ޚަބަރު

3 ރަށެއްގެ ސިއްޙީ މަރުކަޒު މަރާމާތު ކުރުމަށް ހަވާލުކޮށްފި


ތިން ރަށެއްގެ ސިއްހީ މަރުކަޒުތައް މަރާމާތު ކުރުމަށް ހެލްތް މިނިސްޓްރީން މިއަދުވެސް ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރ. ދުވާފަރު ސިއްހީ މަރުކަޒުގެ ނުނިމިހުރި މަސައްކަތްތަކާއި، އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލަވަރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.  މި ދެ މަސައްކަތަށް ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ހެލެތް މިނިސްޓްރީން މައުލޫމާތުދެއެވެ. ދެން ހަވާލުކުރެވުނީ ލ.މާބައިދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތާއި، ތ.ހިރިލަންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތްތެވެ. ލ.މާބައިދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ހަވާލުކުރެވުނީ ލައުޒަން އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއެވެ. .ހިރިލަންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ހަވާލު ކުރެވުނީ އައިނާ ވުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެ މަސައްކަތަށްވެސް 1.2 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންއިރު އެންމެ ބޮޑު ތަރައްގީއަކަށް ބޭނުންވެފައި އޮތީ ސިއްހީ ދާއިރާކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި 118 ރަށެއްގައި މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް މިނިސްޓަރ އިރުތިޝާމް މި ރަސްމިއްޔާތުގައި ވިދާޅުވިއެވެ. މިއަހަރުގެ ބަޖެޓުން އެކަނިވެސް 316 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށާއި، މިއަހަރު ފެށި މަސައްކަތްތަކުގެ ތެރެއިން އަށްޑިހަ އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން އިރުތިޝާމް ވިދާޅުވިއެވެ.   މީގެ އިތުރުން އަތޮޅު ތެރޭގައި ސިއްހީ ޚިދުމަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެސް.ޓީ.އޯއާއި ހަވާލުކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ޚިދުމަތްދޭ ބޭސް ފިހާރައެއް ހުޅުވާފައިވާއިރު، މިއަހަރުގެ ތެރޭގައި އަލަށް ގެނައި 50 އެންބިއުލާންސާއެކު ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސްތައް ހަމަކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.