ޚަބަރު

ހުޅުމާލެ މާސްޓަރ ޕްލޭނަށް އޮނަރަބަލް އެވޯޑެއް


ބައިނަލްއަޤުވާމީ އަރކިޓެކްޗަރ އެވޯޑް ޕްރޮގްރާމެއްކަމުގައިވާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް (އޭ.އެމް.ޕީ) ގެ ފަރާތުން ކޮންމެ އަހަރަކު ދޭ އޮނަރަބަލް އެވޯޑް ހުޅުމާލެ މާސްޓަރ ޕްލޭނަށް ލިބިއްޖެއެވެ. ހުޅުމާލޭގައި އަންނަނީ ތަފާތު ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގަމުންނެވެ.

ހުޅުމާލެއަކީ، މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާޢީގޮތުންނާއި އުމްރާނީގޮތުންވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުރިހަމަ މާސްޓަރ ޕްލޭންއެއް އެކުލަވާލައިގެން ތަރައްޤީކުރަމުން އަންނަ ރަށެކެވެ.

މި މަޝްރޫޢުއަށް ވަނީ ބައިނަލްއަޤުވާމީ ގޮތުން ގިނަ އެވޯޑްތަކެއް ލިބިފައެވެ. މިގޮތުން ބައިނަލްއަޤުވާމީ އަރކިޓެކްޗަރ އެވޯޑް ޕްރޮގްރާމެއްކަމުގައިވާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް (އޭ.އެމް.ޕީ) ގެ ފަރާތުން ކޮންމެ އަހަރަކު އާކިޓެކްޗަރ ދާއިރާއިން ދެމުން ގެންދާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒްގެ އޮނޮރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗަރ / އަރބަން ޕްލޭނިންގެ އެވޯޑް ވަނީ ހުޅުމާލެ މާސްޓަރ ޕްލޭންއަށް ލިބިފައެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗަރ އަދި އަރބަން ޕްލޭނިން ރޮނގުން ފާހަގަކުރެވޭ މަސައްކަތްތަކެއްގެ އަގު ވަޒަންކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ މަޝްރޫއުތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭންއެއްކަން ފާހަގަކޮށްފައެވެ.

ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްޤީކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ޙިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަށް އެޗް.ޑީ.ސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ ކުންފުނީގެ 20 އަހަރުގެ ތާރީޙުގައި ލިބިފައި ތަޖުރިބާގެ އަލީގައި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ގިނަ ރަށްތަކެއް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ނިންމާ "ބިޔޯންޑް ހުޅުމާލެ"ގެ ނަމުގައި ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ހުޅުމާލޭގައި އަންނަނީ ތަފާތު ބިޔަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. ޚާއްސަގޮތެއްގައި މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހަިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެކި ފެންވަރުގެ ފްލެޓްތަކާއި ގެދޮރު އަންނަނީ ބިނާކުރަމުންނެވެ. ދެ ފިޔަވަހި އޮންނަ ހުޅުމާލޭގައި ތާފާތު މަޝްރޫއުތައް ހިންގާއިރު ފުރަތަމަ ފިޔަވހީގެ އިތުރަށް ދެވަނަ ފިޔަވހީގައިވެސް މީހާރު އަންނަނީ މީހުން އާބާދުވަމުންނެވެ.