ޚަބަރު

ސެޕްޓެންބަރު 11ގެ ކުރިން އަފްޣާނިސްތާނުން އެމެރިކާއާއި ނޭޓޯގެ ސިފައިން ބާލަނީ


ސެޕްޓެންބަރު 11ގެ ކުރިން އަފްޣާނިސްތާނުން އެމެރިކާގެ ސިފައިން ބާލަން ނިންމަވާފައިވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާނުކުރައްވައިފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޖެހެއެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސްގައި ހުންނަވައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އަފްޣާނިސްތާނުގައި ބާކީ ތިބި އެމެރިކާގެ ސިފައިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަނބުރާ ޤައުމަށް ގެންނަވާނެކަމަށެވެ. އެ މަސައްކަތް ފައްޓަވާނީ މެއި މަހުގެ 1ވަނަ ދުވަހުކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަކުރުމަށްކަމަށް ބުނެ މީގެ 20 އަހަރު ކުރިން އެމެރިކާއިން އަފްޣާނިސްތާން އަޅުވެތިކުރިފަހުން ސިޔާސީ ދެ ފިކުރަކަށް ނިޞްބަތްވާ ތިން ރައީސުން އެމެރިކާގެ ވެރިކަންކުރައްވާފައިވާކަން ފާހަގަކުރައްވަމުން ބައިޑަން ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެނައުމުގެ މަސްޢޫލިއްޔަތު އިތުރު ރައީސަކަށް ނުޖައްސަވާނެކަމަށެވެ. މިއީ އެމެރިކާއިން ކުރަމުންދާ އެންމެ ދިގު ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭ ވަގުތުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހަކީ ރަމުޒީގޮތުން މުހިންމު ދުވަހެކެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯޖު ޑަބްލިޔު ބުޝް އަފްޣާނިސްތާނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމު އަޅުވެތިކޮށްފައިވަނީ މީގެ 20 އަހަރު ކުރިން އަލްޤައިދާ ޖަމާޢަތުން އެމެރިކާއަށް ދިން ނިރުބަވެރި ޙަމަލާއާ ގުޅިގެންނެވެ.

އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ފައުޖުތައްވެސް ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އެ ޤައުމުން ބޭލުމަށް ނޭޓޯގެ މެންބަރު ޤައުމުތަކުންވެސްވަނީ ނިންމައިފައެވެ. އެ ނިންމުން ނިންމާފައިވާކަން އިޢުލާނުކުރެއްވީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނެވެ. އެމެރިކާގެ ސިފައިންގެ އިތުރުން ނޭޓޯގެ ޤައުމުތަކާއި އޮސްޓުރޭލިޔާއާއި ނިއު ޒީލެންޑާއި ޖޯޖިޔާއަށް ނިޞްބަތްވާ 7،000އެއްހާ ސިފައިން އަފްޣާނިސްތާނުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް އެ ފައުޖުތަކުގެ އަސްކަރީ މަސައްކަތްތައް ކުރިޔަށްގެންދިޔުމަށް ބަރޯސާވަނީ އެމެރިކާއަށެވެ. ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ނިންމީ އަފްޣާނިސްތާނުގައި ބޭނުންކުރާ ބަރު ހަތިޔާރު ރައްކާތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް އެމެރިކާގެ އެހީތެރިކަމަށް އެ ފައުޖުން ބަރޯސާވާތީއެވެ.

ނޭޓޯއިން ބުނީ އަފްޣާނިސްތާނުން އެ އިއްތިޙާދުގެ ފައުޖުތައް ބޭލުމަކީ އަފްޣާނިސްތާނާއެކު އޮންނަ ގުޅުމުގެ ނިމުން ނޫންކަމަށެވެ. އަފްޣާނިސްތާނުގެ ރައްޔިތުންނާއެކު ނޭޓޯ އަބަދުވެސް އޮންނާނެކަމުގެ ޔަޤީންކަން ދެމުން އެ އިއްތިޙާދުން ބުނެފައިވަނީ މިއީ އަފްޣާނިސްތާނުގައި ހިނމުންދާ ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުންތައް ހުއްޓާލައި ޞުލްޙަ ޤާއިމުކުރުމަށް އަފްޣާނިސްތާނުގެ ރައްޔިތުން މަސައްކަތްކުރަންވީ ވަގުތުކަމަށެވެ.