގެ ނިޒާމަށް ބޭނުންވާ ފައިސާ "އޮފިޑުން" ދެނީ


ހަތް ރަށެއްގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ އޮޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑްގެ އެހީގެ ދަށުން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މި މަޝްރޫއުގެ ދަށުން ފައިސާ ހަމެޖެހުނު ރަށްތަކަކީ ނ.ހޮޅުދޫ، ނ.މާފަރު، ރ.އިނގުރައިދޫ، ރ.މާކުރަތު، ބ.ކެންދޫ، ކ.ގާފަރު، އަދި ކ.ދިއްފުއްޓެވެ. މިރަށްތަކުގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އޮފިޑްގެ އެހީގައި މިހާރުވެސް ރާއްޖޭގެ ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެރަށްތަކުގައި މިވަގުތު ކުރިއަށްދަނީ ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.