ޚަބަރު

އައިއޭއީއޭއިން ނަޠަންޒަށް ޒިޔާރަތްކޮށްފި، ސަޢުދީ ޢަރަބިއްޔާގެ ބޮޑެތި ކަންބޮޑުވުންތަކެއް


އދގެ ނިޔުކުލިޔަރ ހަކަތަޔާބެހޭ އިދާރާ އިންޓަނޭޝަނަލް އެޓޮމިކު އެނަރޖީ އޭޖެންސީ އައިއޭއީއޭގެ ވަފުދެއް އީރާނުގެ ނަޠަންޒުގައި ހުންނަ ނިޔުކުލިޔަރ މަރުކަޒަށް ޒިޔާރަތްކޮށްފިއެވެ. އައިއޭއީއޭގެ ވަފުދެއް ނަޠަންޒުގައި ހުންނަ މަރުކަޒަށް ޒިޔާރަތްކޮށްފައިވަނީ އެ މަރުކަޒަށް ބަޔަކު ޙަމަލާއެއް ދިނުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

ނަޠަންޒުގައި ގޮވުމުގެ ޙާދިޘާއެއް ހިނގާފައިވާކަމަށް އީރާނިޔަން ނިޔުކުލިޔަރ އޭޖެންސީން ބުނީ އޭޕުރިލް މަހުގެ 11ވަނަ ދުވަހުއެވެ. އެ ގޮވުން މެދުވެރިވީ ކަރަންޓަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމަށާއި އެ ހާދިޘާގެ ސަބަބުން އެ މަރުކަޒަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ޙަމަލާގެ ފަހަތުގައިވަނީ އިސްރާއީލުކަމަށް އީރާނުން ތުހުމަތުކުރެއެވެ. އެ ޙަމަލާއަށްފަހު އީރާނުގެ ނިޔުކުލިޔަރ ޙަރަކާތްތައް އިތުރުކޮށް އެ ޤައުމުން ޔުރޭނިޔަމް ފައްކާކުރާ މިންވަރު 60 އިންސައްތައަށް އިތުރުކުރާނެކަމަށްވަނީ ބުނެފައެވެ.

އައިއޭއީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ނިޔުކުލިޔަރ ޙަރަކާތްތައް އެ އިދާރާއިން ގާތުން ބަލާނެކަމަށެވެ. އެގޮތުން އޭޕުރިލް މަހުގެ 15ވަނަ ދުވަހު ނަޠަންޒުގައި ހުންނަ މަރުކަޒަށް އެ އިދާރާގެ ވަފުދެއް ޒިޔާރަތްކޮށް ކަންކަން ބަލާފައިވާކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ. އީރާނުގެ ނިޔުކުލިޔަރ މަޝްރޫޢުއާބެހޭ މަޢުލޫމާތު އައިއޭއީއޭގެ ގަވަރުނަރުންގެ ބޯޑާ ޙިއްޞާކުރަމުންދާނެކަމަށްވެސް އައިއޭއީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ނަޠަންޒުގައި ހުންނަ މަރުކަޒަށް ލިބިފައިވާ ގެއްލުމާ ގުޅޭގޮތުން އެ ބަޔާނުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ސޮއިކުރި ނިޔުކުލިޔަރ އެއްބަސްވުމުގެ ދަށުން ނިޔުކުލިޔަރ ހަކަތަ އުފެއްދުމަށް އެ ޤައުމުން ކުރާ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެމެރިކާގެ ނިންމުމަށް ސަޢުދީ ޢަރަބިއްޔާއާއި ގަލްފުގެ ޤައުމުތަކުން އޭރުވަނީ ތާޢީދުކޮށްފައެވެ. އެ އެއްބަސްވުމުން އެމެރިކާއިން ވަކިވުމުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންކަން ކުރަން ފަށައިފައެވެ.

ސަޢުދީ ޢަރަބިއްޔާއިންވެސްވަނީ އީރާނުގެ ނިޔުކުލިޔަރ ޙަރަކާތްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފައުޅުކޮށްފައެވެ. ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ 60 އިންސައްތައަށް ޔުރޭނިޔަމް ފައްކާކުރުމަށް އީރާނުން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވާކަމަށެވެ. އަދި އެފަދަ ޢަމަލުތަކަކީ ޞުލްޙަވެރި ނިޔުކުލިޔަރ މަޝްރޫޢުއެއްގައި ހިމެނޭނެ ކަންކަމެއް ނޫންކަމަށްވެސް ސަޢުދީ ޢަރަބިއްޔާއިން ފާހަގަކުރެއެވެ. 2015ވަނަ އަހަރުގެ ނިޔުކުލިޔަރ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރުން ހުއްޓައިލުމަށާއި އެ އެއްބަސްވުމާ ގުޅޭގޮތުން ހަރުދަނާ މަޝްވަރާތަކެއް ކުރުމަށް ސަޢުދީ ޢަރަބިއްޔާއިންވަނީ އީރާނަށް ގޮވާލައިފައެވެ.