ޚަބަރު

ހުކުރުު ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ ޢިއުލާންކޮށް ނިންމަނީ


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލަން އަމާޒު ހިފާފައި ވާކަމުގައި އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ ވަގުތީ ނަތީޖާ އިޢުލާން ކުރުމުގެ މަސައްކަތް މިހާރުވެސް ކޮމިޝަނުން ކުރަމުންދާކަމަށެވެ. އަދި ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާތައް މިހާރުވެސް އިޢުލާން ކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ ހުކުރު ދުވަހުގެ ކުރިން ހުރިހާ ފޮށްޓެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށް ދާއިމީ ނަތީޖާ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިޢުލާން ކުރުމަށް ކަމަށެވެ.

ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ. ހަބީބް ވިދާޅުވީ ވަގުތީ ނަތީޖާތަކަށްފަހު އިންތިޚާބާއި ގުޅިގެން އާންމު ފަރާތްތަކުންނާއި، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވަ ހުރިހާ މައްސަލައެއް ބެލުމަށްފަހު ދާއިމީ ނަތީޖާ އިއުލާން ކުރާނެކަމަށެވެ. އިންތިޚާބާ ގުޅިގެން މިހާތަނަށް 89 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 21 ޝަކުވާއަކީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ޝަކުވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޙާލަތު ހުރިގޮތުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ނިކުންނާނެ ކަމަށް ލަފާކުރި އަދަދަށްވުރެ އިތުރަށް މީހުން ވޯޓުލާން ނިކުމެފައިވާކަމަށެވެ. އެގޮތުން ކޯވިޑާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަންދާޒާކޮށްފައިވަނީ ވޯޓުލުމަށް ނުކުންނާނީ ޙައްގުލިބިފައިވާ މީހުންގެ ތެރެއިން 45 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ ޢަދަދެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ވޯޓުލުމުގެ ހައްޤު ލިބިފައިވާ 273128 މީހުންގެ ތެރެއިން މުޅި ރާއްޖެއިން 67 އިންސައްތަ ވޯޓުލާން ނުކުމެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އޭގެތެރެއިން 22 އިންސައްތައަކީ މާލެއިން ވޯޓުލުމަށް ނިކުތް މީހުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.